ވަޒީރު އާދަން ނަސީރު އުފައްދާ އާސާރު: ޅެންފަރުވާ ފުޑް ޓްރަކް

ގައުމިއްޔާތާއި އާސާރާބެހޭ ވަޒީރު ދޭތެރެއަކުން އާސާރު އުފައްދާ ވާހަކަ ވިދާޅުވީމާ މީސްމީހުން ކަންބޮދުވެގެން އުޅުނެވެ. އާސާރަކީ އުފައްދާއެއްޗެއް ނޫންކަމަށް ވަކާލާތުކުރިއެވެ. އަސާރު އުފައްދާ ވާހަކަ އިވުމުން ހައިރާންވެ ކަން ބޮޑުވެގެން އުޅުނީ ތާރިހާ ސަގާފަތާއި އާސާރީ ކަންކަމަށް ވަރު ހުންނަ މީހުންނެވެ. އެމީހުނަށް ތާރީހާއި ސަގާފަތާއި އާސާރަކީ ކޮން އެއްޗެއްކަން އެގެތީ މީހަކު ކިޔާހާ އެއްޗެއް ގަބޫލެއް ނުކުރާނެތާއެވެ.
އެހެނެއް ކަމަކު ގައުމިއްޔަތު ވަޒީރު އާދަން ނަސީރަކީ ކަރާފަޅާ އޮއްބުރުވުމުގައި އަރާހުރި މީހެކެވެ. އާދަން ނަސީރަކީ ޅެމުން ފަރުވާ ދޭމީހެކެވެ. ދުނިޔޭގައި ކޮލެޖުހަދާ ގޮތާ މުޅިން ތަފާތުކޮށް ބަހާ ތަރިކައިން ކޮލެޖު އުފައްދާ މީހެކެވެ. 2.0 ޒަމާނުގައި ގައުމީ ޗާޕްހާނާއާއި ރަށު ލައިބްރަރީ ހަދާމީހާއެވެ. އެހެންވީމާ އާދަން ނަސީރަށް އާސާރު ނުއުފެއްދެންވީ ސަބަބެއް ނެތެވެ.
ސަލްޓަންޕާކް ހުޅަނގުން ދާރުލް އާސާރާ ގުޅުވައިގެން ކަޅުވަކަރު މިސްކިތް މީހާރު ހުރި ޕާކާއި ހިއްތަން މައިޒާން އާދަން ނަސީރު އެހަދާލަނީ އާސާރު އުފެއްދުމުގެ ނަމޫނާއަކަށެވެ. ކަޅުވަކަރު މިސްކިތާ އެކު ކަޅުއޮއް ފުންމިއެވެ. ކަޅުއޮއްފުންމި ކޮންމެ ގޮތެއްވެގެން ކޮންމެ ތާކަށް ވީރާނާ ވެގެން ގޮސްފައި ވިޔަސް ވަރިހަމަތާއެވެ. މިނިވަން 50އަށް ބަނތް ކަޅުއޮއްފުއްމީގެ މޮޑެލް އެއީ ކަޅުއޮއްފުންމި ކަމަށް ހަދާ އެއޮތީ އާސާރެއް އުފައްދާފައެވެ.
ހިއްތަން މައިޒާން ގައި ކަޅުވަކަރު މިސްކިތާއި އެކުގައި ކަޅުއޮއްފުންމީގެ އާސާރުހަދައިގެން ނިންމާލީއެއް ނޫނެވެ. ދޮޅުއަހަރެއްހާ ދުވަހު ހިއްތަން މައިޒާން ބަންދުކޮށްފަ ބާއްވައިގެން ހުއްޓާ ނުލާ އާސާރު އުފެއްދީއެވެ.
ތަނަކުން ބާވެ ހަސްނެތިފައި އޮތް ޓްރަކް ގަޑެއް ހޯދައިގެން ބޮޑު އަގެއްދީފައި ރޭގަޑެއްގެ މެންދަމު ހިއްތަން މައިޒާނަށް ވައްދައިގެން ވަށައިގެން ސަތަރި ޖަހާ ބަންދުކޮށްގެން އާދަން ނަސީރު މި ފަހަރު އުފެއްދީ މާވަރުގަދަ އާސާރެކެވެ. ޕީއެންސީ ކުލައިގެ ޅެންފަރުވާ ފުޑް ޓްރަކެކެވެ. ދިވެހި ސަގާފީ ތަރިކައިގެ އާސާރު ދައްކާލަން ބޮޑު ހަރަދުކޮށްގެން ތަރައްގީކުރާ ހިއްތަން މައިޒާނަކީ އާދަން ނަސީރު އުފައްދާ ފުޑް ކޯޓެކެވެ. ހިއްތަން މައިޒާނުގެ އެންމެ ވަރުގަދަ އާސާރަކީ ޕީއެންސީ ކުލައިން މުލައްމާކުޅަ ޅެންފަރުވާ ފުޑް ޓްރަކެވެ. އާސާރު އުފެއްދުމަކީ ނުކުރެވޭނެ ކަމެއްކަމަށް ތާރީހާ ސަގާފަތުގެ މާހިރުންނަށް ފެނުނަސް އާސާރު އުފެއްދުމަކީ ކަރާފަޅާ އޮއްބުރުވާހެން އާދަން ނަސީރަށް ދާދި ފަސޭހަ ކަމަކީތާއެވެ.