އަމީނަށް: ފެމުނު މިޔަރަކާ ގައުމު ހަވާލުކުރާކަށް މީހަކުނޫޅެ!
ގިނަ ބަޔަކަށް ރަށުގައި ތިބެގެން މުސާރަ ލިބި އުފަލުގައި އުޅޭތީ މޭކަރާނެ ކަމެއް ނެތް
ތަންކޮޅެއް ބާރަށް މީހަކު ކިނބިއްސެއް އެޅިޔަސް ހަތަރެސް ފަޔަށް އަންގިލައްވައިގެން ބޮނދާނެއެވެ. ވައިރޯޅި ބާރުވެ ގުގުރާ ވިދަންފެށިޔަސް މުއައްޒަފުން ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާލާނެއެވެ. އިރުވާ ހަޅަޖަހަން ފެށުމުން މުސާރަތައް ކުޑަކޮށްލާނެއެވެ. ހިކިފަސް ތަނެއް އޮތިއްޔާ އެ ތަނެއްގައި ބަނޑަހަ ޖަހާނެއެވެ. ގައުމުގާ އޮތް އެއްޗެއް ވިއްޔާ އަމިއްލަ މިލްކަށް ހަދާ ތިމާގެ ތުބުން ވެއްޓޭ ބަތްފުކެއް ނޫނީ އެހެން މީހަކު ކައިގެން ނުވާނެއެވެ. އާނއެކެވެ. ބޮޑު ގޮހޮޑާ ނޫނީ ރާއްޖޭގެ ވެރިކަން ކުރަން ކަމަކު ނުދާނެއެވެ.
ބޭސްކޮށް ދިނުމުގެ ނަމުގައި ޓްރިވެންޑްރަމުގައި ބަޑަހަޖަހައިގެން މައުމޫނު ވެރިކަމުގައި ބޭސް ކުރަން ބޭރަށް ދިޔަހާ މީހަކަށްދިން 200 ޑޮލަރު ދަމައިގަނެގެން ވެސް ކުރީ އަމިއްލަ ވިޔާފާރިއެވެ. ކޮވިޑްގައި ފިލާ އޮވެ އަމިއްލަ ރިސޯޓުތައް ފެސިލިޓީ ތަކަށް ހަދައިގެން ދައުލަތަށް ލިބުނުހާ އެހީގެ ފައިސާއެއް ކަޅާކުރިއެވެ. ކޮވިޑް ރިކަވަރީގެ ނަމުގައިވެސް ދަމާ ވީދީއެވެ.
ހުރިހާ ސަރުކާރެއްގެ ތެރޭގައި އެޖެންޓުން ބައިތިއްބައިގެން މަކަރާ ހީލަތުން ކޯޓުތައް މެދުވެރިކޮށް ގެއްލުމުގެ ބަދަލުގެ ނަމުގައި ބިލިއަނުން ދައުލަތް ދަވާލަނީއެވެ. މާލޭގެ ބިމުން ބިންތައް ހިސޯރުކޮށް އެކަށީގެންވާ އެއްޗެއް ދައުލަތަށް ނުދީ ހުރެ ކުރަނީ ވިޔަފާރިއެވެ. ކަންމަތީ ފިހާރަ ހިންގުން ފަދަ އާއްމު ކުދިކުދި ވިޔަފާރީގެ ތެރެއަށް ވަދެ ދެރަވަރު މީހާއަށް ވިޔާފަރި ނުކުރެވޭ ވަރު ކުރަނީއެވެ. މަތިންދާ ބޯޓު ދުއްވުމުން ފެށިގެން ކިއްލި ވިއްކުމާ ހަމަޔަށް ބައްކުރުމުގައި ހޭބޯ ނާރައެވެ.
ރިޕަބްލިކް އޮފް މޯލްޑިވްސް ވިލާ ޕްރައިވެޓް ލިމިޓެޑް އަށް ހެދުމަށް ރައްޔިތުން ތިބީ ކެތް މަދުވެފައި ވިއްޔާއެވެ. އެހެން ވީމާ ރ. އަތޮޅާއި ބ. އަތޮޅުގެ ރައްޔިތުން ގާސިމު ވެރިކަމަށް ނުގެނެވިގެން ތެޅެ ފޮޅޭނެ ތާއެވެ. ވިލާ ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހިންނަށް މުސާރަ ނުދީ ކަނޑާ ފޮނުވާލިކަން އެ މީހުނާއި އެ އާއިލަތައް ހަދާން އެބަހުއްޓެވެ. ކޮވިޑްގެ ދަތި ހާލަތުގައި މުއައްޒަފުން މަގުމަތި ކޮށްލުމުން ކުރި އަސަރާ އުފުލި ތަކުލީފާ ވޭން އެ މީހުން ހަދާން އެބަހުއްޓެވެ. ކަނޑާނުލާ ތިބި މަދު މުއައްޒަފުންނަށް 1000 ރުފިޔާގެ މުސާރަ ދީގެން ތެޅުވި ހިތްދަތި ހަނދާން ފިލާ ނުދެއެވެ.
ހޯލި މުގުރަން އިގިރޭސި ވިލާތުގައި ބަހައްޓާފައި ހުރި މީހަކަށް ފަހަރުގައި އެކަން އިހުސާސް ނުވެދާނެއެވެ. ގިނަ ބަޔަކަށް ރަށުގައި އާއިލާއާއިއެކު ތިބެގެން މުސާރަ ލިބި އުފަލުގައި އުޅެވޭ ގޮތް ވެފައިވާތީ މޭކަރާނެ ކަމެއް ނެތެވެ. ކޮވިޑް ފަދަ އާލަމީ ވަބާ ތަކުގައި މުއައްޒަފުން ކަނޑާ އުކާ މަގުމަތި ކުރާ މީހަކަށް ރައްޔިތުންގެ އިތުބާރެއް ނެތެވެ. ކޮވިޑްގައި ހަމަ މުސާރައާއި އެކު ގޭގައި ބައިތިއްބައިގެން ގައުމު ހަމަ މަގަށް އެޅުވި ރައީސް ބާލާފައި ފެމުނު މިޔަރަކާ ގައުމު ހަވާލު ކުރާކަށް ރައްޔިތުން ނޫޅެއެވެ.