ދެބަންދިހާރު ޔާމީނު
ދައުލަތުގެ ތެރޭގައި ވަގުހަންލީ ޔާމީނުގެ އެޖެންޓުން
އެއްވެސް އިރަކު އެއްވެސް ތަނެއްގައި މާފިޔާ ގޭންގް ލީޑަރުންގެ މައްޗަށް ގާނޫނީ ބާރު ހިންގުމަކީ ފަސޭހަކަމެއް ނޫނެވެ. އެންމެ ނުރައްކާތެރި މާފިޔާ ލީޑަރ އެންމެ ބޮޑު މުލުވަގު ގާނޫނީ ބާރު ނުހިނގާ ވާހަކަ ދައްކަނީ އޭނާގެ މައްޗަށް ގާނޫނީ ބާރު ނުހިނގާތީއެވެ. މުލުވަގުގެ މައްޗަށް ގާނޫނީ ބާރު ނުހިނގަނީ ނުހިންގޭ ގޮތަށް ދުރާލާ ތަރުތީބުކޮށްގެން ހުންނާތީއެވެ.
މުޅިދައުލަތުގެ ތެރޭގައި ވަގު ހަން ލައިގެން މުލުވަގުގެ އެޖެންޓުންނެވެ. ފުލުހެއް އެންޓިކޮރަޕްޝަނެއް ކޯޓެއް އެކަމުން އިސްތިސްނާނުވެއެވެ. ކަންކަން ހަމަ މަގުން ކައްސުވާލުމަށް މުލުވަގު ބޭނުން ކުރާ އެންމެ ނުރައްކަތެރި ބަޔަކީ ކޮންމެ އިދާރާއެއްގައި ވެސް ތިބޭ ތަންފިޒީ މުއައްޒަފުންނެވެ. ތަންތާގެ އިސްވެރިންނަށް ވުރެ މިބައިގަޑުގެ ނުރައްކާތެރިކަން ބޮޑެވެ. ކަންކަން މަތިއަޅާ އޮޅުން ބޮޅުން ކުރަނީ އެމީހުނެވެ. ކޮންމެ ނިންމުމެއް ނިމިގެންދަނީ މަކަރުވެރި ކަމާއެކު ވަގުހަންލީ އެޖެންޓުން ކޮށާމަށާ ބައްޓަން ކޮށްފައި އޮންނަ ގޮތަކަށެވެ.
ތަހުގީގެއް ނަމަ ސާބިތުކުރެވޭ ގޮތަށް އޮތް ހެއްކެއް ގަރީނާއެއް އިޖުރާއަތު ހަމަވާ ގޮތަކަށް އޮތަކަ ނުދޭނެއެވެ. ފެންނަ ތަން ފާހަގަ ނުކޮށް ބެދޭމަޅި ދޫކޮށް ލާނެއެވެ. ދައުވާކޮށް ޝަރީއަތް ކުރެވޭނީ ބެދޭމަޅި ދޫވެފައި އޮންނަ ތަހުގީގެއްގެ މައްޗަށެވެ. ވެރިކަމުގައި ހުރެ ތަރީހު ނުދެކޭ ވަރުގެ ބޮޑެތި ވައްކަން ކޮށްގެން ހުރެ ޔާމީނަށް އަނގަ ފުޅާކުރެވެނީ އެހެންވެއެވެ. ހަތްދިހަ އަށްޑިހަ ފަޅުރަށާއި ފަޅުގެ ވަގު ޑީލު ހިންގާ ބިލިޔަނުން ދައުލަތް ދަވާލައިގެން ހުރެ އެއިން އެއްވެސް ކަމެއް ނުދެނެ ހުރީމޭ ޔާމީނު އެކިޔަނީ ކިޔެން އޮވެގެނެވެ. ޔާމީނުގެ މައްޗަށް ކުށް ސާބިތު ނުކުރެވޭ ގޮތަށް ކަންކަން ތަރުތީބުކޮށް ދައުލަތުގެ ތެރޭގައި އަތުރާފައި ތިބި ވަގުހަންލީ އެޖެންޓުން އެ މީހުންގެ ދައުރު ބަރާބަރަށް އަދާ ކުރާތީއެވެ.
އެންމެ ސަޅި ކަމަކީ ޔާމީނު ވެރިކަމުގައި ދައުލަތުން ގެއްލުނު ފައިސާ މި ވެރިކަމުގައި ދައުލަތަށް ހޯދާ ނުދެވޭ ވާހަކަ ޔާމީނު ދެއްކުމެވެ. މީހެއްގެ ހަޔާތް ކުޑަކަން ހުރި ވަރަކީ މި ހުރީއެވެ. އަނެއް ކޮޅުން ތިމާ ކުރި ވައްކަން މަތިޖަހާ އޮޅުވާލުމަށް މި ސަރުކާރަށް ވައްކަމުގެ އިނގި ދިއްކުރަނީ ހޭނުބަހައްޓައެވެ.
