ދިވެހީންގެރާއްޖެއަށް މަދުވަނީ މުއިއްޒު އައިކޮނިކް ޓަވަރެއް!

ގިނަ ރައްޔިތުން ތިބީ އަނގަޔާ އަތާ ދިމާނުވާ ހާލުގައެވެ. އިންފްލޭޝަން ބޮޑުވެގެން ގޮސް ތަކެތީގެ އަގުހުރީ އަތްފޯރާ ފަށަކުނޫނެވެ. މުއިއްޒަށް ބޯލަނބާ ކިޔަމަން ގަނެގެން އެހާބަތަކަށް ރިހަނުވާ މީހަކަށް ވަޒީފާއެއް ލިބޭނެ ގޮތެއް އާމްދަނީ ހޯދަން ކުރެވޭނެ މަސައްކަތެއް ނެތެވެ.
ޖުމްލަކޮށް މުޅި ގައުމުގެ އާއްމު ހާލަތު މީގެ ދެއަހަރު ކުރިއާ އަޅާބަލާއިރު ބޮޑުތަނުންވަނީ ގޯސްވެފައެވެ. ސަރުކާރުގެ ބެލެންސް ޝީޓް ކޮންމެ ގޮތަކަށް މުލައްމާކޮށްގެން ދެއްކިޔަސް ދިވެހި ރާއްޖެއޮތީ ބަނގުރޫޓް އިއުލާނު ނުކުރާތީ ބަނގުރޫޓްނުވެއެވެ. ހަގީގަތުގައި މުޅި ދައުލަތް އޮތީ ބަނގުރޫޓްވެފައެވެ. ސަރުކާރުގެ ބޭރުގެ ދަރަންނާއި އެތެރޭގެ ދަރަނީގެ ވާހަކަ ދައްކާކަށް ނެތީމެވެ.
މުޅި ގައުމު އިނދަޖެހިފައި އޮތަސް މުއިއްޒާއި މުއިއްޒު ސަރުކާރުގެ އަމަލުތައް ހުރީ އެއްވަނަ ދުނިޔޭގެ ގައުމެއްގެ ފެންވަރުގައެވެ. ކުރަން އުޅެނީ ސައޫދީ އަރަބިޔާއާއި ޖަޕާނާއި ދުބާއީފަދަ ތަންތަނުގައި ކުރާ ކަހަލަ ކަންކަމެވެ. އާރެއް އުރައްޕަތެއް ނެތަސް ދައްކަނީ ޖައްވަށް ރޮކެޓް އުދުއްސާ ވާހަކައެވެ. މުއިއްޒު އަނގައިން ނުކުރާ އެއްކަމެއް ނެތެވެ.
ރަސްމާލެ ހިއްކާ ދުނިޔޭގެ ފުރަތަމަ އެކޯސީޓީ ހަދައިފިއެވެ. ރަސްމާލެއާއި މާލެ އަންޑަރވޯޓާ ބިއްލޫރި ޓަނަލަކުން ގުޅުވާލައިފިއެވެ. މާލެއާއި ފުނަދުއާއި ހުޅުލެ މޮނޯ ރޭލުން ގުޅާލައިފިއެވެ. އައްޑޫ ހިތަދުއާއި މީދޫ ބުރިޖުން ގުޅާލައިފިއެވެ. ސީޕްލޭން ޓަމިނަލް އެހެންތާކަށް ބަދަލުކޮށް ވެލާނާ އެއަރޕޯޓުން އެއްފަހަރާ އެތައް ލައްކަ ފަސިންޖަރުންނަށް ހިދުމަތް ދޭންފަށައިފިއެވެ. މާލެ ކައިރީގައި ސޯލަރ އެނަޖީ އެކަނި ބޭނުންކުރާ އެންވަޔަމަންޓް ފްރެންޑްލީ ރަށެއް ހަދާ ނިންމައިފިއެވެ. މާލޭ ޕޯޓް ގުޅިފަޅުން ތިލަފުއްޓައް ބަދަލުކޮށްފިއެވެ. ރަށްރަށުގައި އެޅިހާ އެއަރޕޯޓްތަކާއި ހިސްޕިޓަލްތަކާއި އެހުރީ ބާރަށް ހިނގަހިގާ ވިއްޔާއެވެ.
އެންމެ ފަހުން ކޮމާޝަލް ކެޕިޓަލަށް ހުޅުމާލެ ހަދާ ހުޅުމާލެ ރަމްޒުކޮށްދޭން އުސް ޓަވަރެއް އަޅަނީއެވެ. ހުޅުމާލޭގައި "އައިކޮނިކް ޓަވަރ" މިހާރުން މިހާރަށް ނާޅައެއް ކަމަކު ނުދާނެއެވެ. ސްރީލަންކާގެ ލޮޓަސް ޓަވަރާއި މެލޭޝިއާގެ ޕެޓްރޯނަސް ޓުވިން ޓަވަރާއި ޔޫއޭއީގެ ބްރުޖްހަލީފާ އާއި ސިންގަޕޫރުގެ ގުއޮކޯ ޓަވަރަށް ރާއްޖެވަކި ދޫކުރާނެ ކަމެއް ނެތްތާއެވެ. ރާއްޖޭގައި މިހާރު މަދީ އެކަހަލަ ލޭންޑްމާކެއް އެކަންޏެވެ.