ބަނގުރޫޓް ނުވަނީސް މުއިއްޒުގެ ވެރިކަން ނިންމަންޖެހޭ!
ބަނގުރޫޓް ކޮށްލާފައި ކުރީގެ ސަރުކާރޭ ބުނެ ބޯދަމައެއް ނުގަނެވޭނެ!
އިއްތިހާދު ސިފައިން ވަށައިގެން އަރާ ބަގުދާދު ތަޅާލަންދެން ވެސް ސައްހާފު ބުނަމުން އައީ އިއްތިހާދީންގެ ގަބުރުސްތާނަކަށް ބަގުދާދު ހަދާލާނެ ވާހަކައެވެ. އާހިރުގައި ބަގުދާދު ވީ އިރާގް ސިފައިންގެ ގަބުރުސްތާނަކަށެވެ.
ސައްހާފެކޭ ރާއްޖޭގެ އިގްތިސާދީ ވަޒީރު ސައީދެކޭ އެއްވެސް ތަފާތެއް ނެތެވެ. އަދިވެސް ސައީދު ބުނަމުން އެދަނީ " ރާއްޖޭގެ މާލީ ނިޒާމްގެ އިތުބާރު ގެއްލުވާލަން ފިލާތިބެ ބަޔަކު މަސައްކަތް ކުރަނީ" ކަމަށެވެ. "އިންތިޒާރުކުރި ގޯސް ހާލަތަށް ރާއްޖެ ވައްޓާނުލެވުމުން ސިޔާސީ ގޮތުން މާޔޫސްވެގެން" ބަޔަކު ދައްކާ ވާހަކައެއް ކަމަށެވެ.
ގައުމުތައް ބަނގުރޫޓު ހާލަތަށް ވެއްޓުމުން އެހާލަތުން އަރައިގަތުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ދޭ ހާއްސަ ޕްރޮގްރާމް ރާއްޖެއަށް ހުށަހެޅުނު ކަން ދޮގުކުރިޔަސް އެއްޔަކީ ދޮގެއް ނޫނެވެ. ބަޔަކު ފިލާތިބެ ދައްކާ ދޮގު ވާހަކަ އެއްވެސް ނޫނެވެ. އައިއެމްއެފްގެ ބަނގުރޫޓް ޕްރޮގްރާމްގައި ރާއްޖެ ބައިވެރިވާން ނުޖެހޭކަމަށާއި ރާއްޖޭގެ އިގުތިސާދީ ހާލަތު އައްނަނީ ކުރީން ލަފާކުރި ވަރަށް ވުރެންވެސް ބާރަށް ރަނގަޅު ވަމުން ކަމަށް ބުނެ ސައީދު މިއުޅެނީ ކާކަށް ކޮން އެއްޗެއް އޮޅުވާލަން ހެއްޔެވެ.
ހުސްވި މަހު ސަރުކާރުން މުސާރަ ދޭނެ ފައިސާ ނެތިގެން ވިއްކަން އުޅުނު ހުރިހާ ބޮންޑެއް ނުވިކުނެވެ. ވިކުނު ބޮންޑަށް ލިބުނު ފައިސާކޮޅާ ސިލޯނު ބޭންކާއި އެހެން ބައެއް ބޭންކުން ހޯދި ފައިސާއިން މަސް ފެށުނު އިރު މުއައްޒަފުންނަށް މުސާރަ ދެވުނީ ކިރިޔަ ކިރިޔާއެވެ. މަސްވެރިން އަތުން ގަނެފައިވާ މަހަށް ފައިސާއެއް ނުދެވެއެވެ. ރާއްޖޭގައި ހުރި ބޭންކް ތަކުގައި ޑޮލަރެއް ނެތެވެ. ބޭރުން މުދާގަންނަން ވިޔަފާރިވެރިންނަށް ޓީޓީ ހަދާ ދިނުމަށް ބީއެމްއެލް ވަނީ ނުކުޅެދިފައެވެ. ބަޖެޓް ސަޕޯޓްގެ ގޮތުގައި ދަރަންޏަށްވެސް ފައިސާ ދޭނެ ބަޔަކު ނުވިއެވެ. ހިންގާ މަޝްރޫއު ތަކަށް ދޭންޖެހޭ ފައިސާއެއް ނުދެވެއެވެ. އިންވެސްޓް ފޯރަމު ދިޔައީ ފަނުފުލުންނެވެ.
