މާރޗް 10ގެ ކުރިން އިންޑިއާ ސިފައިން މަތިމަސް ބާލާނެ
އިންޑިއާ ސިފައިންގެ ޔުނީފޯމް ބާލުވާފައި ބޭތިއްބިޔަސް ސިފައިންވާނީ ސިފައިންނަށް
ދެގައުމު އެއްބަސްވާ ގޮތަކަށް ޑޯނިއަރ އާއި ހެލިކޮޕްޓަރ ދުއްވަން ދެގައުމު އެއްބަސްވެއްޖެއޭ ބުނާ އިރު ހީވަނީ ކުރިން އެތަކެތި ދުއްވީ ދެގައުމު އެއްބަސް ނުވެހެންނެވެ. ދެކެން ތިބޭށެވެ. ކުރިންވެސް ދުއްވި ގޮތަށް ދެންވެސް އެތަކެތި ދުއްވާނެއެވެ. އެކަމަށް އެއްބަސްވެސް ވެއްޖެއެވެ.
ފިނދުކިބައިގައި ކާށިފޮއްޗަކާ ލައިގެން ކާލާނެ މަސްކޮޅެއް ނެތް މީހުން މާބޮޑަށް ފުއްޕަން ފެށީމާ ވާގޮތް މާ ތާހިރެއް ނުވާނެއެވެ. ނުފޯރާ ފޮތިން ފޫގެޅީމާ ފެންނާނީ ބަރަހަނާއެވެ.
މާރޗް 10ގެ ކުރިން ބާލަންޏާ އިންޑިއާ ސިފައިން ބާާލާނީ މަތިމަހެވެ. މިހާރުވެސް އެއީ އަކީ ބާލާކަށް ޔުނިފޯމް އަޅައިގެން ހަތިޔާރު ހިފައިގެން އުޅޭ ބައެއް ނޫނެވެ.
ރައީސް ޑރ. މުއިއްޒެވެ. ތިޔަހާ ވަރަށް ރައްޔިތުންނަށް އޮޅުވާލައްވަން ނުހައްދަވާށެވެ. ކުރިއްސުރެ ވެސް މިއަންނަނީ ބުނަމުންނެވެ. އިންޑިއާގެ ޑޯނިއަރއެއް ހެލިކޮޕްޓަރެއް އެތަކެތި އޮޕަރޭޓް ކުރަން ތިބި އިންޑިއާ ސިފައިންނެއް ރާއްޖެއަކުން ނުބޭލޭނެއެވެ. ނުވެސް ބާލާނެއެވެ. ބާލާކަށް ނުވެސް އުޅެއެވެ. ބޭލުމުގެ ބޭނުމެއްވެސް ނެތެވެ. ބާލައިގެންވާ ގެއްލުމަށްވުރެ ތިބެގެން ލިބޭ ފައިދާ ބޮޑުވާނެއެވެ.
ރާއްޖޭގައި އިންޑިއާއިން އޮޕަރޭޓް ކުރާ ޑޯނިއަރ އާއި ހެލިކޮޕްޓަރު ތަކަކީ މިލިޓަރީ ތަކެއްޗެވެ. މިލިޓަރީ އުޅަނދު ފަހަރު އޮޕަރޭޓްކޮށް ބަލަހައްޓާނީ އެކަމަށް ހާއްސަ ތަމްރީނުތަކެއް ލިބިގެން ތިބޭ މިލިޓަރީ މީހުންނެވެ. މިލިޓަރީ އެއްވެސް އުޅަދެއް އަދި މިލިޓަރީ އާލާތެއް ބަލަހައްޓާ އޮޕަރޭޓް ކުރަނީ ސިވިލިއަނުންނެއް ނޫނެވެ.
އިންޑީއާގެ އަޝްކަރީ ވައިގެ އުޅަދު ތަކެއް ކަމަށްވާ ޑޯނިއަރ އާއި ހެލިކޮޕްޓަރ ރާއްޖޭގައި އޮންނަހާ ދުވަހަކު އެތަކެތި ދުއްވާ ބަލަހައްޓަން ތިބޭނީ އަޝްކަރީންނެވެ. އެ ބޭނުމަށް އިންޑިއާގެ އަޝްކަރީ ބަޔަކު ތިބުމަކީވެސް އެއްވެސް މައްސަލައެއް ނޫނެވެ. ސަރުކާރަކީ ނަށާމާގަނޑަކަށް ނުވެ އެވާހަކަ ސާފުކޮށް ރައްޔިތުންނަށް އޮޅުން ފިލުވާދީ ބަލާށެވެ.
