ޔާމީނު ޖެހި ދަންމަޅީގައި މުއިއްޒު ބެދި ހަނާވަނީ!
ރައްޔިތުން ބަނޑަށް މަރައިގެންވެސް ޔާމީނު ބޭނުންވީ ވެރިކަން
ޔާމީނުގެ އަނިޔާވެރިކަން ބޮޑުވެ ފެބްރުއަރީ އެކެއްގެ ކޯޓު އަމުރު ނެރުމުގެ ފަހަތުައި އޮތީ އިންޑިއާ ކަމަށް ޝައްކުކޮށް ތިބި އިންޑިއާ ސިފައިންގެ ވިސާ އާކޮށް ނުދޭން ނިންމާ ހެލްކޮޕްޓަރތައް ފޮނުވާލަން ޔާމީނު ވެރިކަމުގައި އުޅުނެވެ. އިންޑިއާ އާއި މެދު ނުނިޔަތްލާ ޔާމީނުގެ ވެރިކަމަށް އޮތް ބިރަކީ އިންޑިއާ ކަމަށް ޔާމީނު ދުއްޓެވެ. އޭރު އޮތީ ޗައިނާގެ އުނގުތެރެއަށް ނިކަން ރަނގަޅަށް ޔާމީނު ވަދެގަނެގެވެ.
ދިވެހީންނަށް ޔާމީނުގެ އުނދަގޫ ބޮޑުވެ ޔާމީނު ގެ ގަދަފަދަ އަނިޔަވެރި ވެރިކަން ރައްޔިތުން ނިންމާލީ %65 އަށް ވުރެ މަތީ އަގުލަބިއްޔަތަކުންނެވެ. މުޅި ރާއްޖެހެން ޔާމީނާ ދެކޮޅަށް ތެދުވެ 2018ގައި ރައްޔިތުން ވެރިކަން ފޮރޮޅާލީ އެމްޑީޕީ ލީޑްކުރާ ކޯލިޝަނެއްގެ އަތް މައްޗަށެވެ.
އެހެން އެކަންވެ އެމްޑީޕީ ކޯލިޝަނުން އަމާން އޮމާން ބަދަލު ހިފުމެއްނެތް ވެރިކަމެއް ކުރަން ފެށިތަނާ ކޮވިޑްގެ އާލަމީ ވަބާ ކުރިމަތިވެ ދުނިޔެ ހުއްޓުނީއެވެ. ފަތުރުވެރިކަމަށް ބަރޯސާ ވެފައިވާ ރާއްޖެއަށް އެކީ އެކައްޗަކަށް އާމްދަނީ ހުއްޓުނެވެ. ބޯޑަރތައް ބަންދުވެ ދަތުރުފަތުރު ހުއްޓިފައި އޮތުމުން ބާނާ މަސްކޮޅު ބޭރުކޮށްގެން އާމްދަނީ ހޯދޭނެ ގޮތެއް ވެސް އޭރަކު ނެތެވެ.
ކޮވިޑްގެ ހާލަތުގައި ސަރުކާރުތަކުން އިސްކަންދިނީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށެވެ. ގިނަ ގައުމުތައް އެކަމުގައި ފޭލިވެ ސަރުކާރުތައް ހޫނު ފެނަށް ވެއްޓުނެވެ. ނަމަވެސް ރާއްޖޭގެ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުން ސަރުކާރުގެ މުއައްޒަފުންގެ މުސާރައިން ބައިސެންޓް ވެސް އުނިނުކޮށް މުއައްޒަފަކު ނުކަނޑާ ގައުމު ބަނޑަށް ނުޖެހި ކޮވިޑުން އަރައިގަތީ މުޅި ދުނިޔޭގެ ތައުރީފް ހޯދަމުންނެވެ.
ކާންބޯން ނުލިބިގެން ރައްޔިތުން ހާލުގައިޖެހި ރައްޔިތުން މަގުމައްޗަށް ނިކުމެ ސަރުކާރު ވައްޓާލާނެ ކަމަށް ޔާމީނު ކުރި އުންމީދު ދިޔައީ ތޮޅިއަށެވެ. ޔާމީނު އުންމީދު ކޮށްގެން ހުރީ ކޮވިޑާއެކު ސަރުކާރު ވެއްޓިގެން ދާނެކަމަށެވެ. މިންވަރުފުޅުން އެކަމެއް އެހެނެއް ނުވިއެވެ.
އެކަން އެހެން ނުވީ އަވައްޓެރި އިންޑިއާއިން ރާއްޖޭގެ ރައްޔިތުންނަށް ހިފެއްހެއްޓުމެއް ނެތި ވީއެހީތެރިކަމުގެ ސަބަބުންކަން ޔާމީނު ގަބޫލު ކުރިއެވެ. އިންޑިއާގެ އެހީތެރިކަން ހުއްޓުވައިގެން ނޫނީ ސަރުކާރު ބަލި ނުކުރެވޭނެކަމަށް ދެކިގެން އިންޑިއާ އައުޓް ކެންޕޭން ޔާމީނު ޖެއްސީއެވެ. އެކަން އޭނާ ކުރީ ނެތް ހާލަތެއް އުފައްދައިގެންނެވެ.
