ހަގީގީ ކޮވިޑްބާދަލާ އަކީ ބުރުމާ ގާސިމު!
ކޮވިޑާ ގުޅިގެން ކިތަންމެ ކުޑަ ޖަރީމާއެއް ހިނގިޔަސް ހިނގާފައި އޮތީ ގާސިމުގެ އިރުޝާދަށް
ގޮތެއް ފޮތެއް ނެތް މީހުންވެސް ދުނިޔޭގައި އުޅެއެވެ. މިވަރުގެ ކަމެއް އެކަމަކު ނުދެކެމެވެ. ތިމާނޫން އެންމެންނަކީ ހައްތަހާވެސް މޮޔައިންކަމަށް ގާސިމަށް ހީވާކަހަލައެވެ. އެންމެންނަކީ ކަނު ބީރު މަންމަނުން ކަމަށް ގާސިމު ހީކުރަނީތާއެވެ. ގާސިމު އެއްޗެކޭ ބުނުމުން އެ ވަހާކައަކީ ހައްގުތެދު ކަމަށް އެންމެން ގަބޫލު ކުރާނެ ކަމަށް ގާސިމް ދެކެނީތާއެވެ.
އަންތަރީހެއް ނުވާނެ ހެއްޔެވެ. ލަދުހަޔާތުގެ ކުޑަވެސް ކަންފުޅެއް ގާސިމުގެ ގައިގާ ހުރިނަމަ ނިމިދިޔަ ރައީސް ސޯލިހު ސަރުކާރޭ ކިޔައިގެން ޗުއްޕުވެސް ގާސިމު ނުބުނީހެވެ. ރައީސް ސޯލިހު ސަރުކާރުގައި އެޅި އެންމެ ބޮޑު ކަތުރުފަންޏަކީ ގާސިމެވެ. ރައީސް ސޯލިހުގެ ވެރިކަމަށް ޖެހުނު ކޮންމެ އާފާތެއް ޖެހުނީ ގާސިމާ ހެދިއެވެ. ކޯލިޝަން ޕާޓްނަރު ހެދިގެން ވެރިކަމުގެ 40 އިންސައްތަ ހިއްސާވެގެން މުޅި ދައުލަތަށް ޖެއްސީ މުސީބާތެވެ. ރައީސް ސޯލިހުގެ ވެރިކަމަށް އެމްޑީޕީގެ ތެރެއިން ކުރިމަތިވީ ހުރިހާ ކަމެއް ކުރިމަތިވީ ގާސިމަށް ސަރުކާރުން %40 ދީގެން ވެރިކަން ހިންގަން އުޅުމުންނެވެ.
ކޮވިޑް މެނޭޖުކުރިގޮތް ކަމުނުގޮސްގެން ގާސިމް ދަތްދިލުވާތީ މީހުން އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. ކޮވިޑްގެ ދުވަސްވަރު ހެލްތު މިނިސްޓްރީ އޮތީ ގާސިމު މުށުތެރޭގައެވެ. ވަޒީރަކަށް ހުރީ ގާސިމްގެ ޕަޕެޓް ކުޑަ އަމީނެވެ. ހެލްތުގެ ބިޑްކޮމެޓީގެ ޗެއަރއަކީ ގާސިމްގެ ސްލޮޓްގައި ޑެޕިއުޓީ މިނިސްޓރކަން ކުރި ނިޝާމާއެވެ. ބިޑް ކޮމެޓީގެ މެޖޯރިޓީ އޮތީ ގާސިމްގެ އަތްމަތީގައެވެ. ރައީސް ސޯލިހުގެ ސަރުކާރަށް އެންމެ ބޮޑު ބަދުނާމެއް ލިބުނީ ވެންޓިލޭޓަރ މައްސަލާގައެވެ.
ކޮވިޑްގެ ދުވަސްވަރު ކޮވިޑް މެނޭޖުކުރުމުގައި އެންމެ އިސްކޮށް ދެންް އުޅުނީ އޭރުގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދެވެ. އަލީ ވަހީދަކީ ގާސިމްގެ ސްލޮޓެއްގައި ވަޒީރުކަމުގައި ހުރި މީހެކެވެ. ކޮވިޑްގެ ޓެގް ޓީމް އޮތީ އޭރުގެ ހެލްތު މިނިސްޓަރ އަމީނާއި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ އަތްމަތީގައެވެ. އެ ދެމީހުން ކޮވިޑާ ގުޅިގެން ކިތަންމެ ކުޑަ ޖަރީމާއެއް ހިންގިޔަސް ހިންގާފައި އޮންނާނީ ގާސިމުގެ އިރުޝާދަށެވެ.
ކޮވިޑްތެރޭ ރާއްޖޭގެ ރިސޯޓްތައް ބަންދުވެފައި އޮތަސް ގާސިމްގެ ރިސޯޓްތަކަށް ފައިސާ ވަންނަމުން ދިޔައީ ފަތުއަޑުކިޔާފައެވެ. ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ރިސޯޓުތައްދީގެން ކޮވިޑްގެ ހާލަތުގައިވެސް ދަވާލި މީހަކީ ގާސިމެވެ. ނުވިތާކަށް ކޮވިޑް ރިކަވަރީގެ ގޮތުގައި ބޭރުން ލިބުނު ފައިސާގެ އެންމެ ބޮޑުބައެއް މަޅާލީވެސް ގާސިމެވެ. އިހުގައި ދަންވަރު ރަށްރަށަށް އަރާ ގަބުޅިބާދާލާހެން ކޮވިޑްތެރޭގައި ހަތަރެސްފަޔަށް އަންގިލައިގެން ފިލާއޮތަސް ހަގީގީ ކޮވިޑްބާދަލާ އަކީ ބުރުމާ ގާސިމެވެ.