ސަމަދުބެއަށް ބަދަލުދޭން ޖެހޭނީ ޕީޕީއެމުން.!
އިންޑިއާ އައުޓޭ ކިޔާ އެއޮށް ބޮޑު ގައުމާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރީ
އުމުރު ބޯދަށަށްޖަހާ ތަނެއްގައި އިސްތައްޓެއް އިނިއްޔާ އެވެސް ހުދުވެއްޖެއެވެ، ގައުމީލެއޭ ކިޔާ ނުކުތްއިރު ލޭމައްޗަށް ދާތީ ކާހާ ބޭހާ ނުލައި އުޅެވޭކަށް ނެތެވެ. ކޮލެސްޓްރޯލް ހުރެއެވެ. ހިތުގެ ބަލި ބޮޑެވެ. ރާއްޖޭން ނުކުރެވޭ ބޭސްފަރުވާ އެންމެ ގިނަ ދިވެހިން ހޯދަނީ އަވަށްޓެރި އިންޑިއާ އިންނެވެ.
ސިޔާސީ ބޭނުމަށް ސަރުކާރާ ދެކޮޅަށް ނެރެން ގިނަ ދިވެހިން ދަހިކޮށްކާނެ އެންގަޑެކޭ ހީކޮށް ޕީޕީއެމުން އުފެއްދި ކުލަ އުފެއްދުމަކީ އިންޑިއާ އައުޓް ކިޔާ ވަތަނީ ދެލަފްޒެވެ. ފުލެއްބިތެއް ހަގީގަތެއް ނެތަސް ލައްކަ ބޮޑު ވާހަކައެކެވެ. އަމިއްލަ ސިކުނޑިން ވިސްނަން ކަންނެތް މީހުން ، ސިޔާސީ މީހުން ނެރޭ މިފަދަ ހީލަތުގައި ބެދޭލެއް އަވަސް ވާނެއެވެ. އިސްލާމް ދީނާ ވަތަނާ ގައުމާ ދީނޭ ކިޔައިގެން އަތުރާލާ ބަސްތަކުގެ އަވާގައި ޖެހޭ މީހުން އުޅެއެވެ.
މިފަދަ ވާހަކަ ތަކާ ބަސްތައް ނެރޭ މީހުންގެ ކިބައިގައި ދީނަށް ހުރުމަތެއް ގައުމަށް ލޯތްބެއް ނެތްކަން އެނގޭނީ ވެސް އެކަންކަމާ މެދު ވިސްނާލިއްޔާތާއެވެ. ނުވިސްނާ ތިބެ އިވޭ ބަސްތަކަކަށް ވަޖިދުވެގެން ދުއްވައިގަތީމައި އަނގަވަތަށް ވެއްޓި ލިބޭ ހުރިހާ ގެއްލުމެއް ލިބެނީ ޚުދު ތިމާ އަށާ ތިމާގެ އާއިލާ އަށެވެ. މީގެ އެންމެ ތާޒާ މިސާލަކީ ޕީޕީއެމްގެ ސަމަދު ބެއަށް މިފަހުން ޖެހުނު ދަތުރެވެ.
ވެރިކަމުގައި ހުރެ އިންޑިއާ އާ ހެދި މޮޔަވެ ފުރަމާނަ ދަތުރުކޮށް ބޮޑު ވަޒީރު މޯދީއާ ކަރާ ކަރުޖައްސާ ގުޅުން ބަދަހި ކުރީ ޔާމީން ކަމެއް ސަމަދޭބޭ މެން ވިސްނާކަށް ބޭނުމެެއް ނުވިއެވެ. ވެރިކަން ގެއްލުމުން ސަރުކާރާ ދެކޮޅަށް މަގުތަކަށް މީހުން ގުޅަޖެއްސޭނެ މޮޅު ބަސްތަކެއް ކަމަށް ބަލާ އިންޑިއާ އައުޓޭ ކިޔާ އެއޮށް ބޮޑު ގައުމާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރީއެވެ.