ސިޔާސީ ހަމަޖެހުމެއް ގައުމުގައި ނެތެވެ. ބޭރުބަޔަކު އިތުބާރު ކުރެވޭ ފަދަ މާހައުލެއް މިހާރަކު ރާއްޖެއަކު ނެތެވެ. ދުނިޔޭގެ އެންމެ ބޮޑު އާބާދީން އޮތީ ބޮއިކޮޓް މޯލްޑިވްސް ޖައްސާފައެވެ. އެކަމުން ވާކަމެއް އޮތް ކަމަކަށް ބޮޑާކަމުން ގަބޫލެއް ނުކުރެއެވެ. ފަހުގެ ތާރީހުގައި އަވައްޓެރި ސްރީލަންކާއަށް އަންނަ ޓޫރިސްޓުން ރާއްޖެއަށް ވުރެ މާމަދެވެ. އެކަމަކު މިއަހަރު ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް ވުރެ މާގިނައިން ލަންކާއަށް ޓޫރިސްޓުން އެބަ އާދެއެވެ.
މިހިނގާ މަހުގެ 7 ވަނަ ދުވަހު އައިއެމްއެފް އިން އެވަނީ ރާއްޖެއަށް ބަނގުރޫޓް ވާކަމުގެ އިންޒާރު ދީފައެވެ. ބަނގުރޫޓް ޕެކޭޖަށް ހުޅުވާލާފައެވެ. އެކަންވެސް ސިފަކުރީ އައިއެމްއެފުން މުއިއްޒަށްކުރި ތައުރީފެއް ގޮތުގައެވެ. ސައްހާފު ވެވޭނީ ހަމަ އެހާކަށް ވަރަށެވެ.
ކުރިއްސުރެ ރާއްޖޭގެ ވިޔާފާރި ތަކަށް މުދާ ގެނެސް ގުދަން ކޮށްފައި ހުރުމުންނާއި ކުރީން ހައްދާފައި ހުރި މުދާ ބޭރުން އަދި އަންނަން ހުރުމުން ބާޒާރުގައި ހުރި މުދާ މަދުކަމަށް އަދި ނުފެނިދާނެއެވެ. ބަޒާރުން ބޮޑު އަގުގައިވެސް މުދާލިބޭނީ ހުރި އެއްޗެއް ހުސްވަންދެނެވެ. ހުސްވާ މުދަލެއް ފަސޭހަކަމާއެކު އެތެރެކުރެވޭނީ ވިޔަފާރި ވެރިންނަށް ބޭނުންވާ ޑޮލަރު ލިބޭނަމަތާއެވެ. ބީއެމްއެލް ކާޑުން ނެގޭ ޑޮލަރު ރޭޓް ދަށްކޮށްލުމާއި ބާޒާރިަށް އައު މުދާ އެތެރެވުމަށް ދަތިވުމާއި މިހުންނަނީކީ ސަމާސާ ކަންކަމެއް ނޫނެވެ. މިހުރީ ހައްތަހާވެސް ބަނގުރޫޓްވުމުގެ ނިޝާންތަކެވެ.
ޗައިނާއިން ހުރިހާ ކަމެއް ހަމަޖައްސާ ދޭނޭކަމުގެ ހުވަފެން އަވައްޓެރި ސްރީލަންކާއިން ދާދި މިދާކަށް ދުވަހު ދުއްޓެވެ. ކަން ނިމުނީ ހަންބަންޓޯޓާ ބަނދަރު ޗައިނާއަށް އަތުލާ ރައްޔިތުން ނިކުމެ ރިޔާސީ ގަނޑުވަރުގައި ބޮނޑިބަތް ކައްކާ ގޮވާލަން ކައްކައިގެންނެވެ. ލަންކާއަކީ އާއްމު ދިރިއުޅުމުގައި އަމިއްލަ ކަންކަން އަމިއްލައަށް ކޮށްގެން ކާލައިގެން ބޯލައިގެން އުޅުނު ރައްޔިތެއް އޮތް ގައުމެކެވެ. އެމީހުންނަކީ ރާއްޖެހެން ދުވަހުން ދުވަހަށް ބޭރުން ތަކެތި ނުލިބިއްޖެނަމަ ނުކައި ނުބޮއި ތިބޭވަރަށް ވުރެ ކެއުން ބުއިމުގައި ބޭރަށް ބަރޯސާވުން ކުޑަ ގައުމެކެވެ. އެމީހުން ބަނގުރޫޓް ވެގެން ދިޔައީ ތެލާ ގޭހަށް ޖެހިގެންނެވެ.
