މުއިއްޒު މިހާރު ހަދަނީ ޕްރެޝަރ ކެނޑުވުމުގެ އުކުޅު!
ޑޮލަރު އަގު ބޮޑުވެ ބާޒާރު ފިހާރަތަކުގެ ރެކްތައް ހުސްވަނީ
ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން ރައްޔިތުން ރުޅި ގަދަވެގެން ރަތަށް އަރާޒާތުގެ ކަންކަން ފިނިކުރުމަށް އުކުޅަކަށް ފަހު އުކުޅެއް މުއިއްޒު އެބަހަދައެވެ. ރުފިޔާ އެކައުންޓުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތް ހެދުނީތީ ބޮޑު މަންޒަރު މުއިއްޒަށް ސިފަވެއްޖެއެވެ. އެކަމުން ރެކެން ހުރި ޕްރެޝަރު ކަނޑުވާލުމަށް ހީލަތްތެރި ކަންތައް ތަކެއް މުއިއްޒު އެބަކުރެއެވެ.
މުއިއްޒު ވެރިކަމަށް އެރީއްސުރެ ރައްޔިތުން ކެކިއަރާ ޒާތުގެ އެތައްކަމެއް މުއިއްޒު ސަރުކާރުން އައީ ކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ބިޔަ މެޖޯރިޓީ ލިބުމުން ހިތުހުރި ކަމެއް ހިތުހުރި ގޮތަކަށް ކުރެވިދާނެ ކަމަށް މުއިއްޒަށް ހީކުރެވުނީއެވެ. ވެރިކަމަށް އަންނަންވީ ދޮގު ވައުދުތައް އޮތްގޮތަށް އޮއްވާ ރައްޔިތުންނަށް ތަކުލީފާ ތުރާޖެހޭ ފަދަ އެތައް ކަމެއް ކުރަން ފެށީއެވެ. ރައްޔިތުންގެ ހެވާ ލާބައަށް ކުރިން ފަށާފައި ހުރި އެތައް ކަމެއް ހުއްޓާލުމާ ކަންކަން އަގަޑަ ބަގަޑަ ކޮށްލީ މަދެއް ސުމާރެއްކޮށް ނޫނެވެ.
މަސްވެރިން ބޭނި މަސްކޮޅު ކިރާލައިގެން ފައިސާ ނުދީ ދަންމާލީ މަސްވެރިން ކޮށިއަރާ ވަރަށެވެ. ބޮޑުކަންނެލި ގަންނަ އަގުވައްޓާލީއެވެ. ކަނޑުމަސް ގަންނަ އަގުވައްޓާލީއެވެ. ބޮޑެތި ބިޔަ މަސްދޯނީ ފަހަރުގައި މަހަށް ފުރައިގެން ތެޔޮވެސް ނުގަނެވޭ ވަރަށް މަހުގެ އަގު ވައްޓާލީއެވެ. ލައިގެން ކާއެއްޗެއް ހޯދަންވެސް މަހަށް ނުފުރޭ ވަރަށް މަސްވެރިކަން ހަލާކު ކޮށްލީއެވެ. ވަޅޯމަހާއި ރިހާކުރާއި ބާޒާރުން ހުސްވެ ތަދުވީއެވެ.
ކަރަންޓް ބިލު ތިން ހަތަރު ގުނަ ބޮޑުވީއެވެ. ފެންބިލު އަތްނުފޯރާ ވަރަށް އެރީއެވެ. އާސަންދަ ރިފޯމް ކޮށްލި ކޮށްލީނުން ބޭސްފަރުވާއަކީ މަހުޖަނުންނަށް ނޫނީ ނުކުރެވޭ އެއްޗަކަށް ހަދާލީއެވެ. އާސަންދައިން ފައިސާ ނުދީގެން ބޭސް ފިހާރަ ތަކުގައި ތަޅުއަޅުވާ ހިސާބަށް ދުއްވާލީއެވެ. އެއަރޕޯޓަކުން ބޭރަށް ފުރާ ދިވެހި ބަލި މީހާއަށްވެސް ބޮޑު ސިންގާ ޓެކްހެއް ބޯމަތި ކުރަނީއެވެ. ޑޮލަރު އަގު ބޮޑުވެ ބާޒާރު ފިހާރަތަކުގެ ރެކްތައް ހުސްވަނީއެވެ. އިންފްލޭޝަން މަތިވެ އަނގަޔާއި އަތާ ދިމާނުކުރެވޭ ވަރުކޮށްލަނީއެވެ. ދެންމެ ދެންމެ ރުޅިފަޅައިގެން ގޮސް ގޯތިބެއާއި ހަސީނާއްތަ ދިޔަ މަގުން ދުއްވާލަފަނެޔޭ ހީވީވެސް ކަންނޭގެއެވެ.
ރައްޔިތުންގެ ކަންބޮޑުވުން ހުރި ބޮޑެތި މައްސަލަތަކަށް ފުލުފުލުގައި އެއްތާވުން މުއިއްޒަށް މުހިންމު ވެއްޖެއެވެ. ރުފިޔާ އެކައުންޓުން ޑޮލަރު މުއާމަލާތު ކުރެވޭ ގޮތް ހަދައިފިއެވެ. މާލޭ ރައްޔިތުނަށް ދީފައިވާ ގޯތިތައް ހަވާލުކުރާނެ ކަމުގެ އުންމީދު އައުކޮށްދީފިއެވެ. ނުހިއްކަން ފައިވިއްދި ގިރާވަރު ފަޅުވެސް ހިއްކަނީ ޔޯލައެވެ. ހުޅުމާލެއިން ފްލެޓްތައް ދޭން ނިންމާފައިވާ ލިސްޓްގައި މާބޮޑު މައްސަލައެއް އޮތް ކަމަށްނުވެ ދީނިންމާނެ ތާރީހެއް ކަނޑައެޅިއްޖެއެވެ. ލޭނު އަޅަން ހުއްދަ ނުދޭން ނިންމިއްޖެއެވެ. ބޮޑުކަނި މަސްވެރިންގެ ކަންބޮޑުވުންތައް ހައްލު ކޮށްދިނުމުގެ ޔަގީންކަން ދެވިއްޖެއެވެ. ރައީސް ސީދާ އިސްނަގައިގެން ބުނެކިޔައިގެން މީހުން ގެންގޮސްގެން ވެސް އެދޭހާ ކަމެއް ކޮށްދޭނެ ކަމަށް ބުނާނީ ގައިމު ކަމެއް ވެގެންތާއެވެ.
ފެނާއި ކަރަންޓާއި ކާޑާއި ތެލަށް ބޮޑު ސިންގާ ސަބްސިޑީއެއް ހަމަޖެހި އާސަންދަ ތަންމިނަށް ހުޅުވިގެން ދާކަށް ލަހެއް ފަހެއް ދެން ވާނެހެނެއް ހިޔެއްނުވެއެވެ. ރާއްޖޭގެ އާމްދަނީ ހުލިވެ ތިޖޫރި ހުރިތާ ވަޅުގަނޑުނެތަސް ވެރިކަމުގެ ދިފާއުގައި ގޯތިބެއާއި ހަސީނައްތައަށް ނުވާން ވަގުތީ ގޮތުން ޕްރެޝަރ ކަނޑުވާލުމަށް މިހާރު ހަދާ އުކުޅުތައްވެސް ބޮލާއަޅާ ވެއްޓޭކަށް ލަހެއް ފަހެއް ނުވާނެއެވެ.