ބޭނުންވަނީ އިންސާނީ ކަރާމަތާއި ހައްގުތައް ކަށަވަރު ދިރިއުޅުމެއް: ޝާހިދު

ދިވެހި ރައްޔިތުން ބޭނުންވަނީ އިންސާނީ ކަރާމަތާއި، ހައްގުތައް ކަށަވަރު ޑިމޮކްރަޓިކް ދިރިއުޅުމެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ. އޮނަރަބަލް ޝާހިދު މިހެން ވިދާޅުވީ އެމަނިކުފާނު ރޭ މެންދަމު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުއިއްޒު ރޭގައި ފެއްޓެވި 2.0 މޯލްޑިވްސް ޕްރޮގަރާމާ ގުޅިގެން ހިތްމަނުޖެހުން ފާޅުކުރައްވާ އޮނަރަބަލް ޝާހިދު ވިދާޅުވީ 2.0 ރާއްޖެއެއް ދިވެހި ރައްޔިތުން ބޭނުމެއް ނޫންނެވެ. ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި ތައްޔާރުވަނީ އިންތިހާބުތައް އޮޅުވާލައި ރައްޔިތުންގެ ކަރަށް އަތްބާނައިގެން ވައްކަންކުރަން ކަމަށް ޝާހިދު ތުހުމަތު ކުރެއްވިއެވެ.
އޮނަރަބަލް ޝާހިދު ވިދާޅުވަނީ ބޭސް ގުޅައެއް ހޯދަން ވެސް ރައްޔިތުން ތިބީ ވާނުވާފައެވެ. ރަށްރަށުގެ ތަރައްގީ އޮތީ ވާނުވާގައެވެ. އަދުލު އިންސާފާއި ސްޕްރީމް ކޯޓް އޮތީ ވާނުވާގައެވެ.
ވެރިކަމަށް ދެއަހަރަށް ދާއިރު ތަރައްގީގެ މާރެހެއް ނުފެންނަ ކަމަށާއި ވިޔަފާރިތައް ފުނޑި ދަރަނި ބޮޑުވެ މުޅި ގައުމު ވާނުވާގައި އޮތްކަމަށް ޝާހިދު ސިފަކުރައްވައެވެ. އެހާލަތުގައި ގައުމު ވާހިނދު، ދިވެހީންގެ ރާއްޖެ ސްކޭމުން " 2.0 މޯލްޑިވްސް " އަށް ދޮގު ފަތި އަމުނަމުން ދިއުން މިހާރުން މިހާރަށް ހުއްޓާލަން ސަރުކާރަށް ޝާހިދު ގޮވާލައްވައެވެ. " ދިވެހިން ތިޔަ ދޮގުތަކެއް ބޭނުމެއް ނުވޭ" އަދި "އެފުރުސަތެއް ރައްޔިތުން ހަމަ ހިލާ ނުދޭނެ" ކަމަށް ޝާހިދު ވިދާޅުވިއެވެ.