ދުނިޔެ ރަންވެފައިހުރި މީހެއްގެ ދިފާއުގާ ހީނާ!
ފުލުހުން ކުރާއަނިޔާއަކީ ޖާގަ ހަދާދީ ޓްރެފިކް ބަލަހައްޓާ ދިނުން
ކުޑައިރު މައިންބަފައިން ވަކިވުމުގެ ސަބަބުން އަނިޔާ ލިބި ލިބި ބަދަލު ހިފުމުގެ ރޫހު ކަށީގެ މަދުގައި ހަރުލާފައިހުރި ބޭޗާރާއަކަށް ބާރެއް ލިބުނީމާ ވާންވީ ހައެތި މިހިރަވަނީއެވެ. ނަފްސާނީ ބަލީގައި ދުނިޔެ ރަންވެފައިހުރި މޮޔައެއްގެ އަތަށް ކަނޑި ދިނީމާ ވާނެގޮތް މިހިރަވަނީއެވެ. މޮޔަގެރިއަށް ރަތްފޮތި ފެނުނީމާ ވާހެން ވެގެން ޒާތަކު ފޮޓޯއެއް ދީފާ ފޮނުވީމާ ނިކުމެ ފުލުހުން ކޮށްލިވަރޭ ބުނެ ފުލުހުންނާ ޖެހިގަންނަން ހީނާ ވަލީދަކީ ކާކުހެއްޔެވެ. އެކަށީގެންނުވާ ބާރެއް ބޭނުންކޮށްގެން މުޒާހަރާއެއް ރޫޅާލަން ޖެހޭ ވަރުގެ މުޒާހަރާއެއް ހުސްވި ފަސްއަހަރަކު ނުބޭއްވެއެވެ. ނިމިދިޔަ ފަސްއަހަރު ފުލުހުން ތިބީ ވަރަށް ހަމަޖެހިގެންނެވެ.
ފުލުހުން ފާލުން ނައްޓާވަރުގެ މުޒާހަރާއެއް ހީނާމެން އިދިކޮޅުގައި ތިބެ ބޭއްވީއެއް ނޫނެވެ. ބާއްވާކަށް އެނގުނީއެއް ނޫނެވެ. ނުއެކަށޭނަ ބާރެއް ބޭނުންކޮށްގެން ފުލުހުން ލައްވާ ގޯހެއް ހެއްދޭވަރުގެ އެއްވުމެއް ބޭއްވުނު ނަމަވެސް ހީނާ ކޯތަޅުވަން ރަނގަޅެވެ.
އެކިފަހަރު އެކި ނަމުގައި މުޒާހަރާތައް ބޭއްވޭތޯ ހީނާމެން އުޅުނީމު ނޫން ހެއްޔެވެ. ހެޔޮވަރުގެ އަދަދަކަށް މީހުން ނުނިކުމެގެން ކޮންމެ ފަހަރަކުވެސް މުޒާހަރާ ވައިވުން ނޫން ކަމެއް ވީހެއްޔެވެ. އިންޑިއާ އައުޓް ވައިގައި ހިފާނެކަމަށް ހީކުރީމު ނޫން ހެއްޔެވެ. މީހުންގަނޑު ނިކުމެ ވެރިކަން ވައްޓާލާނެ ކަމަށް ހީކޮށް ފޮނު އެރުވީމު ނޫން ހެއްޔެވެ. ހެޔޮވަރުގެ އަދަދަކަށް މީހުން ނުނިކުތުމުން ފުލުހުން ނިކުމެ ކަމެއްކުރާން ނުޖެހި ރިޔާސީ ގަރާރަކަށް ފޫޅުކަނޑާ މުޒާހަރާ ވައިވެގެން ދިޔަ ހަނދާން ހީނާގެ ބަލިހާލު ހުރިގޮތުން ނެތުނީތާއެވެ.
ހަރާން ހުކުން މުޒާހަރާ ތަކަށް ވީގޮތް ރައީސް ޔާމީނު އިއްޔެރޭ އެވިދާޅުވެ ދެއްވީއެވެ. ނުއުމުރުގެ ތިރީހަކަށް އަންހެނުން ކޮންމެ ރެއަކު ކަސްރަތު ކުލާހަކަށް ދާންހެން ގޮސްތިބެ ދޮޅުގަޑިއެއްހާއިރު އެ ބޭއްވީ މުޒާހަރާ ހެއްޔެވެ. ޕީޕީއެމް އޮފީސް ދޮރުމަތީގައި ނުވަތަ ސޯސަންމަގު ޖަންގްޝަނުގައި ގުޅައަކަށް ތިބެ ތިރީހަކަށް އަންހެނުން ހޭރުވި ހޭރުވުން އެއީ މުޒާހަރާއަށް ވޭހެއްޔެވެ. ފުލުހުން ނިކުމެ އެ ކަނބަލުންނަށް ޖާގަ ހަދާދީ ޓްރެފިކް ބަލަހައްޓާ ދީހެދުމަކީ އަނިޔާކުރުން ކަމަށް ވަންޏާ އެއީ ކިތަންމެ ހާވެސް ބޮޑު އަނިޔާއެކެވެ.
ހީނާގެ ލޮލަށްމިރުސް އެޅިފަ ހުއްޓަސް އެންމެންނަކު ތިބީކީ ލޮލަށް މިރުސް އެޅިފައެއް ނޫނެވެ. ހީނާމެން ހަރާން ހުކުމުގެ ނަމުގައި ދެބައި އުމުރު މަދު އަންހެނުން ކޮޅެއް ނެރުވައިގެން ހޭވި ހަޑި މާލޭގައި އުޅުނު ބަޔަކު ދެކޭނެއެވެ. އެކަކަށް އެކައްޗެއްވެސް އޮޅުވައެއް ނުލެވޭނެއެވެ. ޖަލު ހުކުމުގައި އޮންނެވި ރައީސް ޔާމީނަށް ވެސް އޮޅިވަޑައި ނުގަންނަވާކަން މިހާރު ސާފުވާނެއެވެ.
ވެރިކަމުގެ އާރާ ބާރުގައި ތިބެ ފުލުހުން ފޮނުވައިގެން އެމީހުން ލައްވާ އަނިޔާވެރިކަން ރައީސް ޔާމީނުގެ ސަޕޯޓަރުންނަށް ދެއްކުމަށްފަހު ފުލުހުންގެ ބޮލަށް އެކަން ކަނޑާލަން ޗަރުކޭސް ނުދައްކާށެވެ. ފުލުހުންނަކީ އެމީހުންގެ ތޮބީއަތުގައިވެސް އަނިޔާވެރި ބައެއްކަމަށް ދައްކަން ރާގުރާގަށް ވާހަކަ ދެއްކިޔަސް ފުލުހުންނާއި ރައްޔިތުންނަށް ވާނުވާ އެނގެއެވެ. ވެރިކަމާހެދި އަމިއްލަ އަތަށް ގޮއްވާލެވޭ އިރުވެސް އެނގެނީއެއް ނޫނެވެ.