ޑޮކްޓަރުންނާ ޓީޗަރުންނާ ނަރުހުންނާ ދެންވެސް ރާއްޖޭގައި ހިދުމަތް ކުރަން ތިބި އިންޑިއާ ރައްޔިތުން ހާރުވާ ލަދުގަންނަވަން ސަމަދޭބެމެން ރޭނިދި ނުނިދައެވެ. ބޭރު ގައުމެއްގައި ތިބި ދިވެހިންނާ ދެކޮޅަށް އެ ގައުމުގެ ބަޔަކު އެހެން ނުކުތީމާ ގަންނާނެ ބިރާ ލަދު ސަމަދޭބެ މެން ހިތަކަށް ނުގެނެވެއެވެ.
ލަދެއް ނެތިގެން ނުކުމެ އުޅޭ އިރު އޭގެ ސަބަބުން އިންޑިއާގައި ދިރި އުޅޭ ދިވެހިންނަށް އަތުވެދާނެ ނުރައްކަލުގެ ބޮޑުކަމެއް ވެސް ނުވިސްނައެވެ. ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ހަރުކަށި ވަތަނީ ހައްދު ފަހަނަ އެޅި މީހުން އުޅެއެވެ. އިންޑިއާ އިން އޭގެ ބަޔަކު ލައްވަ އެތަނުގައި ދިރިއުޅޭ ދިވެހިންނަށް ހިތާމައެއް ކުރިމަތި ކުރުވަން ލައްކަ މަސައްކަތް ސަމަދުބޭމެން ކުރިއެވެ.
ދިވެހިރާއްޖެ އައުޓްކޮށް ދިވެހިންނަށް އެވަރަށް ކުޑަމީސް ކުރާ އިންޑިއާ ޕީޕީއެމްގެ ދާއިރާ ރައީސަކު ބޭހަށް ރާއްޖެ އައިނަމަތާއެވެ.
ގައުމޭ ކިޔާ ނުކުމެ އުޅޭ އިރު ހުރި ހިތްވަރެެއް އަޒުމެއް ނެތެވެ. ފިނި ގަދަ ކޮޓަރިއެކޭ ބާރަޖާ ގަނޑެކޭ ކިޔާ ޝަކުވާ ބަނދެ ރޮއެ ހޭރުނީ އެވެ.
ގައުމީ ދިދައެއް ހިފައިގެން އެއަރޕޯރޓަށް ބަލާދާނެ ޕާޓީގެ ވެރިޔަކު ނުވިއެވެ. އެވަރުން ވެސް ބުނީ ގެއްލުމުގެ ބަދަލު އިންޑިއާ އިން ދޭންޖެހޭ ވާހަކައެވެ.
ސަމަދޭބެ ރަންކޮޅާއެވެ. ތިޔަ ޖެހުނު ދަތުރުން ގެެއްލުމުގެ ބަދަލު ހޯދަން ބޭބެއަށް ތިޔަ ލަގާ ދިން ޕީޕީއެމްގެ ސެނެޓަށް ދާށެވެ. އެންމެ ކައިރިން ބާރަށު ސުޖާއެވެ. ނައިފަރު ސިޔާމާ ތުރާކުނު ސައީދާ މޭޔަރު މުއިއްޒާ އަދުރޭ އަތުން ބަދަލު ހޯދާށެވެ. އެއީ އެމީހުން ކަލޭމެންނަށްދޭ ލަގާއެވެ.
ޔާމީން އަތަކުން އެއްޗެއް ނުލިބޭނެ އެވެ. ހުރިހާ ރުފިޔާ އާ ޑޮލަރު އުކުޅަށް ޖަހައިގެން ދައުލަތަށް އެނުދީ އޭނާ އެއޮތީ 11 މައްޗަށް 11 އަށް ކޮލިފައި ވެގެން މާފުށީ ޖަލުގައެވެ. ސަމަދުބެމެން ގޭނި ހުސްވާ އިރު ހުރިހާ މޮޅެއް އެމީހުންނަށެވެ.