ޔާމީނު ވެރިކަމުގައި އިންޑިއާ ލައްވާ އަޅަންފެށި ޕޮލިސް އެކަޑަމީއަކީ އިންޑިއާގެ މިލިޓަރީ ބޭހެއް ކަމަށް އިންޑިއާ އައުޓް ކެންޕޭނުގައި އަޑު އެރުވިއެވެ. ޔާމީނުގެ ވެރިކަމުގައި އުތުރު ތިލަފަޅުގައި އަޅަން އެއްބަސްވެ ނިންމަފައިވާ މިލިޓަރީ ޑޮކްޔާޑަކީ އިންޑިއާގެ މިލިޓަރީ ބޭހެއް ކަމަށް ރައްޔިތުންނަށް ދެއްކިއެވެ.
ކައްދޫ އެއަރޕޯޓަކީ މިލިޓަރީ އެއަރޕޯޓަކަށް ބަދަލު ކުރުމުގެ ޕްލޭން ރާވާ އެތަން ތަރައްގީކުރަން އިންޑިއާ އާއި ވާހަކަ ދެއްކާ ހެދީ ހޮދު ޔާމީނެވެ. ހަނިމާދޫ އެއަރޕޯޓާއި އައްޑޫ ގަމުގައި ސަރަހައްދު ބަލަހައްޓާ ފާރަވެރިވުމަށް ވައގެ އޮޕަރޭޝަންތައް އިންޑިއާ އަޝްކަރިއްޔާ ލައްވާ ހިންގުމުގެ ހުރިހާ ކަމެއް އިންތިޒާމުކުރީ ވެސް ޔާމީނެވެ. މުއިއްޒުގެ އެޓޮލްސް މިނިސްޓަރ އާދަމް ޝަރީފު އުމަރާއި މުއިއްޒުގެ ކޯލިޝަން ޕާޓްނަރ ކާނަލް ނާޒިމާއި ދެމީހުން ދިފާއީ ވަޒީރުކަމުގައި ތިބެއެވެ.
ހުސް ގޮނޑި ބަހައްޓައިގެން ޔާމީނު ފޮޓޯ ގަނޑުގެ ނިވަލުގައި ކެންޕޭނުކުރި މުއިއްޒަށްވެސް މަޖުބޫރުވީ ވެރިކަން ހޯދުމަށްޓަކާ އިންޑިއާ އައުޓް ވިއްކާށެވެ. ކިތަންމެ ބާރަށް ކެންޕޭނުގައި އެވާހަކަ ދެއްކިޔަސް ކަމަކީ ކިތަންމެހާ ވެސް ތަކުލީފު ބޮޑު އުނދަގޫ އެހާމެ ހައްސާސް ކަމަކަށް ވާނެކަން މުއިއްޒަށް ރަނގަޅަށް އެނގެއެވެ. މިނިކާ ބާޒެއްހެން ޔާމީނުގެ ރިޔާސީ ޓިކެޓެއް ޖަހައިގަނެގެން ނިކުމެވުނީމާ ޔާމީނު ދެއްކި ވާހަކަ ނުދައްކާ އެންމެ ވޯޓެއްވެސް ލިބެން ނެތްކަން މުއިއްޒަށް އެނގޭތީ މަޖުބޫރު ވެގެން އިންޑިއާ އައުޓް ޖެއްސި ޖެއްސީނުން ވެރިކަން ހޯދީއެވެ.
ވެރިކަމަށް އަރާ ލޯހުޅުވާ ބަލައިލިއިރު ކަމަކު ދާކަށްނެތެވެ. އިންޑިއާ އައުޓް މިއޮތީ މަލިކުލަވައަށް ވެފައެވެ. އިންޑިއާ އައުޓް ނުކޮށް ވާކަށްނެތެވެ. އިންޑިއާ އައުޓް ކުރެވޭކަށް ވެސް ނެތެވެ. އޮޅެފައި އޮތް ދިހަބޮޅު ކަންވާރަކޭ އިންޑިއާ ސިފައިން ބޭލުމެކޭ މުއިއްޒަށް ތަފާތެއް ނެތެވެ. ނިއުޅަށް ދެމިވަރަކަށް އޮޅި ގޮއްޖެހެނީއެވެ. ޔާމީނު މާޔޫސްވެ ދޮޅި އެޅެނީއެވެ. ޔާމީނު ޖެހި ދަންމަޅީގައި މުއިއްޒު ބެދި ހަނާވަނީއެވެ. އިންޑިއާ އައުޓުކުރަން ފެށި ހަރަކާތް ނިމޭއިރު ޗައިނާގެ އުނގަށް ވެއްޓި ލަންކާއަށް ވީވަރު ނުވެ ސަލާމަތް ވެއްޖެއްޔާ ކިތަންމެހާ ވެސް ނަސީބެވެ.