ބިޑުނުކޮށް މަސައްކަތް ހަވާލުކޮށްގެން މުއިއްޒު ނުވާ ކުށްވެރިއެެއް ފެނަކަ ސައީދު ނުވާނެ!

ބިޑުނުކޮށް މަސައްކަތް ހަވާލުކޮށްގެން މުއިއްޒު ނުވާ ކުށްވެރިއެެއް ފެނަކަ ސައީދު ނުވާނެ!

ބީލަމަށް ނުލާ ސަރުކާރު މަސައްކަތް މީސްމީހުނަށް ދިނުމުގެ ކުށުގައި އެތައް ބަޔަކަށް މިހާރުވެސް އަދަބު އެބަލިބެއެވެ. ބީލަމަށް ނުލާ ސަރުކާރުގެ މަސައްކަތް ކުރުވުން ޖިނާއީ ކުށަށްވެ ދައުލަތުން ދައުވާކޮށްގެން ކޯޓްތަކުގައި ޝަރީއަތް މިހާރުވެސް ހިނގަ ހިނގާ އެބަ އޮތެވެ. ބީލަމަށް ނުލާ ސަރުކާރުގެ މަސައްކަތް ކުރުވައިގެން ކޮރަޕްޝަނުގެ މައްސަލަތައް އޭސީސީ އާއި ފުލުހުން ބަލަމުން އެބަދެއެވެ. 

މަގާމުގެ ބޭނުންކޮށްގެން ބަޔަކަށް ނާޖާއިޒު ފައިދާ ހޯދާދިނުމާއި ހޯދާދޭން އުޅުމުގެ ކުށުގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ އާއި ފެނަކައިގެ ކުރީގެ އެމްޑީ ފަދަ އެތައް ބަޔަކަށް މި ސަރުކާރު އައިފަހުން ތަހުގީގުކޮށް ދައުވާކޮށް ޝަރީއަތްކޮށް އަދަބު އެބަދެއެވެ. ނާޖާއިޒު ފައިދާ ހޯދުމާއި ހޯދާދިނުމުގެ ކުށުގެ ތުހުމަތުގައި ތަހުގީގުތައް އެބަ ހިނގައެވެ.

އެހެން އެކަން ހިންގަމުން ބޭނުން ވަރެއްގެ ޕްރޮޖެކްޓެއް ބޭނުން ބަޔަކަށް ބިޑަކާ ނުލާދޭ ގޮތަށް އުސޫލު ބަދަލުކޮށް މުއިއްޒު ސަރުކާރުން ދައުލަތް ލޫޓްވާލުން ހަލާލުކޮށްފިއެވެ. ހަމައެކަނި ރަސްމާލެ ޕްރޮޖެކްޓް ބަޔަކަށް ދީގެން ފުއްދާލީއެއް ނޫނެވެ. 55 ކައުންސިލް އިމާރާތް އަޅަން 631 މިލިޔަން ރުފިޔާ ގެ ބިޔަ މަޝްރޫއެއް ބިޑްނުކޮށް އާރުސީސީއަށް ވެދުން ކޮށްފައި ހުއްޓާލީއެއް ނޫނެވެ. 

2.7 ބިލިޔަން ރުފިޔާގެ އަގުހުރި 206 ޕްރޮޖެކްޓެއް އެއްފަހަރާ އިއްޔެ ބަހާލީ ބީލަމެއް ނެތިއެވެ. ބިޑްނުކޮށެވެ. ރައްޔިތުންގެ މަޖިލިސްގެ އެތައް މެންބަރުންނަކާއި ސަރުކާރުގެ ވެރިންގެ މަސްލަހަތު ހުރި އެތައް ކުންފުންނަކަށް ބިޑްކުރުމަކާ ނުލާ 2.7 ބިލިޔަން ބަހާލުމަށްވުރެ ވަކީން ބޮޑު ކޮރަޕްޝަނެއް ނާޖާއިޒު ފައިދާ ހޯދާދިނުމެއް ލޫޓުވުމެއް ރާއްޖޭގެ ތާރީހު ނުދެކެއެވެ. 

ރައީސް މުއިއްޒު އިސްވެހުރެ ބިޑަކާނުލާ 2.7 ބިލިޔަން ރުފިޔާގެ ޕްރޮޖެކްޓް ސަރުކާރުން ބަހާލުމުން އެކަން ކޮރަޕްޝަނަށް ނުވިއެވެ. އެކަން ތަހުގީގުކުރާނެ އޭސީސީއެއް ފުލުހެއް ޕީޖީއެއް ނެތެވެ. ބާރު އޮތީތީ އުސޫލު ބަދަލުކޮށްގެން ބިޑަކާނުލާ 2.7 ބިލިޔަން ރުފިޔާގެ ޕްރޮޖެކްޓް ބަހާލުން ކުށަކަށް ނުވަންޏާއި ބިޑްނުކޮށް ކުދިކުދި މަސައްކަތް އެސްއީއޯގެ ތެރެއިން ހަވާލުކޮށްގެން ކުރުވި ކުރުވުން ކޮރަޕްޝަނަކަށް ނުވާނެއެވެ. 

ރައީސް މުއިއްޒު އިސްވެހުރެ ބިޑަކާނުލާ 2.7 ބިލިޔަން ރުފިޔާގެ ޕްރޮޖެކްޓް ސަރުކާރުން ބަހާލުން މަގާމުގެ ފައިދާ ހޯދުމާ ހޯދާދިނުމާއި ކޮރަޕްޝަނަށް ނުވަންޏާ ކުރިން ބިޑްނުކޮށް މަސައްކަތް ކުރުވި މައްސަލަތަކާއި އެކަމުގެ ވަށައިގެން ހުރި ކަންކަން މަގާމުގެ ނާޖާއިޒް ފައިދާ ހޯދުމާއި ހޯދާދިނުމަކަށް ނުވާނެއެވެ. ކޮރަޕްޝަނަކަށްވެސް އެކަންކަން ނުވާނެއެވެ. 

މުއިއްޒުގެ 2.7 ބިލިޔަން ރުފިޔާގެ ޕްރޮޖެކްޓް ބަހާލުން ކުށަކަށް ނުވަންޏާ ހިނގަމުންދާ މަގާމުގެ ނާޖާއިޒް ފައިދާ ހޯދުމާއި ހޯދާދިނުމާއި ކޮރަޕްޝަނުގެ މައްސަލަތައް ވެސް ނުބަލާ ޖެހޭނީ ހުއްޓާލާށެވެ. ބިޑުނުކޮށް މަސައްކަތް ހަވާލުކޮށްގެން ބަޔަކަށް ފައިދާ ހޯދާދިނުމުގެ ކުށުގައި ހުކުމް ތަންފީޒުކުރެވޭ ފެނަކަ ސައީދު ފަދަ އެންމެން ޖެހޭނީ ދޫކޮށްލާށެވެ.