ރާއްޖެއަކީ ތެޔޮ ނުލިބެއްޖެނަމަ މަސްވެރިކަމާއި ދަތުރު ފަތުރު އެއްކޮށް ހުއްޓޭނެ ގައުމެކެވެ. މިއަދަކު ކާކަށް މަގޫފަތެއް ނެތެވެ. އާއްމު ހާލަތުގައިވެސް ކާއްޓާ ކުރުނބަލަކީވެސް ތަދު އެއްޗިއްސެވެ. ކާބޯތަކެއްޗާއި ގޭހާ ތެލާ ލިބުމަށް ކުޑަވެސް ތާއްޓެއް ވެއްޖެނަމަ ހަތަރެސްކަން ރާއްޖެއަށް ހަމަވާނެއެވެ. މަވެތި ގައުމިއްޔަތުގެ އަވާގައި ޖެހިގެން އަވައްޓެރިންނާ ގުޅުން ކަނޑާލާ ސަބަބު ތަކުގައި ހިފުމެއްނެތި ރިޒްގް ދެއްވަނީ މާތް ރަސްކަލާގެއޭ ބުނެ ބޮޑާވެ ގަތުމުގެ ނަތީޖާ ހިތިގޮތަކަށް ނުފެނިއެއް ނުދާނެއެވެ.
އިގްތިސާދީ ވަޒީރު ތުރާކުނު ސައީދު އެބުނާހާ ފަހިކޮށް އޮތްނަމަ ދިހަ އަހަރަށް ފަހު އެމްއޭސީއެލްގެ ޗެއަރމަން އެމްޔޫ މަނިކު އިސްތިއުފާ ދިނުމާއި ފިނޭންސް މިނިސްޓްރީގެ ބަޖެޓް ކޮންޓްރޯލަރ އިސްތިއުފާ ދިނުމާއި މީރާގެ ވެރިޔާ އިސްތިއުފާ ދޭންވީ ކީއްކުރަން ހެއްޔެވެ. ގާނޫނާ ހިލާފަށް ބީއެމްއެލް ބޯޑުން ބަޔަކު ވަކިކޮށް ވަކިކުރި ބައެއް މީހުން އައްޔަނުކޮށް އުނބަށްޖެހުން މިހުރިއްޔަކީ އާދައިގެ ކަންކަމެއް ނޫނެވެ. ބަނގުރޫޓް ވަމުން ދާކަމުގެ ކޮޅުމައްޗެވެ.
ބޮޑުތަދުގެ ފަހުން ރާއްޖެދުން އެންމެ ބިރުވެރި ދަތި ކޮވިޑްގެ ވަބާއިގައި ގައުމަށް ބައި ސެންޓް ވެސް ނުވަދެ 3 އަހަރު ވީއިރު ގައުމު ބަނގުރޫޓް ވިޔަނުދީ ދަތިކަމުގެ ކުޑަވެސް އިހުސާސެއް ރައްޔިތުންނަށް ވިޔަނުދީ ބަޔަކު ގައުމު ހިންގިއެވެ. އެއަށްވުރެ މާ ރަނގަޅަށް ގައުމު ހިންގާ ދޭނަމޭ ބުނެ ގައުމާ ހަވާލުވެ 3 މަސްނުވެ ގައުމު ބަނގުރޫޓް ކޮށްލާފައި ކުރީގެ ސަރުކާރޭ ބުނެ މުއިއްޒުމެނަށް ބޯދަމައެއް ނުގަނެވޭނޭއެވެ.
ހަމަތެދެކެވެ. ގައުމު އެކީ އެކައްޗަކަށް ބަނގުރޫޓް ވުމުގެކުރިން ގައުމު ސަލާމަތް ކުރަން ޖެހެއެވެ. ގާނޫނީ ހަމަތަކުގެ މަތީން ރުންކުރު މަވެތި މުއިއްޒުގެ ވެރިކަން ނިންމަން މިހާރު މަޖުބޫރެވެ. އެކަން ވާން އޮތީ މަގުމަތިންނަމަ މަގުމަތިން ވިޔަސް މުއިއްޒުގެ ވެރިކަން ނިންމަން ޖެހެއެވެ.