އިހުސާނަށް: ގޭންގްތައް އޮޕަރޭޓްކުރަން ރައީސް އޮތީ ޖާގަދީފަ
ރައީސް މުއިއްޒު ވިދާޅުވަނީ ރާއްޖޭގައި ގޭންގް ނެތްކަމަށެވެ. ރައީސް ވިދާޅުވާ ގޮތުގައި ގޭންގް ހަދަައިގެން އުޅުނު ހުރިހާ ކުދިން ކުށްކުރުން ދޫކޮށް މުޖުތަމައަށް ފައިދާހުރި ކަންކަން ކުރުމުގައި މަޝްގޫލު ވެއްޖެއެވެ. އެހެން ނަމަވެސް ރައީސް މުއިއްޒުގެ ދާހިލީ ވަޒީރު ވިދާޅުވަނީ މުޅިން އެހެން ވާހަކައެކެވެ.
އަލަށް ހުވާކުރި ފުލުހުންނާ މުހާތަބުކޮށް ވާހަކަ ދައްކަވަމުން ދާހިލީ ވަޒީރު އަލީ އިހުސާން ވިދާޅުވީ ދިވެހިރާއްޖޭގައި ގޭންގު ހަދައިގެން ކުށް ކުރަމުން އަންނަ ގްރޫޕުތައް އެއްކޮށް ގާނޫނުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށެވެ. ގޭންގުތަކުގެ ކިބައިން ގައުމު ސަލާމަތް ކުރަންޖެހޭ ކަމަށެވެ.
ގޭންގް ނެތި ގޭންގް ކުށެއް ނުއޮންނާނެއެވެ. ގާނޫނުގެ ކުރިމައްޗަށް ގެންނަންޖެހޭ ގޭންގް ހަދައިގެން ކުށްކުރާ ބަޔަކުވެސް ނޫޅޭނެއެވެ. ނެތް އެއްޗަކުން ސަލާމަތްވާން ކުރެވޭނެހާވެސް ކަމަކީ އެއްޗެއް އުފެދުނަ ނުދިނުމެވެ.
ޑްރަގާއި ބޭރު މީހުންގެ މައްސަލައަކީ ރާއްޖޭގައި ދިމާވެގެންއުޅޭ ވަރަށް ބޮޑު ގައުމީ މައްސަލަތަކެކެވެ. އެކަމަކު ގޭންގާ ބެހޭގޮތުން ރައީސް މުއިއްޒު ވިދާޅުވަނީ ގޭންގާއި ގޭންގްކުށަކީ ރާއްޖޭގައި މިހާރަކު އޮތްކަމެއް ނޫން ކަމަށެވެ. އެހެންކަމަށް ވާނަމަ ޑްރަގާއި ބޭރުމީހުންގެ މައްސަލައާއި އެއްވަރުގެ ގައުމީ މައްސަލައަކަށް ގޭންގްތަކުގެ ކިބައިން ގައުމު ސަލާމަތްކުރުން ދާހިލީ ވަޒީރަށް މުހިންމު ވަނީ ކީއްވެހެއްޔެވެ.
ހަގީގަތަކީ ގޭންގާއި ގޭންގްކުށް ރާއްޖޭގައި މިހާރު ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވި ވިދާޅުވުމަކީ އާދައިގެ މަތީން ރައީސް ހެއްދެވި ބޮޑު ދޮގެކެވެ. ދާހިލީ ވަޒީރު އިހުސާން އެ ވިދާޅުވަނީ ރަނގަޅަށެވެ. ރާއްޖޭގައި ގޭންގާއި ގޭންގްކުށް ގައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި އެބައޮތެވެ. ގޭންގާއި ގޭންގްކުށުން ރާއްޖެ ސަލާމަތް ކުރަންޖެހެއެވެ.
ފުލުހުންނާއި ކޯޓުތައް އިންސާފާއި ހައްގު ހޯދައިދިނުމުގައި ފޭލިވެފައި އޮތުމުގެ ސަބަބުން ހައްގު ހޯދަން މީހުން އާއްމުކޮށް ދާތަނަކީ ގޭންގުތައް ކަމަށް މިހާރު ވަނީ ވެފައެވެ. ފުލުހުންނާއި ކޯޓުތަކަށްވުރެ ގޭންގްތަކުގެ ބާރު ރާއްޖޭގައި މާގަދައެވެ. އެންމެފަހުން ރާއްޖޭގައި ގޭންގް ނެތްކަމަށް ކަނޑައަޅާ އެންޑޯޒްކޮށްދީ ގޭންގްތައް އޮޕަރޭޓްކުރަން ރައީސް ވެސް އެއޮތީ ފުޅާކޮށް ޖާގަދީފައެވެ.



