ބޮޓޭކޯ ފަލާހު ކޮންސިއޫ...މަބަލް ވެގެން ފުޑާލަނީ ރައްޔިތުން
ބަނޑުފުރާނަ މުއްތިކުރަން ނޫނީ ނުވިސްނޭ ވަރަށް ރައްޔިތުން ބިންމަތިކޮށްލުން
ޕީއެންސީގެ ޕީޖީ ގްރޫޕް ލީޑަރަކަށް ވަޑި ފަލާ ނޫން މީހަކު ކަމަކު ނުދާނެއެވެ. ތަނެއް ދޮރެއް ދޮރުފަތެއް އެނގޭ މީހަކު ބަހައްޓައިގެން މުއިއްޒު ބޭނުންހާ ގޮތަކަށް މަޖިލީހުގެ ކަންކަން ފޮރޮޅާ ނުލެވޭނެކަން މުއިއްޒަށް އެނގެއެވެ. މަޖިލީހުގެ ރައީސަކަށް އައްދުއްރަހީމް ލައިގެން ޕީޖީ ލީޑަރަކަށް ވަލުބުޑު ނުކެޑޭ ވަޑިފަލާހު ލައިގެން ގާނޫނު ހަދަނީއޭ ކިޔައިގެން ރަނބަ ގިރަނީ މުއިއްޒަށް ނޭނގިއެއް ނޫނެވެ. ބޭނުމެއްގައެވެ.
ހުދުމުހުތާރު ވެރިކަމެއް ކޮށްލެވޭނީ ގަބު ގަމާރުން ބަސްކިޔަން ތިބެގެންތާއެވެ. އެހެން ކަމުން ކަމެއް ރަނގަޅުކުރުމަށް މުއިއްޒު ސަރުކާރާ އެކަކުވެސް ވާހަކަ ދެއްކުމުގެ މާނައެއް ނެތެވެ. ޑިމޮކްރަސީއާއި ބުއްދީގެ ހަމައަކީ މި ސަރުކާރުން ގަބޫލުކުރާ އެއްޗެއް ނޫނެވެ. ގަބޫލު ކުރާނެ އެއްޗެއްވެސް ނޫނެވެ.
" ބޮޓޭކޯ" ފަލާހު "ކޮންސިއޫއޫއޫ.. މަބަލް" ވެގެން މަޖިލީހުގައި ބިލް ހުށަހަޅާ ހިސާބަށް ގޮސް ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ބަރަހަނާ ވިޔަކަސް ހެޔޮތާއެވެ. ދޮގު ހެދުމާއި އޮޅުވާލުމާއި ރިޝްވަތުން މުޅި ގައުމު ފަސާދަކޮށް ގައުމު އިނދަ ޖައްސާލަނީ އެނގިހުރެއެވެ. ބޭނުމެއްގައެވެ.
ރާއްޖޭގައި މީހުން ޢާމްދަނީ ހޯދަން ކޮށްއުޅޭ ހުރިހާކަމަކަށް ސަރުކާރު ދަނޑި ބާނައިގެން ސަރުކާރުން އެކަންކަން ކުރަން ދިމާކޮށްފައި އެހުރީކީވެސް އޮޅުމަކުން ނޫނެވެ. މަސްވެރިކަމާއި ދަނޑުވެރިކަމާއި އިމާރާތްކުރުމާއި ޓެކްސީ ދުއްވުމަށް ދާންދެން ސަރުކާރުން ކުރާކަންކަމަށް ހަދަން އެއުޅެނީ ރައްޔިތަކަށް ހެވެއް އެދިގެން ނޫނެވެ. އާއްމު ވިޔާފާރިތަކާއި އާއްމުން އާމްދަނީ ހޯދަން ކުރާ މަސައްކަތްތައް ހުއްޓުވާ ރައްޔިތުން ނިކަމެތި ކޮށްލުމަކީ މުއިއްޒުގެ މައިގަނޑު ބޭނުމެވެ.
ކަރަންޓާއި ފެން ބިލު ބޮޑުކޮށް ބާޒާރުގެ މުދަލުގެ އަގުތައް އުފުލުވާ އާސަންދަ ލިބުން ދަތިކޮށް ހަނިކޮށް ހަދަނީ ރޭވިގެންނެވެ. ޒަމާނީ އާލާތްތަކުގެ ޓެކްސް ބޮޑުކޮށް ޓެކްނޮލޮޖީގެ ފަހުގެ ހިދުމަތްތައް އާއްމު މީހާއަށް ނުހޯދޭ ވަރަށް އަގުތައް ބޮޑުކޮށްލާ ބައްތިފޯނާއި ރަށު ބޫތަށް ގުޅުންތައް ތިރިކޮށްލުމަކީ މުއިއްޒުގެ ނިޔަތެވެ. ތަނަވަސް ފޯރުންތެރި ދިރިއުޅުމެއް އާއްމު ރައްޔިތުން އުޅުނަ ނުދިނުމަށް ޓޫރިޒަމް ޓެކްސްތައް ބޮޑުކޮށްގެން ދަށްފަންތިއާއި މެދު ފަންތީގެ ގެސްޓުން ނާންނަވަރު ކޮށްލައިގެން ގެސްޓު ހައުސް ވިޔަފާރިއާއި ރަށު ފަތުރުވެރިކަން ފުޑާލަނީއެވެ. އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުން ކުރަން މިއުޅެނީ ކީއްކަން ވަރަށް ސާފުކޮށް އެހުރީ ފެންނާށެވެ.
ހަގީގަތަކީ ސަރުކާރު ތުނބުން ވެއްޓޭ ބަތްފުކެއް ނޫނީ ރައްޔިތު މީހާއަށް ނުލިބޭ ގޮތްހަދާ ބަނޑުފުރާނަ މުއްތިކުރުން ނޫން ކަމަކަށް ނުވިސްނޭ ވަރަށް ރައްޔިތުން ބިންމަތިކޮށްލުމަކީ މުއިއްޒުގެ މުޅި ވިސްނުމެވެ. އޭރަކުން ރައީސް ވިދާޅުބަސްފުޅަށްވުރެ މަތީ ގާނޫނެއް ހަމައެއް ނޯންނާނެއެވެ. ޗެކް އެންޑް ބެލެންސާއި އަދުލަކީވެސް އިންސާފަކީވެސް އެވަގުތަކަށް މުއުއްޒު ބޭނުންވާ ގޮތެކެވެ.
ރައްޔިތުންނަށް އޮތް ހައްގަކަށްވާނީ ނަމެއްގައި ބާއްވާ އިންތިހާބުތަކުގައި މުއިއްޒު އެދޭ ގޮތަކަށް ވޯޓް ދިނުމެވެ. މުއިއްޒު ހާމަ ކުރަން ބޭނުން އެއްޗެއް ހާމަކޮށް ސިއްރުކުރަން ބޭނުން ކަމެއް ސިއްރުކުރުމުން ރައްޔިތުންނަށް އޮތީ އަހާ ކިޔަމަން ގަނެގެން ތިބުމެވެ. އެކަމަކު ބުނަން ހެއްޔެވެ. ރައްޔިތުން މުއިއްޒާ އަރާ ހަމަކުރާނެއެވެ.