ރޭގާ ޝުޖާބެ ކިޔާދިނީ ދައުލަތް ދަވާލަމުން ދާގޮތް
ޕްރޮޖެކްޓްތައް ކައްވާލާ ގޮތާއި ކަޓުނަގާގޮތަށް ޝުޖާ ނިކަން ފަރިތަވާނެ
މުއިއްޒާ ގުޅިގެން ބާރަށު ޝުޖާއުމެން ދައުލަތް ދަވާލަމުން ދާގޮތް ރޭގައި އަމިއްލައަށް ކިޔާދީފިއެވެ. އެމްޑީޕީ ސަރުކާރުން ކަންކުރި ގޮތޭބުނެ ޝުޖާ ކިޔާދިނީ މުއިއްޒު ސަރުކާރުގައި މިވީ ހަތް މަސްދުވަހު ކަންކުރިގޮތެވެ.
ޕްރޮޖެކްޓްތައް ކައްވާލާ ގޮތާއި ކަޓުނަގާގޮތަށް ޝުޖާ ނިކަން ފަރިތަވާނެއެވެ. މާލެ ސިޓީ ކައުންސިލްގައި ތިބެގެން އޭރުވެސް މުއިއްޒާ ގުޅިގެން ޝުޖާމެން ކުރަނީ ވައްކަންކަމަށް މާލެތެރޭގައި ކިޔާއުޅެއެވެ. ކައުންސިލަރ އާދަމް ރަމީޒާއި ކައުންސިލަރ ހެރިންސް އަބްދުއްލާއާއި ކައުންސިލަރ ބާރަށު ޝުޖާ މާލެ ސިޓީ ދަވާލި ކަމަށް ދެކެވޭ ވާހަކައިގެ ތެދު ދޮގު އެނގޭނީ ސަމަންތަރު ހެޔޮ އޯޑިޓަކާއި ތަހުގީގެއް ކޮށްލީމައެވެ. އެނގި ޔަގީންވާ ކަމަކީ މުއިއްޒު ވެރިކަމާއެކު ކައުންސިލަކަށް ކައުންސިލެއް ދޫކޮށް އެ މީހުން މުއިއްޒުގެ ތޮއްވަރިއަށް ގެންދިޔަކަމެވެ.
މުއިއްޒަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ވަގަށް ނަގާންދޭން އުޅެގެން ޕީޕީއެމުން ވަކިވާންޖެހުނު ކައުންސިލަރ އާދަމް ރަމީޒުވީ މުއިއްޒު އެންމެ އަރިސް އެންމެ އިތުބާރުކުރާ ރައީސްގެ ވަޒީރަށެވެ. ބުނެވޭ ގޮތުގައި ރަމީޒަކީ މުއިއްޒުގެ އިލެޓްރޯނިކް ސޮއިވެސް ދީފައި އޮންނަ މީހެކެވެ. ވެރިކަމަށް އަދި މިވީ ހަތްމަސް ދުވަހެވެ. އާދަމް ރަމީޒު ކޮބައިހެއްޔެވެ. އަދަމް ރަމީޒާ ގުޅުވައިގެން ފެތުރިފައިވަނީ އެތައް މިލިޔަން ޑޮލަރ ދަވާލައިގެން އުޅޭ ވާހަކައެވެ. ބާރަށު ޝުޖާ ދިންމާރިއެއްހެން ފުމެނަގަނީ ގައިމު ކަމެއް ވެގެންތާއެވެ.
ބައެއް ފަހަރަށް ޝުޖާއަކީ މުއިއްޒު ސަރުކާރުގެ މާލީ ވަޒީރޭހީވެއެވެ. ދައުލަތުގެ ސްޕޯކްސްޕާސަނަކީ ވެސް ބާރަށު ޝުޖާ ކަހަލައެވެ. ހުރިހާ ނުއުމުރު ކުދިންގެ ޝުޖާބެ ހެދިގެން ހަލާލެއް ހަރާމެއް ނުބަލާ ޖެހުނު ގޮތަކުން ފައިސާ ހޯދުމަށް އެދިކެނޑިފައި މީހަކު ހުރެއްޖެނަމަ ކޮށްފާ ނުކުރާނެ ކަމެއް ނުއޮންނާނެތާއެވެ. ބާރަށު ޝުޖާލަވާ ހަޅޭ އަދިވެސް މާކުޑައެވެ.
ހަމަ ރަނގަޅަށްވެސް ޝުޖާ ރޭގައި ކިޔާދިނީ ޓްރާންސިޝަން ޕީރިއަޑްގެ ތެރޭގައި ދިމްޔާތުގައި ދުފާ ސައިބޮއެ މަޖާކުރަން ތިބި ގޮތުގެ ވާހަކައެވެ. ބަދަލުގެ މަރުހަލާގައި ކޮންމެ ދުވަހަކުހެން ފިރުޒުލް އިރުއިރުކޮޅުން އަރާ ނޫސްވެރިންނަށް ޓްރާންސިޝަނުގެ ކަންކަން ހިނގާ ގޮތް ކިޔާދިނެވެ. ކުރީގެ ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އެއްބާރުލުމެއް ނުދީގެން ބަލަން ބޭނުންވި ކަމެއް ނުދައްކައިގެން އެ ވާހަކައެއް ނުދައްކައެވެ.
ޓްރާންސިޝަން ކޮމެޓީތަކުގެ ފައިނަލް ރިޕޯޓް ހުށަހެޅި އިރުވެސް އެއްވެސް ކޮމެޓީއަކަށް އެއްބާރުލުން ނުލިބިގެން އުޅުނު ވާހަކައެއް ނުދައްކައެވެ. އެއްޗެއް އޮޅުނުފިލާ އޮތިއްޔާ އޮތީ ހޯދަން ނޫޅުނު އެއްޗެކެވެ. އެހުރިހާ ވާހަކަތަކާއި ރެކޯޑްތައް އެހުރީ ފެންނާށެވެ.
ހަތްމަސް ދުވަހު ވެރިކަން ހިންގަން އުޅެ ހެދޭނެހެދޭ ނޭގި ވެރިކަން ނުހިންގުނީމާ މަހެއް ނުބޭނެޔޭ ވައެއް ނުޖެހެޔޭ ކިޔައިގެން އަނގަވެރިޔަސް މާ މޮޅަށް ވެރިކަން ކުރެވޭ ކަމަކަށް ނުވާނެއެވެ. މުސާރަ ދީގެން ގެންގުޅޭ އަޅުކުދިންކޮޅު ގެންގޮސްގެ ކުރިމަތީ އަތުރައިގެން ތިބެ "ކުރާނަން، ދޭނަން، ފަށާނަން، ބަލާނަން" ކިޔައިގެން ކަރުފެޅެންދެން ހަޅޭފަޅޭ ޖެއްސަސް ގަބޫލުކުރާ މީހަކު ނޫޅެއެވެ.