އަންހެނަކަށްޓަކާ އަތޮޅުވެރިކަމާ އެއަރޕޯޓެއް ނިލަންދުއަށް
ސައުދާއަށްޓަކާ މުއިއްޒު ނިލަންދުއަށް އެއަރޕޯޓެއް
ދުނިޔޭގެ ތާރީހުގައި އަންހެނުންނަށްޓަކައި ބޮޑެތި ބޮޑެތިކަންކަން ހިންގާފާ އެބަހުއްޓެވެ. ޝާހުޖަހާން މުމްތަޒާށްޓަކައި ތާޖުމަހަލް ބިނާކުރުން ފަދަ އެތައް ކަމެއް ދުނިޔޭގައި ހިނގާފައި އެބަހުއްޓެވެ. އެހުރިހާ ވާހަކައަކަށް ދާކަށް ނެތީމެވެ.
ރައީސް މައުމޫނުގެ މިތުރު ޒަކަރިއްޔާ ހަމީދަކީ މައުމޫނިޒަމްގައި ދެވަނައެއް ނެތްފަދަ ނުފޫޒުގަދަ މީހެކެވެ. ފ. އަތޮޅުގެ އަތޮޅުވެރިކަމަކީ ޒަކަރިއްޔާ ހަމީދަށް ހިބައިން ދީފައި އޮންނަ ވެރިކަމެކެވެ. ޒަކަރިއްޔާ ހަމީދަށް ފ. އަތޮޅު ހިތަކަށް އޮތުމުން ޒަކަރިއްޔާ ހަމީދު ބޭނުންވެއްޖެ ކޮންމެ ކަމެއް ވުމަށް އޮންނަނީ ބުނަންވާ ލަހެކެވެ.
ޒަކަރިއްޔާ ހަމީދު މާ ހިތްޕުޅާވާ އަންހެނަކު ނިލަންދޫން ފެނިވަޑައިގެން އެކަނބުލޯގެއަށްޓަކާ ނުކުރައްވާނެ އެއްކަމެއްވެސް ނެތުނެވެ. ޒަމާނުއްސުރެ ފ. އަތޮޅުވެރިކަން ކުރަމުން އައި މަގޫދޫން ނިލަންދުއަށް އަތޮޅުގެވެސް ލުހެލައިގެން ގެންދިޔައެވެ. މަގޫދޫން އަތޮޅުވެރިކަން ނިލަންދުއަށް ފޭރިގަތީ މަގޫދޫގެ އެތައް ބަޔަކަށް އިންތިހާ ދަރަޖައަށް އަނިޔާވެރިކަން ދައްކާފައެވެ.
މަގޫދޫގެ ބޮޑެތި ފިރިހެނުންގެ އެތައްބަޔަކު މުއްދަތެއް ނެތް ގޮތަށް އަރުވާލީ ނިލަންދޫ އަންހެނަކަށް ޓަކައެވެ. އެފަހަރު މަގޫދޫ ރައްޔިތުންނަށް ވެރިކަމުގެ އާރާބަރުގައި ތިބި ބަޔަކު ދިން ފުން ޒަހަމުގެ އަސަރު އައުވެއައުވެ ހުއްޓާ އަންހެނަކަށްޓަކާ މަގޫދޫ އެއަރޕޯޓް ވެސް ފެލައިލީއެވެ.
ފ. އަތޮޅު މަގޫދޫގައި ދައުލަތުން ބޮޑު ހޭދައެއްކޮށް އެއަރޕޯޓެއް އެޅުމުގެ މަސައްކަތް ކޮށް 70އިންސައްތަ މަސައްކަތް ނިމިފައި އޮއްވާ މަގޫދޫ އެއަރޕޯޓް ހުއްޓާލީއެވެ. ދައުލަތުން ކުޅަ އެ ބޮޑު ހޭދަ އިސްރާފަކަށް ހަދާ ބޭކާރުކޮށްލީއެވެ. ދިވެހި ދައުލަތަކީ މުއިއްޒު މައިފުށު ވާރުތަ މުދާގަޑެއް ފަދައެވެ.
މިފަހަރު ނިލަންދުއަށް އެއަރޕޯޓެއް ލެއްގީ ނިލަންދޫ އަންހެނަކަށްޓަކައެއް ނޫނެވެ. ރައީސް މުއިއްޒުގެ ކޮއްކޮ ސައުދާއަށްޓަކައެވެ. ސައުދާއަށްޓަކާ މުއިއްޒު ނިލަންދުއަށް އެއަރޕޯޓެއް އެކަނި ދީގެން ފުއްދާލީއެއް ނޫނެވެ. ރައީސް މުއިއްޒު އޭނާގެ ކޮއްކޯފުޅަށްޓަކައި ދައުލަތް ވީދާ ކައި ހުސްކޮށްފިއެވެ. ލޭގެ ގުޅުމެއް އާއިލީ ބާރުވެރިކަމެއް ނެތް ދާއިރާއެއްގެ މެންބަރުކަމަށް މުއިއްޒުގެ އަމިއްލަ ކޮއްކޮ ނެރެގެން ސައުދާއަށް ވޯޓު ހޯދާ ދިނުމަށް ނުކުރާ ހަޑި މުޑުދާރު ކަމެއް މުއިއްޒު ނެތެވެ.
ފ. ނިލަންދޫ ދާއިރާގެ ރައްޔިތުން އޮބި އަޅުވާ އަޅުވެތިކޮށް ދައުލަތް ލޫޓުވާލަނީ ތިޔަހެންނަކުން ނޫނެވެ. ފ. ނިލަންދޫއާއި އެ ދާއިރާއަށް ނިސްބަތްވާ އެތައް ބަޔަކަށް އަތްގުޅިނުކާ ވަރަށް ސިޔާސީ މަގާމުތައްދީ ދައުލަތް ލޫޓުވާލައިފިއެވެ. އެ ދާއިރާގެ މެންބަރުކަމަށް ވާދަކޮށްފާނެހެން ހީވާހާ މީހަކަށާއި ވޯޓެއް ކޮންޓްރޯލު ކޮށްފާނެހެން ހީވާހާ މީހަކަށް ސިޔާސީ މަގާމުތަކާއި އިނާޔަތްތައް އޮހެމުންދަނީ ފަތުއަޑު ކިޔާފައެވެ.
އެންމެ ފަހުން މުއިއްޒުގެ ކޮއްކޮއަށް ވޯޓް ހޯދުމަށް ނިލަންދޫގައި އެއަރޕޯޓެއް ވެސް އަޅަނީއެވެ. ވެރިކަމުގައި ހުރި މީހަކަށް ގަސްދުގައި ދައުލަތް ފާޅުގައި ދަވާލެވޭނީ މިހާކަށް ވަރަށެވެ. އަމިއްލަ އެދުމާ އަނިޔާވެރި ކަމުގައި މުއިއްޒު ގޮތެއް ފޮތެއް ލަދެއް ހަޔާތެއް ނެތެވެ.