އިންތިހާބީ ކައުންސިލަރުންގެ މޫނުގައި މުއިއްޒު ކޮޅުފައިން ޖަހައިފި
އިސްލާހު ތަސްދީގުކޮށް މުއިއްޒު ގޮށްމުށުބާރު ރަށްތަކަށް ހިންގާލުން

ސަތޭކައަށްވުރެ ގިނަ ކައުންސިލުން ނުރުހުން ފާޅުކޮށް ބަޔާންނެރެ އާދޭސް ކޮށްކޮށް އޮއްވާ ގާނޫނު ނަންބަރު 2010/7، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 16 ވަނަ އިސްލާހު ގެނައުމުގެ ބިލު މިރޭގެ މިދަންވަރު ތަސްދީގު ކުރި ކުރުމުން މުއިއްޒުގެ ބޯހަރުކަމާއި ގޮތްދޫނުކުރުމާއި ހުދުމުހުތާރުކަން ވަރަށް ބޮޑަށް ފާޅުވެއްޖެއެވެ. އެއްވެސް ވަރަކަށް ރައްޔިތުންގެ އިހުސާސަކަށް ބެލުމެއްނެތް ޖައްބާރުވެރިއެއްކަން މުއިއްޒު އެދަނީ ސާބިތު ކޮށްދެމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިގެއްލުވާ ލެވޭގޮތަށް ބްލެކް މެއިލްކުރުވާފައި ބައިތިއްބައިގެން މުއިއްޒު ހިތުހުރިހާ ގޮތަކަށް ގާނޫނުތައް ފާސްކުރުވައި ރައްޔިތުންގެ މައްޗަށް އެ ގާނޫނުތައް ހިންގަން މުއިއްޒު އެހުރީ ފޫގަޅާފައެވެ. ގާނޫނު އަސާސީގެ ބާރުކަނޑުވާލާ ރައްޔިތުން އިންތިހާބު ކޮށްފައި ތިބި އެތައް ސަތާކަ ކައުންސިލަރުންގެ އަޑުނާހާ ރައްޔިތުންގެ ފަޅީގައި މުއިއްޒަކަށް ނުހުރެވޭނެއެވެ. އަދި މުއިއްޒުގެ ފަޅިއަށް ރައްޔިތުންނެއް ވެސް ނޭރުވޭނެއެވެ.
ދައުލަތުގެ ބަޖެޓް ތަޅާ ބުރުވާ ހުސްކޮށް އިސްރާފުކުރަމުން ރައީސް އޮފީހުން އަޅުވާހަމައަކީ ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގެ މައިގަނޑު ބޭނުމަކީ، ކައުންސިލްތަކުން އުފައްދާ ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ވިޔަފާރީގެ ހަރަކާތްތައް ހިންގުމުގެ ދާއިރާ ކަނޑައެޅުމާޢި ހިލޭ އެހީގެ ގޮތުގައި ދައުލަތުން ކައުންސިލްތަކަށް ފައިސާ ދިނުމުގައި ޢަމަލުކުރަންޖެހޭ ބައެއް އުސޫލުތައް މުރާޖަޢާކުރުމާއި ކައުންސިލްތަކުގެ ޢުމުރުގެ ފަހު އަހަރުގެ ތެރޭގައި ކައުންސިލްތަކުން މުހިންމު މާލީ ކަންކަން ނިންމުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރުން ކަމަށެވެ. އެހެން ބުނާއިރު ރައްޔިތުންނަކީ މޮޔައިކަމަށް ހީކުރަނީތާއެވެ.
މުއިއްޒު ތަސްދީގުކުރި ލާމަރުކަޒީ ގާނޫނުގެ 16 ވަނަ އިސްލާހުން ރައްރަށާއި ސިޓީތަކުގެ ރައްޔިތުންގެ ބާރު ކަނޑުވާލުންނޫން ކަމެއްނުވެއެވެ. މުއިއްޒު އެގެނައި ބަދަލުން ކައުންސިލްތަކަށް އާމްދަނީ ހޯދުމަށް ހުރަސް އެޅެއެވެ. އަމިއްލަ މީހުން ކުރާ ހުރިހާ ބާވަތެއްގެ ވިޔަފާރިއަށް ފާޅުގައި ސަރުކާރުން ވަންނަމުން ރަށްރަށުގައި ބަޔަކުކުރާ އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ކައުންސިލުން ކޮށްގެން ނުވެއެވެ. ކައުންސިލުން ކުރާ ވިޔަފާރީގެ އިންވެސްޓްމަންޓު ނުވަތަ ރައުސުލްމާލު 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑުވެގެން ނުވެއެވެ. ކައުންސިލުން މިހާރު ކުރަމުންދާ ވިޔަފާރިތައް ވެސް އެއިސްލާހުބުނާ އުސޫލަށް ނުފެތޭނަމަ ތިން މަސްދުވަސް ތެރޭ ހުއްޓާލަން ޖެހެއެވެ.
މުއިއްޒު ތަސްދީގުކުރި އަނިޔާވެރި އިސްލާހުން ފާހަގަ ކުރެވޭ އެހެން ކަންވެސް ދެކިބަލާށެވެ. އެކަންކަމުގެ ތެރޭގައި:-
- އުމްރާނީ ތަރައްގީއަށް ކޮންމެހެން ނުކޮށްނުވާވަރުގެ މުނިސިޕަލް ކަމެއް ނޫނީ ނުކުރެވޭނެއެވެ.
- ތަންތަން ކުއްޔަށް ދިނުމަށް ހުރަސްތައް އަޅައިފިއެވެ.
- އަސާސީ ހިދުމަތް ދިނުމަށް ދޫކޮށްފައިވާ ބިންތަކުން ކުލި ނެގުން މަނާ ކޮށްފިއެވެ.
- ފިނޭންސް މިނިސްޓްރީއަށް ކައުންސިލުތަކުގެ ބޭންކް އެކައުންޓުތަކުގެ ކޮންޓްރޯލް ނަގައިފިއެވެ.
- ކައުންސިލެއްގެ އުމުރުގައި ބާކީ އޮތީ އަހަރެއް ނަމަ ދާއިމީ އަދި ކޮންޓްރެކްޓަށް ވެސް މުވައްޒަފުން ނުނެގެއެވެ.
- ކައުންސިލެއްގެ އުމުރުގައި ބާކީ އޮތީ އަހަރެއް ނަމަ އިހުތިސާސްގައިވާ ބިމާއި ފަޅާއި ފަރުން ސަރަހައްދުތައް ކުއްޔަށް ދޫކުރުން މަނަލެވެ.
- ކައުންސިލެއްގެ އުމުރުގައި ބާކީއޮތީ އަހަރެއް ނަމަ ތަރައްގީގެ އާ މަޝްރޫއުއެއް ހިންގުން މަނަލެވެ.