ޕާސްޕޯޓް މަނާނުކޮށް ހުއްޓުވަނީ އިޒްރޭލާ ދެކޮޅަށް އަޑުއުފުލުން
ފަލަސްތީނަށް އަނިޔާވެރިވާން ވާގިދޭ ކޮންމެ ބަޔަކާ ދިވެހިން ދެކޮޅު
ކޮންމެ ވާހަކައެއް ދައްކާ ހަމަ އެޅުވިޔަސް ޝާދިޔާއާއި ޝަޒްރާ ހައްޔަރުކުރީ އިޒްރޭލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ނަސްލު ނައްތަލުމާ ދެކޮޅަށް އަޑު އުފުލައިގެން ނޫން ކަމަކަށް ނުހެދޭނެއެވެ. އިޒްރޭލާއި އިޒްރޭލަށް ވާގިވެރިވާ ގައުމުތަކުގެ ޖަރީމާތަކާ ދެކޮޅަށް އަޑު އުފުލުމަކީ ކޮންމެ އިންސާނެއްގެ މައްޗަށް އޮތް އިންސާނީ ހައްގެކެވެ.
އިޒްރޭލުން އުޅެނީ މަސްޖިދުލް އަގްސާ ހިސާރު ކޮށްގެންނެވެ. ފަލަސްތީނުގެ ބިންތައް ފޭރިގަނެގެންނެވެ. ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ލާއިންސާނީ އަނިޔާވެރި ޖަރީމާތައް ދަނީ ހިންގަމުންނެވެ. އިޒްރޭލުގެ އަނިޔާވެރިކަމަށް ލޯމަރާލައިގެން ބީރު ކަންފަތް ދީގެން ތިބި ސަރުކާރުތަކާ ދެކޮޅަށް މުސްލިމުންނާއި އެތައް މިލިޔަން ގައިރު މުސްލުމުން ވެސް މުޅި ދުނިޔޭގައި އެދަނީ މުޒާހަރާ ކުރަމުންނެވެ. ދެކޮޅު ހަދަމުންނެވެ. އަޑުއުފުލަމުންނެވެ. އެކަމެއް މުއިއްޒު ސަރުކާރަކަށް ނޭގެއެވެ. ފަލަސްތީނުގައި ހިންގާ ނަސްލު ނައްތާލުމުގެ ލާއިންސާނީ އަނިޔާތަކަށް ދިވެހި ސަރުކާރުންވެސް އެއްބާރުލުން ދެނީހެއްޔެވެ.
ފަލަސްތީނާ ދެކޮޅަށް އަނިޔާވެރިވުމަށް ހިތްވަރުދޭ ސަރުކާރުތަކާއި އެ އަނިޔާތަކަށް ލޯމަރާލައިގެން ތިބި ބާރުހުރި ކޮންމެ ބަޔަކާ ދެކޮޅަށް މެދުކެނޑުމެއް ނެތި އަޑު އުފުލަމުން ދަނީ ދުނިޔޭގައި އެކަކު ދެމީހަކު ނޫނެވެ. ރާއްޖޭގައި އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމް ވެސް އެކުރީ އެކަމެވެ. އެހެނަސް ޑިޕޮލޮމެޓިކް އިމިއުނިޓީއަށް އަރައިގެން ކަމުގެ ސިފަ ޖައްސުވައިގެން ހުއްޓުވާލަން މިއުޅެނީ އިޒްރާލާ ދެކޮޅަށް ރައްޖޭގައި އުފުލާ އަޑެވެ.
