އައިޑެންޓިޓީ ފްރޯޑް ހިނގިކަމަށްވާނީ މުއިއްޒަކީ މުއިއްޒަށްނުވާ ހިސާބުން!؟

އިތުބާރު ގެއްލިފައިވާ ބައެއްގެ އަތުގައިވާ ޑިޖިޓަލް ނިޒާމަކުން ރައްކާތެރިކަމެއް ނުލިބޭނެ! ކުރާނީ ވައްކަން.

އައިޑެންޓިޓީ ފްރޯޑް ހިނގިކަމަށްވާނީ މުއިއްޒަކީ މުއިއްޒަށްނުވާ ހިސާބުން!؟

އުފަންދުވަހުގެ ސެޓިފިކެޓު ދައްކަން ޖެހުނު ޒަމާން ނިމިއްޖެއެވެ. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑާއި ނުލާ އެއްވެސް ކަމެއް މިހާރަކު ނުވެއެވެ. ކޮންމެ ހިދުމަތަކަށް އެދުނު ނަމަވެސް އެންމެ ފުރަތަމަވެސް އަހާލަނީ އައިޑީ ކާރޑް ބަލާލަން ބޭނުންވާކަމަށެވެ. އައިޑީ ކޮޕީއެއް ނެތި ގިނަ ހިދުމަތްތަކެއް ނުލިބެއެވެ.

އެތެރޭގެ އުދުހުންތަކަށް މުއްދަތު ހަމަނުވާ އައިޑީ ކާޑް ބޭނުންވެއެވެ. ރާއްޖެއިން ބޭރަށް އެއްވެސް ކަމަކު ފުރާނަމަ މުއްދަތު ހަމަނުވާ އައިޑީ ކާޑާއި ހަވާލާދީ ނޫނީ ޕާސްޕޯޓެއް ނުހެދެއެވެ. ބޭންކެއްގައި އެކައުންޓެއް ހުޅުވަން ބޭނުންނަމަވެސް އައިޑީ ކާޑް ބޭނުންވެއެވެ. ދުއްވާ އެއްޗެއް ރަޖިސްޓަރީ ކުރަންބޭނުން ނަމަވެސް އައިޑީ ކޮޕީއެއް ބޭނުންވެއެވެ.

ސިއްހީ ފަރުވާއެއް އައިޑީ ކާޑް ނުވަތަ ޕާސްޕޯޓާއި ނުލާ ނުލިބެއެވެ. ތައުލީމް ހާސިލު ކުރަން ސްކޫލަކަށް ވަންނަން އައީޑީ ކޮޕީ ބޭނުންވެއެވެ. އިމްތިހާނެއްގައި ބައިވެރިވުމަށް އައިޑީ ކާރޑް ބޭނުންވެއެވެ. މީހަކާއި އިނުމާއި ދަރިއަކު ލިބި ދަރިފުޅު ރަޖިސްޓަރީ ކުރަން ވެސް އައިޑީ ކާޑް ބޭނުންވެއެވެ. 

އާސަންދަ ނުވަތަ އެންސްޕާ އަކީ ރައްޔިތުން ނުހަނު ބޭނުން ހިފާ ހިދުމަތެކެވެ. އައިޑީ ކާޑު ނުވަތަ ޕާސްޕޯޓާއި ނުލާ އެއިން ހިދުމަތެއް ނުލިބެއެވެ. އަމިއްލަ މަސައްކަތެއް ކުރަން ބޭނުންނަމަވެސް އައިޑީ ކާޑް ބޭނުންވެއެވެ. ޑްރައިވިންގ ލައިސަންސް އަތުގައި ނެތަސް އައިޑީ ކާޑްގެ ނަމްބަރުން ރައްޔިތު މީހާގެ ގިނަގުނަ މައުލޫމާތު ތަކެއް ކަމާއި ގުޅުންހުރި ފަރާތްތަކުން ހަމަކުރެއެވެ.

ސުވާލަކީ އައިޑީ ކާޑުގެ ބޭނުން ހިފައިގެން ހޯދާ ހިދުމަތްތައް ލިބިގަތުމުގައި ރައްޔިތުމީހާއަށް އެއްވެސް ޔަގީންކަމެއް މިހާރު އެބައޮތްތޯއެވެ. މިއަދު މި ފެންނަނީ ރައްޔިތުމީހާއަށް އެނގުމަކާއި ނުލާ މީހާގެ ސޮޔާއި ފިންގަރ ޕްރިންޓް ޖަހާ ސިޔާސީ ވެރިކަންކުރާ ޕާޓީއަށް މީހުން ވައްދާ އެ ވަގު ފޯމު ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތް އިލެކްޝަންސްގެ ދަފުތަރުގައި ރަޖިސްޓްރީ ކުރިތަނެވެ. ބޭސް ކުރުމަކާއި ނުލާ އެތައް ބަޔަކަށް ހިދުމަތް ހޯދިކަމުގެ ޝަކުވާވެސް އެހާ ގިނައެވެ. ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައި ހުންނަ ކުންފުނިތަކުގެ ހިއްސާދާރުން ވަގަށް ބަދަލުކުރާ ކަމުގެ މައްސަލަތައްވެސް ދަނީ ފެންމަތި ވަމުންނެވެ. އެއިން އެއްވެސް ތުހުމަތެއް އަދި އޮތީ ނުބެލިފައެވެ. 

