ނޮވެންބަރ3: ކާމިނީގޭ ވެރިކަން ދަމަހައްޓަން ޖެހިމަޅި 3

3 ފަށަލައިގެ ބޮޑު ރޭވުމަކުން ހިނގާފައިވާ ނޮވެމްބަރ 3 ގެ ގްރައުންޑް ރިއަލިޓީ ޝައުގުވެރި

ނޮވެންބަރ3: ކާމިނީގޭ ވެރިކަން ދަމަހައްޓަން ޖެހިމަޅި 3

11 ނޮވެމްބަރ 1978 ގައި ފުރަތަމަ ހުވާ ކުރިރޭ އައި ފުރަތަމަ ނޮވެމްބަރ 3 ގައި އެންމެ ވަޒަނެއް ގޮއްވާ ނުލާ ނިމުނަސް 10 އަހަރު ފަހުން ގެނައި އަސްލު ނޮވެމްބަރ 3 ވެގެން ދިޔައީ 19 ދިވެހިން ޝަހީދުކޮށް، ގައުމަށް ގެއްލުން ބޮޑު ނަމަވެސް ކާމިނީ އާއިލާއިން އުމުރަށް ވެރިކަން ކުރުމަށް ކުރި އުންމީދުގައި ދަމާލި ވަރުގަދަ ބިންގަލަކަށެވެ. 88 ނޮވެމްބަރ 3 އަކީ އިލްޔާސް އިބްރާހިމްގެ މައްޗަށް ކާމިނީގެއިން ގަދަވެ ގަތްކަން  ހޮދު އިލްޔާސްއަށް އަންގައި ދިނުމުގެ ފުރަތަމަ މަރުޙަލާއެވެ.

ރޭވުން ހުރި ވަރު ހާމަވާ ކަމަކީ، މާލޭ ފަސްމަތީ ފައިޖެހުނު އިރު ލުތުފީގެ ކޮންޓްރޯލް ގެއްލިއްޖެއެވެ. ލުތުފީ އެ ހުރީ ގަދަވެ ހެޔޮ ހާލުގައެވެ. މިއީ ދޮގެކޭ ބުނި ނަމަ އެއީ ވީގޮތް ކަމަށް ބުނެ ކުރިން އޭނާ ބައެއް މީހުންގާތު ހެދީ ދޮގެވެ.

ފުރަތަމައިނުން ވެސް ކޮމާންޑަރު ވަސަންތީ އަވަސްވެ ގަތީ ގާޒީ ބިލްޑިންގ ކުރިމަތީ ހުރި ފުލުސް އޮފީހާ ޑިފެންސް އިމާރާތުގެ ތެރޭން ލާފައި  އެތެރެވާން ކަމަށް ބެލެވެއެވެ. އެކަމަކު އޭނާއަށް ނޭނގޭ އެހެން ރޭވުމެއް އޭނާގެ ފަހަތުގައި ހުއްޓަތީވެ ސިފައިންގެއަށް ވަނަ ނުދީ ކޮމާންޑަރު ވަސަންތީ އޮތީ މޫނު ވަތަށް ފާރުބުޑަށް މަރާ ވައްޓާލާފައެވެ. 

އެއާ ދާދި ގާތުގައި ރައީސް އޮފީހާ ގާޒީ ބިލްޑިންގ ދެމެދު ގޯޅިއަށް ބަޑިޖަހާ މަރާ ވައްޓާލާފައި އޮތް ތަމަޅަ ހަނގުރާމަ ވެރިޔަކީ ވަސަންތީ މަރާލި މީހާތޯ ސުވާލު އުފެއްދި ދާނެއެވެ.  

ކޮންމެ ގޮތެއް ވިޔަސް 3 ފަށަލައިގެ ބޮޑު ރޭވުމަކުން ހިނގާފައިވާ ކަމަށް ބެލެވޭ 1988 ނޮވެމްބަރ 3 ގެ ގްރައުންޑް ރިއަލިޓީ އިން ފެންނަ ޝައުގުވެރި ކަންކަން ގިނައެވެ.

