ރިޕަބްލިކް އޮފް ބަނގުރޫޓްގެ އޭމިހިރަ ދިދައާއެވެ!

އަމިއްލައަށް ލިބިގަތް ޒަަހަރު ދިވެހިން މިފަހަރު ވާނީ ރަނގަޅަށް ބޯން

ރިޕަބްލިކް އޮފް ބަނގުރޫޓްގެ އޭމިހިރަ ދިދައާއެވެ!

2 ހާސް އަހަރުވީ ދޮށީ ދިވެހިރާއްޖެއަށް ދުވަހަކު ނުވާ ދެރަގޮތްވެ، ފަގީރު ކަމާއި ނިކަމެތި ކަމާ އަތްމަތި ދަތިވެ ރައްޔިތުން ބަނޑަށް ޖެހުމުގެ އިންޒާރުގެ ބަރުގޮނުގެ ނާމާން އަޑު އިވޭނީ އެހި މީހަކަށެވެ. 

ތިމާ ނިސްބަތްވާ ސިޔާސީ ޕާޓީއަކީ އުޅޭ ދީނަށްވުރެ މުގައްދަސް އެއްޗަކަށް ހަދައިގެން ޖެހުނު ކޮންމެ މީހަކާ ކޯފުރާ ޒުވާބުކުރާ މީހުން ކޮންމެ ރަށެއްގައި ވެސް އުޅެއެވެ. ތިމާ ނިސްބަތްވާ ޕާޓީން ކޮންމެތާކު ހުރި ކޮންމެ ފަދަ މީހަކު ކެންޑިޑޭޓަކަށް ނެރުނަސް އެމީހާ ދައްކާ ހުރިހާ ވާހަކައާއި އެނގިހުރެ ހަދާ ބޮޑެތި ދޮގަކީ ތެދު ކަމަށް ހަދައިގެން ނުކުމެ ރަށުތެރޭގައި ވައްވައް ޖަހާތާ ލައްކަ ދުވަހެވެ.  

އަމިއްލަ ސިކުނޑި ގޭގައި ބާއްވާފައި ނުކުމެ އުޅޭއިރު ތިމާގެ ވިސްނުމަކީ ވެސް ބަހަކީ ވެސް ހީލަތްތެރި ސިޔާސީން ނެރޭ މަކަރުވެރި ވިސްނުމެވެ. ކަންބަޅި އައިނެއްގެ ކުރީގައި އޮންނަ ކަންބަޅި އެޅިހާ މަގަކުން އަޅަމުން ގޮސް ކަނޑަށް އެރި ގެނބި މަރުވާން ވިޔަސް އެސޮރުމެނަށް ވަރިހަމައެވެ. އެވަރުގެ ބުއްދިނެތް ނަޢަމް ސޫފި ތަކަކަށް ވެގެން ދިވެހިންގެ ބަޔަކު އުޅެގަތް ގަތީނުން އާޚިރުގައި މުޅިރައްޔިތުން މިތިބީ "ކަނޑުވާ" ހިސާބުގައެވެ. މިބަޔަކާ ހެދި ޖެހޭ މުޞީބާތާއި ވާދައްޗާއި ތުރާ ތަހަންމަލު ކުރަން ޖެހޭނީ އާޚިރުގައި ހުރިހާ ރައްޔިތުންނެވެ.

މަގޫފަތްކޭ ކަމަށް ބުނާ ބޮޑު ތަދުގެ ފަހުން ދުނިޔެއާ ކުރިމަތިވި އެންމެ ބޮޑު މުޞީބާތަކީ ކޮވިޑް 19ގެ ޢާލަމީ ބަލިމަޑު ކަމެވެ. ރައީސް އިބޫގެ 5 އަހަރުގެ ދައުރުން 3 އަހަރު އެދަތީގައި އުޅެން ޖެހުނު އިރުވެސް މީހެއްގެ މުސާރައިން ލޯލާރިއެއްވެސް އުންޏެއް ނުކުރެއެވެ. ފެންބިލާ ކަރަންޓް ބިލު ނުދެއްކި ހުރި މީހަކު ނެތެވެ. ބޭސް ފަރުވާ އާއި ކާޑާއި ތެލަށް ކުޑަވެސް ބުރުލެއް ނާރައެވެ. ނުވިތާކަށް އަމިއްލަ މީހުންގެ ވަޒީފާއިން ވަކި ކުރި އެންމެނަށް ސަރުކާރުން އެލަވެންސް ދިނެވެ.  

