ޑިޕްލޮމެޓިކް އިމްތިޔާޒަށް އަރައިގެން އެންމެން ހައްޔަރުކުރީތަ!

އިންޑިއާ ކުރިމަތީ ކުޑަކަކޫ ޖަހައިގެން އުޅުނަސް އެއްކަލަ 3 ޑެޕއުޓީން އެތިބީ މުސާރަ ކާލަކާލަ

ޑިޕްލޮމެޓިކް އިމްތިޔާޒަށް އަރައިގެން އެންމެން ހައްޔަރުކުރީތަ!

ކުށަކީ ބާވާ އެއްޗެއް ނޫނެވެ. ވެރިކަމުގައި ތިއްބަސް ނެތަސް ކުށެއް ކުރީމާ ވާނީ ކުށެއް ކުރިކަމަށެވެ. ރާއްޖޭގައި ހުރި އިންޑިއާ ސަފީރަށާއި އިންޑިއާގެ ވެރިންނަށާއި މުޅި އިންޑިއާއަށް ނިސްބަތްކޮށް ޑރ. މުއިއްޒު އިސްވެހުރެ ނުކިޔަނީ ކޮން އެއްޗެއް ހެއްޔެވެ. ނުކުރަނީ ކޮން ކަމެއް ހެއްޔެވެ. އިންޑިއާ އާއި ދެކޮޅަށް ފާޅުގައި މުޒާހަރާ ކުރިއެވެ. އޭރަކު އިންޑިއާ ސަފީރުގެ ޑިޕްލޮމެޓިކް އިމިއުނިޓީއެއް އޮތްކަމަކަށް އެބައިގަނޑަކަށް ނުވެއެވެ. ކީހާ އެއްޗަކާ ކުރިހާކަމެއް އައު ކުރާކަށް ނެތީމެވެ. ޕޮލިހުންގެ ރެކޯޑްތަކާއި ނޫސްތަކުގެ އާރކޭވްގައި އެހުރީ ފެންނާށެވެ. 

ކުރީ ސަރުކާރުން އިންޑިއާ އާއި އެކު ކުރިކަންކަމުގެ ވާހަކަ މިހާރުގެ ސަރުކާރުން ދައްކާހެން އިންޑިއާގެ އިމިއުނިޓީއަށް އަރައިގެން މީހުނަށް ހަރުކަށި ފިޔަވަޅު ނާޅާ އޮތް ވާހަކަ ވެސް ދައްކަބަލާށެވެ. އެ މީހުންނާ މެދު ގާނޫނީ ފިޔަވަޅު ނިކަން އަޅާބަލާށެވެ. 

މުއިއްޒު ވެރިކަމަށް އެރިފަހުން އިންޑިއާއަށް ކުރިހާ ކުޑައިމީހާއި ދެއްކި ދެކޮޅުވެރިކަމާއި ފާޅުގައި ދައްކަމުން ގެންދިޔަ ވާހަކަތައް އެހުރީ ފެންނާށެވެ. ޑިޕްލޮމެޓިކް ގުޅުން ކަނޑާލުމާއި ހަނގުރާމަ އިއުލާން ކުރުން ނޫން ހުރިހާކަމެއް ކުރިއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އިންޑިއާ ސަފީރު ނުބުނަނީސް ކުރީގެ ވެރިންނަން އިން ގޮނޑިން ނުތެދުވެވޭ ކަމަށް ބުނެ ރައީސް މުއިއްޒު ޑިޕޮލޮމެޓިކް އިމްތިޔާޒަށް އަރައިގަތެވެ. އިންޑިއާއަކީ ބުލީކުރާ ގައުމެއް ކަމަށްވެސް ބުންޏެވެ. އިންޑިއާ ކަނޑަކީ އިންޑިއާގެ ތަނެއް ނޫންކަމަށް ބުނެ ޖެއްސުމުގެ ވާހަކަދައްކާ ޖެއްސުން ކުރިއެވެ. ރާއްޖެއަކީ ސައިޒުން ކުޑަޔަސް ބެކްވާޑްގައި އޮތް ގައުމެއްނޫން ކަމަށް ވެސް މުއިއްޒު ބުންޏެވެ. 

އެހެން އެކަން ކޮށްފައި އޮއްވާ މުއިއްޒު ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން ލައްވާ އިންޑީއާގެ ބޮޑު ވަޒީރަށާއި އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށާއި ސަފީރަށް ނުގޮވާ ކުނި ފުޅައެއް ނެތެވެ. އެންމެ ފަހުން އިންޑިއާއިން ރާއްޖެ ބޮއިކޮޓް ކެންޕޭނު ޖައްސާ ފަތުރުވެރިން އައުން މަދުކޮށްލުވީ ރާއްޖޭގެ އިންކަމަށް ވަރަށް ބޮޑު ލޮޅުމެއް އަރާވަރަށެވެ. ރާއްޖޭގެ އާމްދަނީއަށް އެކަމުގެ ސަބަބުން ކުއްލި ބޮޑު ލޮޅުމެއް އަރާ، ގޮތްހުސްވާ ހިސާބަށް ރާއްޖެ ދިޔައީ ޑިޕޮލޮމެޓިކް އިމިއުނިޓީއަށް އަރައިގެން ރައީސް މުއިއްޒާއި އޭނާގެ ތިން ޑެޕިއުޓީ މިނިސްޓަރަކާއި މުއިއްޒުގެ ސަޕޯޓަރުން ތަކެއްގެ ސަބަބުންނެވެ. 

ގޮތްހުސްވެ އިންޑިއާގެ ފައިބުޑަށް ތިރިވެ މޯދީއާއި މަހާވަރުގެ އުކުޅުވަޅުގައި ތެޔޮ ދަމާދޭ ވަރަށް މުއިއްޒު ކުޑަކަކޫ ޖަހައިގެން އުޅޭއިރުވެސް އެއްކަލަ 3 ޑެޕއުޓީން އެތިބީ ކަމެއްނުކޮށް ދައުލަތުން މުސާރަ ކާލަކާލައެވެ.

ދެރަވަރު ދެ ރައްޔިތަކު ފަލަސްތީނާ އެއްކޮޅަށް އަޑުއުފުލާތީ ހަޖަމް ނުވެގެން ޑިޕޮލޮމެޓިކް އިމްތިޔާޒަށްޓަކާ ހިފާ ހައްޔަރު ކުރަން ފުލުހުންނަށް އެނގިއްޖެއެވެ.

ރައީސް މުއިއްޒާ އޭނާގެ ބައިވެރިން އިންޑިއާ އާއި ރާއްޖޭގެ ޑިޕްލޮމެޓިކް އިމްތިޔާޒު ފުނޑާލިއެވެ. ދައުލަތުގެ އާމްދަނީއަށް ހުރަސްއަޅާ އިންތިހާ ދަރަޖައަށް ގެއްލުން ދިނެވެ. އެކަމުގައި އިސްކޮށް ތިބި 3 ޑެޕިއުޓީ މިނިސްޓަރުން ކަމެއްނުކޮށް ދައުލަތުން ބޮޑު މުސާރަ ނަގައިގެން އެތިބީ ކާލަކާލައެވެ. އެ ޑެޕިއުޓީ މިނިސްޓަރުންނަށް އެޅޭނެ ފިޔަވަޅެއް ފުހުންނަށް އޮތްކަމަކަށް ނުވެއެވެ. ޑިޕޮލޮމެޓިކް އިމްތިޔާޒޭ ކިޔައިގެން ހައްޔަރުކުރަން އެނގުނީ އާރެއްބާރެއް ނެތް އާދައިގެ ދެއަންހެނުންނެވެ.