ފެންމަތިވެފައިވާ މިޒާތުގެ ޒާތީ މައުލޫމާތުން ވައްކަންކޮށްގެން ހިންގި އައިޑެންޓިޓީ ފްރޯޑް ތަކެއް މިހިންގީ ސަރުކާރު ތެރެއިންނެވެ. ސަރުކާރުގެ އެތައް ވެރިންނެއް އިސްވެ ތިބެއެވެ. އައިޑެންޓިޓީ ފްރޯޑް ސައްހަ ކުރަމުން ދަނީވެސް ދައުލަތުގެ ޒިންމާދާރު އިލެކްޝަންސް ކޮމިޝަން ފަދަ އިދާރާތަކުންނެވެ. އައިޑެންޓިޓީ ފްރޯޑް މިހާވަރަށް އާއްމުވެ ފުޅާވުމުން ރައްޔިތުންގެ ސިއްރު މައުލޫމާތުގެ ބޭނުން ނަހަމަ ގޮތްގޮތަށް ހިފުމުގެ ނަތީޖާއަކަށް މާދަމާ ވާނީ އެމީހާގެ ރައްވެހިކަމާއި މެދު ސުވާލު އުފެދި ގެދޮރު ގެއްލޭ ހިސާބަށް ވެސް ދިޔުމެވެ.

މައްސަލަތައް އުފަންވެގެން މިއުޅެނީ ހަމައެކަނި ޕާޓީއަކަށް މީހަކު ވައްދައިގެނެއް ނޫނެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މިފަދަ މުހިންމު މައުލޫމާތުގެ ބޭނުން ނާޖާއިޒް ގޮތުގައި ބޭނުން ކުރުމުންނެވެ. ނަފްސުގެ އަސްލު އޮޅި، އަނބިދަރިންނާއި މައިންބަފައިންނާއި ގޮވަތިގެދޮރާއި އަމިއްލަ ނަމުގައި ހިމެނޭ ތަފާތު އެކި މުއާމަލާތް ތަކެއް ދައުލަތުން ނުހިންގާ އޮވެދާނެ ކަމުގެ އެއްވެސް ޔަގީންކަމެއް އެކަކަށްވެސް ނެތެވެ. މީހާއަށް އެނގުމަކާއި ނުލާ މީހާއާއި އާއިލާއާއި ރައްޔިތުންނާއި ދައުލަތް ލޫޓުވާލާ ދަރުވާލާ ކަންކުރި މީހުން ޒިންމާތަކުން ބަރީއަވެގެން ހިނގައިދާނެ ކަމުގެ ކަންބޮޑުވުން އިންތިހާއަށް ބޮޑެވެ.

މާދަމާ ހެނދުނު ހޭލާ ބަލާލާއިރު ދަރިފަސްކޮޅު އޮޅުވާލާ ތިމާއަށް ނޭނގި ތިމާގެ ނަމުގައި ދައުލަތުން ޖަމާއަތް ހަދައިގެން ހިންގަމުންދާ އައިޑެންޓިޓީ ފްރޯޑުގެ ސަބަބުން ހުރިހާ ރައްޔިތުން ދުނިޔެއަށް ގެއްލި ނުދާނެކަމުގެ އެއްވެސް ޔަގީންކަމެއް އެކަކަށްވެސް މިހާރަކު ނެތެވެ. މިއީ މިފަދަ ނާމާން ކަމެއް ދައުލަތުން އިސްވެ އޮވެ ދައުލަތުގެ މުއައްސަސާތަކުން ހިންގިކަން އެނގޭ ފުރަތަމަ ފަހަރެވެ.

ދެބަސް ނުވެވޭނެ ހަގީގަތަކީ ދައުލަތް މާފިޔާ ގޭންގަކަށްވެ ރައްޔިތުން ނުރައްކަލަށް ވައްޓާލާފައި ވާކަމެވެ. މިހާރަކު އެއްވެސް ރައްޔިތަކަށް ރައްކާތެރިއެއް ނޫނެވެ. އަހާލަން ޖެހެނީ އައިޑެންޓިޓީ ފްރައުޑް ހިނގިކަމަށް ވާނީ މުއިއްޒަކީ މުއިއްޒު ނޫންކަމަށް ވާހިސާބުން ހެއްޔެވެ.