ސަރުކާރު މެންބަރުހޮވަން ބަޔަކު ހަންކެނޑޭއިރު އަނެއްބަޔަކު އުދުހެނީ!
ސަރުކާރަށް ތާއީދު ކުރިޔަސް ކޮންމެ ކޮންމެ މެންބަރަކަށް ސަރުކާރުތެރޭން ކަމެއްނުވޭ!
އައު ގާނޫނު އަސާސީގެ ކުރިން މަޖިލީހަކީ ސަރުކާރުން ބޭނުންވާ ކަންކަމަށް ގާނޫނީ ބާރު ހޯދާދީ ސިއްކަ ޖަހާދޭން އޮންނަ ތަނެކެވެ. މެންބަރުން މަޖިލީހަށް ހޮވާދެނީ ފޮތް ލިސްޓާއި ވެލްފެއައިން އެހީ ހޯދާދީ ސަރުކާރު އޮފީހަކުން ކޮށްލަން ޖެހޭ ކަމެއް ކުރުމަށް އެހީތެރިވެ ދިނުމަށެވެ.
ރަށްރަށާއި އަތޮޅުތަކުގައި ތަރައްގީގެ މަޝްރޫއު ހިންގާ ދާއިރާގެ މީހުނަށް ވަޒީފާ ހަމަޖެއްސުން ފަދަ ކަންކަން ކުރުވުމަކީ އޭރަކު މެންބަރުންނާ ބެހޭ ކަމެއް ނޫނެވެ. ގާނޫނު ހެދިޔަސް ނުހެދިޔަސް ވަރިހަމައެވެ.
އައު ގާނޫނު އަސާސީގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ ޕްރޮޖެކްޓް ހިންގާދޭން ހޮވާ މީހެއް ގޮތުގައި ދާއިރާ ރައްޔިތުންނަށް އޮންނަނީ ދައްކާފައެވެ. މެންބަރުގެ ނުފޫޒު ހުންނަ ވަރަކުން ސަރުކާރު ޕްރޮޖެކްޓްތައް ދާއިރަތަކަށް އޮހޭ ގޮތަށް ކަންކަން އޮންނަނީ ބައްޓަންވެފއެވެ. ދާއިރާ މެންބަރަކީ ވެލްފެއަރ އޮފިސަރ ވެސް މެއެވެ. ދާއިރާ މީހެއްގެ ބޮލެއްގައި ރިއްސާލިޔަސް ބަނޑެއް ކައްކާލިޔަސް އެކަމަކާ އުޅެން ހުރި މީހަކީ މެންބަރުކަމަށް އޮންނަނީ ގަބޫލު ކުރުވާފައެވެ.
ސަރުކާރަށް ތާއީދު ކުރިޔަސް ކޮންމެ ކޮންމެ މެންބަރަކަށް ސަރުކާރުތެރޭން ދާއިރާއަކަށް ރައްޔިތުންނަކަށް ކަންކަން ކޮށެއް ނުދެވެއެވެ. ކަންކަން ކުރެވެނީ އެ މެންބަރެއް ނުފޫޒު ސަރުކާރަށް އޮތް ވަރެއްގެ މައްޗަށެވެ.
ސަރުކާރަށް ތާއީދު ކުރާ މެންބަރު މަޖިލީހަށް ހޮވުމުގައި އެކިދާއިރާއަށް ސަރުކާރުން ކަންކަން ވަނީ އެކިވަރަށެވެ. ފާހަގަ ކޮށްލެވޭ އެއްވެސް ކަމެއް ކެންޕޭނާ ގުޅިގެން ކޮށްނުދޭ އެތައް ދާއިރާއެއް އެބައޮތެވެ. ކޮށްދޭނަން ނިންމާނަން ކިޔައިގެން ބޮލަށް ޗިޕް ޖަހައިގެން ސަރުކާރުން ބޭނުންވާ ކެންޑިޑިޑޭޓުންނަށް ބައެއް ދާއިރާތަކުން ވޯޓު އެބަ ހޯދައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޯމަހުކުރީ އައިނެއް ލައްވާލައިގެން އުޅެނީ ފ. އަތޮޅު ނިލަންދޫ ދާއިރާއަށެވެ. ސިޔާސީ ވަޒީފާތައް ނިލަންދޫ ދާއިރާއަށް އޮހެނީ ކުޅަދާނަ ކެޔޮޅަކު ދަހި އައިނަކުން ކުރުދޮށީގައި މަސް ބާނާހެންނެވެ. ރުފިޔާ ފައިސާ އެނބުރެނީ ބުރޫނާންގައެވެ. އެއަރޕޯޓަށް ދަންދެން ލެއްގީއެވެ.
އަނެއް ބަޔަކު ސަރުކާރު ކެންޑިޑޭޓް ހޮވަން ތެޅިފޮޅެ ހަން ކެނޑެނީއެވެ. ރޯގިލަކަންފުޅެއް ނުވެއެވެ. ސަރުކާރުގެ ކެންޑިޑޭޓަކީ ކާކުކަމެއްވެސް ގިނަ ދާއިރާގައި އެނގޭވަރެއް ނޫނެވެ.