ރާއްޖެއަކީ ހުރިހާ ހާލަތެއްގައިވެސް ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވެގެން އޮތް ރައްޔިތެއް ތިބި ގައުމެކެވެ. ފަލަސްތީނު ރައްޔިތުންނަށް އަނިޔާވެރި ވުމަށް ވާގިދޭ ކަމަށް ދިވެހީން ގަބޫލުކުރާ ކޮންމެ ބަޔަކާ ދިވެހިން ދެކޮޅުވެރިވާނެއެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ހިތުހުރިގޮތެއް ހަދާން އެއްބާރުލުންދޭ އެއްވެސް ބަޔަކަށް ރާއްޖޭގެ ރައްޔިތުން މަރުހަބާއެއް ނުކިޔާނެއެވެ. ނުވެސް ކިޔޭނެއެވެ. އެފަދަ ގައުމު ތަކުގެ މީހުނަށް ރާއްޖެއަކީ އަމާން ތަނެއް ކަމަށް އެ މީހުން ވެސް ގަބޫލެއް ނުކުރެއެވެ. މިހާރު ވެސް އިޒްރޭލާއި އެމެރިކާއިން ރާއްޖެއާ ދެކޮޅަށް ޓްރެވަލް އެޑްވައިޒަރީ ނެރެފައި އެބައޮތެވެ.
ރާއްޖެއަށް އިޒްރޭލުން މީހުން އައުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހުން އޮތީ ނިންމާފައެވެ. ވަޒީރުންގެ މަޖިލީހުންވެސް އޮތީ ނިންމާފައެވެ. އެކަމަކު ގާނޫނީ ހުރަސްތަކެއް ހުރިކަމަށް ހަދައިގެން އަދިވެސް އެތިބޭނީ ނިންމުން ތަންފީޒު ނުކޮށެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އެންމެ ބާރަށް އަޑުއުފުލާނީ ރާއްޖޭން ކަމަށް މުއިއްޒު ސަރުކާރުން ވަނީ ބުނެ ވައުދުވެފައެވެ. ފަލަސްތީނަށް އެހީވުމަށް އެތައް މިލިޔަން ޑޮލަރެއް ރާއްޖޭން ހުސްވި މަހުވެސް ވަނީ ހަދިޔާކޮށްފައެވެ. އެ ކަންކަން އެހެން އޮތްއިރު ފަލަސްތީނަށް އަނިޔާވެރިވުމަށް ބާރުދޭ ގައުމުތަކުގެ ވެރިންނަށް މެސެޖް ދިނުމަށް ރާއްޖޭގައި އަޑުއުފުލުން ހުއްޓުވުމުން ސަރުކާރުގެ ހުރި މުނާފިގުކަން އެނގިގެންދެއެވެ.
މުއިއްޒު ސަރުކާރަކަށް އިޒްރޭލް ޕާސްޕޯޓުގައި މީހުން ރާއްޖެ އެތެރެވުން މަނައެއް ނުކުރެވުނެވެ. ނުވެސް ކުރެވޭނެއެވެ. އިޒްރޭލުގެ މަސްލަހަތު ހުރި ވިޔާފަރިތައް ބޮއިކޮޓް ކުރަން ޖާގައެއް މުއިއްޒު ނުދޭނެއެވެ. ފަލަސްތީނަށް އަނިޔާވެރިވުމަށް ވާގިދޭ ގައުމުތަކުގެ ވެރިންނަށް މެސެޖްދީ އަޑުއުފުލުމަށް ފުރުސަތެއްވެސް ނުދޭނެއެވެ. އާއިޝަތު ޝާދިޔާ އާއި ޑރ. ޝަޒްރާ އިބްރާހީމް ހައްޔަރުކުރީ ކުރީ އެހެން ވެގެންނެވެ. އިޒްރޭލާ ދެކޮޅުވުން ހުއްޓުވުން ނޫންކަމެއް މުއިއްޒު ސަރުކާރަކަށް ނުކުރެވޭނެއެވެ. ނުވެސް ކުރާނެއެވެ. އިޒްރޭލް ޕާސްޕޯޓް މަނާނުކޮށް ހުއްޓުވާނީ އިޒްރޭލާ ދެކޮޅަށް އަޑުއުފުލުމެވެ.