ފުރަތަމަ ކަމަކަށް ކުރިން ވެސް ބުނި ފަދައިން އެ ބޮޑު އޯކިޑް މަގުގައި ހާމައަށް ހުރި ތީމުގެއާ މާބޮޑު އަޅާލުމެއް ނެތި ހަނގުރާމަވެރިން އެންމެ ފުރަތަމަ ވެސް މިސްރާބު ޖަހާ އެ ދިޔަ ގޮތަށް ގޮސް ވަދެގަތީ މާދުރުގައި ހުރި އިލްޔާސް އިބްރާހިމް ދިރިއުޅުއްވާ މއ. ކިނބިގަސްދޮށުގެއަށެވެ. އެގޭ ތެރޭގައި ކުޑަނެވި ތުއްތު މަނިކު ޝަހީދު ކޮށްލީ އިލްޔާސާ ހަމައަށް ދިއުމަށް ހުރި ހުރަހަކަށް އޭނާ ވީމައެވެ. އެއާ ހިލާފަށް ތީމުގޭގައި އުޅުނު މެހި ކުރަފި ހޯނަށް ވެސް ވީކަމެއް ނެތެވެ. 

ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމަކީ ރާއްޖެ ދުނިޔެއަށް ހުޅުވުނު މަރުހަލާ އެންމެ ބާރަށް ހިނގި ޒަމާނެވެ. ފަތުރުވެރިކަން ފެށި، އާ ސިނާއަތު  ތަކުން ދުނިޔޭގެ ތެރެއަށް ދިވެހި އިގްތިސާދު އުދުހިގަތް ދުވަސްވަރެވެ. މި މުހިންމު ދަނޑިވަޅުގައި ހާއްސަކޮށް ރާއްޖޭގެ އިގްތިސާދީ ކަންކަން އިންތިޒާމް ކުރުމުގައި ރައީސް ނާސިރުގެ އެންމެ ބޮޑު މަދަރުގާރަކީ މަރްހޫމް ކޮލި އަލި މަނިކެވެ.

ޔުނިވަރސަލް އެންޓަރޕްރައިޒަސް ނިސްބަތްވާ މަޝްހޫރު ބޮޑު ވިޔަފާރި ނިސްބަތްވަނީ ކޮލިގެއަށެވެ. އެއީ 100 ޕަސެންޓް ވިޔަފާރިއަށް ނިސްބަތްވާ، ސިޔާަސީ ކަންކަމުން ދުރުހެލި ވެގެންތިބޭ އާއިލާ އެކެވެ. ގުޅީ އީސާ ކަލޭފާނަށްވީ ހުރިހާ ގޮތެއް ކޮލިގޭ ކުދިންގެ ބައްޕަ މަރްހޫމް ޢުމަރު މަނިކުގެ ދަރިންނަށް ދެއްވި އެންމެ އަގުހުރި ފިލާވަޅުކަމުގައި ފުދެއެވެ.

ވިޔަފާރިއާ ސިޔާސަތު ކިތަންމެ ދުރު ކުރަން ބެލިޔަސް ކޮލިގެއާ ގުޅޭ އެއް ސަރކިޓް ސިޔާސީ ކަންކަމުގެ ވަތުބަތާނާ މާކުރިންސުރެ ހުރީ ގުޅިފައެވެ. އާދައިގެ ގޮތަކަށް އެސަރކިޓް ބްރޭކްކޮށް ވައްޓާލުމަކީ ފަސޭހަ ކަމެއް ނޫނެވެ. އޭގެ އެއްނަރު ގުޅިފައި އިނީ ކޮލިގެއަށެވެ. އަނެއްނަރު ގުޅެނީ ކާމިނީގޭ ކުދިންގެ ބޮޑުފަހަރި، މައުމޫނުގެ އަނބިކަނބަލުން މާފަންނު އެންދެރިމާގޭ ނަސްރީނާ އިބްރާހީމަށެވެ.