ވެއްޓިވެއްޓި އޮތް ވެރިކަން ކޮޅަށްޖަހައިދިން މީހުނަށް މުއިއްޒު ދިނީ ކޮޅުކެހި
ފަހަތުގައި އޮތް ބިޔަ ބޮޑު ޕީޕީއެމް ހުދުކާފޫރަށް ހަދާލީ
ރާއްޖޭގެ ރައީސް ކަމުގައި މިހާރު އެހުރި މުއިއްޒަކީ އިހުސާންތެރިކަމުގެ ކަންފުޅެއްވެސް ނެތް މީހެކެވެ. ހެޔޮކަމެއް ކޮށްދޭ ކޮންމެ މީހަކަށް ތެޔޮހަންދޭ މީހެކެވެ. ވަކި ކަމެއްގައެއް ނޫނެވެ. ހުރިހާ ކަމެއްގައިވެސް މުއިއްޒުގެ އޮންނަނީ ކޮރަކަލީގެ ހަމައެވެ. ކަޅުއޮށު ބަނޑު ދަށުގައި ހުރެ ކޮރަކަލި ބޮޑުވެ ހަންޖަކަށް ވުމުން ބަޑިޖަހާ ކަޅުއޮއްކާލާ ފަނިހަންޖެކޭ މުއިއްޒެކޭ ތަފާތެއް ނެތެވެ.
ސިޔާސީ ދަތުރު އަދާލަތުން ފަށައިގެން ވެރިކަމަށް އައުމަ ހަމައަށް މުއިއްޒު ކަންކުރީ ކިހިނެއްކަން ކިތަންމެ ފަހަރަކު ކިތަންމެ ބަޔަކު އެބަ ކިޔައެވެ. ރައީސް ޔާމީނުގެ ހިޔަނިން ބާރުވެރިވެ ގަތްގޮތާއި ރިޔަސީ ޓިކެޓް ދަމައިގަތްގޮތަކީ އައުވާހަކައެއް ނޫނެވެ. ރައީސް ޔާމީނުގެ ފަލްސަފާއާއި ފޮޓޯފުޅާއި ހުސްގޮނޑިއަކީ އެންމެން ދުށްތަނެވެ.
ވެރިކަމާ މުއިއްޒާ ދެމެދަށް އޮތް ހުރިހާ ހުރަހެއް ގިރާކުރުމުގައި އިހުސާންތެރިކަމާއި މޫނަށް ކަނދުރާއަށް ބެލުމަކީ މުއިއްޒުގެ އޮންނަކަމެއް ނޫނެވެ. ވެރިކަން ލިބުމުން ވެރިކަމަށް ގެންނަން ވޯޓުދިން ގިނަ މީހުނަށްވެސް ދިނީ ދޯކާއެވެ. ކޮށްލީބާކީއެވެ. ފަހަތުގައި އޮތް ބިޔަ ބޮޑު ޕީޕީއެމް ހުދުކާފޫރަށް ހަދާލީއެވެ. ރައީސް ޔާމީން ސައްޕުޖަހާ ބޭރުކޮށްލީއެވެ.
ވެރިކަމުގެ މާމުއި ހަނދުވަރުގައި މުއިއްޒަށް ވެރިކަން ދިފާއުކުރުންވީ ފިސާރި އުނދަގޫ ކަމަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ މުއިއްޒާ ދެކޮޅަށެވެ. ވެރިކަމުން އަޒުލްކުރުމުގެ އަޑު އޭރު ކަނޑައިގެން ނުދެއެވެ. ފަސޭހަކަމާއެކު މުއިއްޒު ވެރިކަމުން އަޒުލުކުރުމުގެ ބާރު އިދިކޮޅަށް އޮތެވެ. ރައީސް ވެރިކަމުން އަޒުލްކުރަން އޮތްމަގު ކުރުކޮށް ފަސޭހަކަމާއެކު ވެރިކަމުން އަޒުލުކުރެވޭ ގޮތަށް އުސޫލު ބަދަލު ކުރެވިގެން ދިޔަތަން ވެސް ފެނިގެން ދިޔައެވެ.