ކޮންމެ ކަމެއް ރައްޔިތުންނަށް އޮޅުވަލައިގެން ނޫޅުނެއް ކަމަކު ރީތިކޮށް ކަން އޮތް ގޮތަށް ވާހަކަ ދެއްކިއްޔާ މުއިއްޒު ގައިން ތަންގަނޑެއް އުނިވަނީ ހެއްޔެވެ. ރައީސް ސޯލިހު ވެރިކަމުގައި އެ ސަރުކާރުން އަބަދުވެސް ބުނަމުން އައީ ހަތިޔާރުއެޅި އިންޑިއާ ސިފައިންގެ އެކަކުވެސް ރާއްޖޭގައި ނެތް ކަމަށެވެ. ބޯޑަރ ބެލެހެއްޓުމާއި ރެސްކިއު އޮޕަރޭޝަންތަކާއި އިމަރޖެންސީ އެހީތެރިކަން ދިނުމަށް ޑޯނިއަރ އާއި ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަން އިންޑިއާ ސިފައިން ރާއްޖެގައި ނެތެކޭ އެ ސަރުކާރަކުން ނުބުނެއެވެ.
ޑޯނިއަރ އާއި ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަން އިންޑިއާ ސިފައިން ރާއްޖެގައި ތިބުމުން ފައިދާ ބޮޑީ ރާއްޖެއަށެވެ. ރެއާއި ދުވާލު ތައްޔާރީ ހާލަތުގައި ބާއްވައިގެން ޑޯނިއަރ އާއި ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރުމުގެ މާލީ ފުދުންތެރި ކަމެއް އަދި ރާއްޖެއަކު ނެތެވެ. އިންޑިއާ އެކަންވާނީ އެތާނގެ ނިސްބަތުގައި ދާދި ކުޑަކުޑަ ކަމަކަށެވެ. ދެ ގައުމުގެ މަސްލަހަތު އޮތް އެކަމުގައި މުޅި އޮޕަރޭޝަން ދިވެހި ސިފައިންނާގުޅިގެން އިންޑިއާއިން ހިންގުމަކީ ހުރިހާ ގޮތަކުންވެސް ރާއްޖެއަށް އެންމެ ހަރަދުކުޑަ ފައިދަ ބޮޑުގޮތެވެ.
ސިޔާސީ ބޭނުމުގައި ރައީސް ޔާމީނު ދެންމެވި ގުއިރޯނެއްގައި ރައީސް މުއިއްޒު ޖެހިވަޑައިގެން އުޅުއްވަން ހަދައިގެން ދެގައުމުގެ ގުޅުން ގޯސްވީއެވެ. ކުރިން ކުރިމަތިލާން ނުޖެހޭ އެތައް ނުރައްކަލަކާ ރާއްޖެއާއި ދިވެހި ރައްޔިތުން ކުރިމަތިލާން ދަނީ ޖެހެމުންނެވެ.
ރައީސް ޔާމީނު ޖެއްސެވި އިންޑިއާ އައުޓްގެ ހަގީގަތް ރައްޔިތުންނަށް އޮޅުން ފިލުއްވާ ދެއްވާ ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ގޯސްވިޔަ ނުދެއްވާ މަވެތިކަން ރައީސް މުއިއްޒު ދޫކޮށް ލައްވާކަށް ނުވޭތޯއެވެ. ވެރިކަން ލިބުމުން އިދިކޮޅުގައި އުޅުނުހެން އުޅުން ހުއްޓާލަން ޖެހެއެވެ.
ބަޔަކު ކިޔާފާނެ އެއްޗަކުން ނެއްޓެން މާބޮޑަށް އަމިއްލަ އީގޯ ބޮޑުވެ ގޮތްދޫ ނުރުމަކީ މޮޅުކަމެއް ގަދަކަމެއް ނޫނެވެ. ގޮތްދޫކޮށް މާފަށް އެދެންޖެހޭ ބައެއްގެ ކައިރިން މާފަށް އެދި ކަން އޮތްގޮތް ތެދުބަހުން ރައްޔިތުންނަށް އޮޅުން ފިލުވާ ދިނުމުން ވާރަނގަޅު މާ ބޮޑުވާނެއެވެ. ރައީސް ޔާމީނު ޖެއްސެވި މަޅީގައި ބެނދެވިގެން ދޮގުމައްޗަށް ދޮގުހަދަމުން ރާއްޖެ ދޮށި އޮތް ބަޅަށް ދަމާހެން ދެމިއަކަސް އެންމެންނަކީ ގަމާރުންނެއް ނޫނެވެ.
އަސްކަރީ އުޅަނދު ތަކެއް ކަމަށްވާ ޑޯނިއަރ އާއި ހެލިކޮޕްޓަރުތައް ބަހައްޓައިގެން އެތަކެތި އޮޕަރޭޓް ކުރަން ތިބެނީ ސިވިލއަނުންނޭ ކިޔައިގެން ރައްޔިތުންނަށް އޮޅުވާނުލާށެވެ. ރާއްޖޭގައި ޑޯނިއަރ އާއި ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރަން ތިބި އިންޑިއާ ސިފައިންގެ ޔުނީފޯމް ބާލުވާ މަތިމަސް ބާލުވާފައި ބޭތިއްބިޔަސް ސިފައިންވާނީ ސިފައިންނަށެވެ. ޔުނީފޯމް ބާލުވާ މަތިމަސް ބޭލުވުމަކުން ސިފައިން ބޭލުނު ކަމަކަށް ނުވާނެއެވެ.