ދައުލަތުގެ އާމްދަނީ އެއްކޮށް ހުއްޓުނުއިރުވެސް ރައްޔިތުންގެ ޖީބަށް ހުރީ ވަދެވަދެއެވެ. ނުވިތާކަށް ދުވަހަކު ނުހިންގާ ވަރުގެ ބޮޑެތި ޕްރޮޖެކްޓް ހުރިހާ ރަށެއްގައި ހުއްޓުމެއްނެތި ހިންގިއެވެ. އެއަރޕޯރޓްތަކާއި ކަރަންޓާއި މަގާއި ބަނދަރާއި ފެނާ ނަރުދަމާ އާއި ހައިސްޕީޑް އަގުހެޔޮ ފެރީ ނިޒާމެވެ. އެހެން ނަމަވެސް ދިވެހިންނަކަށް އެވަރަކުން ނުފުދުނެވެ. ހިތެއް ނުފުރުނެވެ އަދި ކެތެއް ނުމެ ކުރެވުނުވެސް މެއެވެ. 

އުޑުން މަންނައާއި ސަލްވާ ބާވާ ލެއްވީމާ އެގޮތް ކަމުނުދިޔަ މީހުންގެ ދަރިފަސްކޮޅު މިހާރު އެތިބީ އިޒްރޭލުގައެވެ. އެކަމަކު ދިވެހިން ތިބީ ފަލަސްތީނާ އެކުގައި ކަމަށް ނިކަން ބާރަށް ގޮވާ އަޑު އިވެއެވެ.

ހައްދުފަހަނަ އެޅި ހީލަތްތެރި ކަމުން ފުރިގެންވ ގައުމިއްޔަތުގެ ނާމާން ބެރަށް ހެއްލުނު މީހުން ކޮބާ ހެެއްޔެވެ؟ އިސްލާމް ދީން ދެކެ ލޯބިވުމަކީ ވާޖިބެކެވެ. އެކަމަކު ބުނެ ބަލާށެވެ. އެދީނަށް ހިތުގައި ނެތް ލޯތްބެއް އޮތްކަމަށް ބޭރުފުށުން ދައްކައިގެން ރައްޔިތުން ވާވެއްދުމަށްވުރެ ނުބައި ކަމެއް އޮވޭ ހެއްޔެވެ؟ ހެއްދެވި ފަރާތަށް ބިރު ނުގަންނަކަމޭ ހިތަށް އަރައެވެ.

ގައުމިއްޔަތާ ދީނަށް އޮތްކަމަށް ސަރުކާރުން ދައްކާ ކެހިވެރި ގިރިޓީ ލޯބިން ބަނޑުފުރި އަސް އެއަކުން ހައިހޫނު ކަމެއް ނުފިލާނެއެވެ. އެދީފައި ޑޮލަރެއް ނުގަނެވޭނެއެވެ. ގައުމިއްޔަތު ކައިގެން މުސާރަ ކުޑަވެ، ވަޒީފާ ނުލިބި ސަބްސިޑީތައް ހުއްޓުނީމާ އޯކޭއެއް ނޫނެވެ. ކެހިވެރިންގެ ދަލުގައި ބެދުނީމާ އާމްދަނީ އިތުރު ނުވެ އަތްފައި ބަނދެވި އަތްމަތި ދަތިވުން ނޫން ކަމެއް ނުވާނެއެވެ.

އަދި ކިރިޔާ މިސަރުކާރަށް މިވަނީ 3 މަހެވެ. ކުރިމަތީގައި ވަނީ ނާމާން ބިރުވެރި ދަތިހާލުގެ އަނދިރި ކަމެވެ. 2 ހާހަށްވުރެ ގިނަ އިންޑިއާ ސިފައިންނާއި، ހުސްގޮނޑިއެއް ދައްކައިގެން ދިން ބޮނޑީގެ ދިލަ އަދި ކިރިޔާ މިފެށެނީއެވެ.

އަމިއްލައަށް ލިބިގަތް މިޒަަހަރު ދިވެހިން މިފަހަރު ވާނީ ރަނގަޅަށް ބޯށެވެ. މަޖިލިސް އިންތިޚާބަށް އެ މީހުން ހަދާ ހުރިހާ ދޮގު ވާނީ ގަބޫލު ކުރާށެވެ. މުއިއްޒު ކެންޑިޑޭޓް ނޫނީ ސާޖިދާ ކެންޑިޑޭޓް ނުވަތަ އަދުރޭ ކެންޑިޑޭޓަށް ވޯޓު ނުދެންޏާ ޕީއެންސީ ޓިކެޓްގައި ހުރި މީހާއަށް ވޯޓުދީގެން މަޖިލިސް ވެސް ވާނީ ސަރުކާރަށް ދޭށެވެ. 

ނިންމާލަމުން ބުނަމެވެ. ވެރިކަމަކީ ބޯހަރުކަމާއި ބޮޑާކަމާއި ރުންކުރުކަމާއި ގޮތްދޫނުކުރުމެއް ނޫނެވެ. ވެރިކަމަކީ ކެތްތެރިކަމާއި އޯގާތެރިކަމާއި ގޮތްދޫކުރުމާއި އަނެކުންނާ އެކު އޮންނަ ގުޅުމާ ގާތް ކަމެވެ. ޙިކުމަތްނެތަމަ ވެރިކަމެއް ނުވާނެއެވެ.