ދެނަކާ ދެނެއްނެތެވެ. މުއިއްޒު ގޮތްހުސްވެ އިދިކޮޅު ޕާޓީއަށް މަޖިލީހުގައި އޮތް މެޖޯރިޓީ ނަގާލަން ކުރެވެން އޮތްހާކަމެއް ކުރަންފެށިއެވެ. ނަތީޖާ ގޯހެއްނޫނެވެ. ހެދިއެއްޗެއް ހަދައިގެން 12 މެންބަރަކު އުފުރާލިއެވެ. ކުއްލިއަކަށް 12 މެންބަރަކު ކޮޅު ބަދަލު ކުރުމަކީ އިއްތިފާގެއް ކަމަކަށް އެކަކުވެސް ގަބޫލެއް ނުކުރެއެވެ.
ޕާޓީ ބަދަލުކުރި މެންބަރުންނަށް ރިޝްވަތުގެ ގޮތުގައި މިލިޔަނުން ފައިސާއާއި ޕްރޮޖެކްޓާއި ކަޓާއި ވަޒީފާތައް ދިންކަމަށް ތުހުމަތުކުރެވުނެވެ. އެ މެންބަރުން އަލުން ދާއިރާއަށް ވާދަ ނުކުރުން ޝަރުތުކޮށް ގިނަކަންތައް ތަކެއް ކޮށްދޭން އެއްބަސް ވެވުނު ކަމަށްވެއެވެ. ކޮޅުބަދަލުކުރި މެންބަރުންގެ ތެރެއިން ދެމީހަކު ނޫނީ އަލުން މަޖިލީހަށް ވާދައެއް ނުކުރެއެވެ. މުއިއްޒު އެދުނު ގޮތަށް ހުށައެލުން ގަބޫލުކޮށްގެން މުއިއްޒަށް މަޖިލީހުގެ މެޖޯރިޓީ ހޯދާދޭން އެ މީހުން ބުރަކޮށް މަސައްކަތް ކުރިއެވެ.
ކުލަ ބަދަލުކުރި މެންބަރުން ކުރިއްސުރެ ދެއްކިހާ ވާހަކައާއި ކުރިހާކަންކަން "ޝިފްޓް ޑިލީޓް"ވެ ނުކުރާ ކަމަކަށްވެ މުއިއްޒުގެ ވެރިކަން ދިފާއު ކުރުމުގައި އައު އިސްލާމުންނެކޭ ތަފާތެއް ނެތުނެވެ. މަޖިލީހުގެ ތަޅުމުގައި މުއިއްޒުގެ ދިފާއުގައި ނޫޅޭ ގޮތެއް ނުކުޅޭ ޑްރާމާއެއް ނެތެވެ. ޕާޓީ ބަދަލުކުރި މެންބަރުންގެ ބުރަ މަސައްކަތުން މުއިއްޒު އަޒުލު ކުރިޔަނުދީ ހިފަހައްޓާލިއެވެ.
މުއިއްޒު ބޭނުންވި ގޮތަށް ބޭނުންވި ކަންތައްވެ ނިމިއްޖެއެވެ. ވެރިކަމުގައި ހަމަޖެހުމުގެ ނޭވާ މުއިއްޒަށް ލެވިއްޖެއެވެ. އަޒުލުން ސަލާމަތް ވެއްޖެއެވެ. ޕާޓީ ބަދަލުކުރުވި މެންބަރުންގެ ބޭނުން ކެނޑިއްޖެއެވެ. ދޭން ވައުދުވި ފައިސާއެއް ހަމައަކަށް ނުދިނެވެ. ކޮށްދޭން ބުނި އެއްވެސް ކަމެއް ކޮށެއްނުދިނެވެ. ދެ މީދާފެހި ބުޅަލަށް ވީވަރުވެސް އެ 12 މެންބަރުންނަށް ނުވިއެވެ. ވެއްޓިވެއްޓި އޮތް ވެރިކަން ކޮޅަށްޖަހައިދިން މީހުނަށް މުއިއްޒު ދިނީ ކޮޅުކެއްސެވެ.