ނަގަނަގާފައި ދައްކަނީ ވެންޓިލޭޓަރ ތަކެއްގެ ވާހަކައާއި ބަދަލު ދޭ ވާހަކައެވެ. އެހަށް އެ ބުނާ ވެންޓިލޭޓަރ ވާހަކަ ދައްކާ ލަމާހެއްޔެވެ. އޭރަކީ ރައްޔިތުންގެ ދިރިތިބުމާ މަރުވެދިއުމާ މެދު ސުވާލު އުފެދި ގޮތް ހުސްވެ މުޅި ދުނިޔެ ވެންޓިލޭޓަރަށް ޖެހި ފައިވާ ވަގުތެކެވެ. މުޅި ދުނިޔޭގެ ހުރިހާ ގައުމަކުން ވެސް ހޯދުނު ގޮތަކަށް ވެންޓިލޭޓަރ ހޯދަން ތެޅި ފޮޅެނީއެވެ. އެމެރިކާ ފަދަ މުއްސަދި ފޯރާ ގައުމުތައް ވެސް އޮތީ ވެންޓިލޭޓަރަށް ޖެހި ގޮތް ހުސްވެފައެވެ.
ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ބޭނުންވާ ވެންޓިލޭޓަރު ހޯދައިދޭން ބުނާ ބަޔަކު ހުށަހަޅާ ގޮތަކަށް އެއްބަސް ވެގެން ވެސް ވެންޓިލޭޓަރ ހޯދުން ނޫން ގޮތެއް އޭރަކު ނެތެވެ. ޑަބްލިޔޫ އެޗް އޯ ގެ ސަރަހައްދީ އޮފީހުގެ ލަފަޔާ އެއްގޮތަށް ބަޔަކާ ވެންޓިލޭޓަރު ގަތުން ހަވާލު ކުރީ ދެވަނަ އެހެން ގޮތެއް ނެތިގެންނެވެ. ހުރިހާ އިޖުރާތުތައް ފުރިހަމަ ކޮށްގެން ކަންކަން ކުރެވޭހާ މޫސުމެއް އޭރަކު ނެތެވެ. މުޅި ދުނިޔެ އޮތީ މަރުތަޅުގައެވެ. އޮފީސްތައް ބަންދެވެ. އެންމެން ތިބީ ނިކުމެ އުޅުމަށް މަނާ ވެގަނެގެންނެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައެވެ. ކުރި ކޮންމެ ކަމެއް ކުރަންޖެހިފައި އޮތީ ކުއްލި ނުރައްކަލެއް ގޮތަށެވެ.
ދަނޑިވަޅުގެ ފައިދާ ނަގައިގެން ބޭރު ބަޔަކު ވެންޓިލޭޓަރ ގަނެދިނުމުގެ ނަމުގައި ސަރުކާރުން ފައިސާ ތަކެއް ހޯދައިގެން، ބޭނުންވި އަދަދަށް ވެންޓިލޭޓަރު ފޯރުކޮށް ނުދިނުމަކީ ސަރުކާރުގެ ވެރިން ކުރި ވައްކަމެއް ނޫނެވެ. އެ ބަޔަކު ހޯދައިގެން އެފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އެބަ ދެއެވެ. އެކަމަކީ ވައްކަމެއް ކަމަށް ސިފަކޮށްގެން ވަގަށް ގޮވަނީ އެމްއެމްޕީއާރުސީގެ ވައްކަމަކީ އާދައިގެ ކަމެއް ކަމަށް ހަދަން ވެގެނެވެ.
ޔާމީނު ސަރުކާރަށް ވުރެ ބޮޑަށް ކޮރަޕްޝަން ހިންގާ، ވައްކަންކުރި ސަރުކާރެއް މި ފަހުގެ ތާރީހެއްގައި ރާއްޖެ ދެކިފައި ނުވާކަމަށް މުޅި ދުނިޔެ ގަބޫލު ކުރެއެވެ. ބުއް ބޯން އޮން ކުޑަ ކުއްޖާއަށް ވެސް އެކަން އެނގެއެވެ. އެ ގަބޫލު ކުރުން ބަދަލު ކުރަން ކަރުން ނާރުނަގާ ޔާމީނު މި ސަރުކާރަށް ނިސްބަތްކޮށް އެހެން ގޮވިޔަސް އެ ހަގީގަތް ބަދަލެއް ނުކުރެވޭނެއެވެ. ދެބަންދިހާރުވެ ދިގު ނިންޖަކުން ނިދާފައި އޮތީ އެހެން ބައެއް ނޫނެވެ. ޔާމީނެވެ.