ބައިނަލްއަގުވާމީ ގާނޫނަށް މުއިއްޒު ބޯނުލެބުމަކީ ބިރުހުރިކަމެއް
ދިވެހި ރާއްޖެއަކީ ދުނިޔޭގެ ކޯޓްގެ އިސްތިޝާރީ ލަފަޔަށް ގޮންޖަހާ ލެވޭވަރުގެ ބާރުގަދަ ގައުމެއް ހެއްޔެވެ. ކަނޑުތަކާއި ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލްގެ ނިންމުމާ ދެކޮޅުހަދާ ގަދަ ދެއްކޭވެރުު ގައުމަކަށް ރާއްޖެ ވަނީހެއްޔެވެ. އދގެ 116 ގައުމެއްގެ ރުހުން ލިބިފައިވާ ކަމެއް އަނބުރާލެވޭ ވަރުގެ ގައުމަކަށް ރާއްޖެ ވީހެއްޔެވެ.
ބައިނަލް އަގުވާމީ ގާނޫނަށް ތަބާވުމުގެ ގޮތުން ރާއްޖެއާއި އިންޑިއާ އާއި ސްރީބލަންކާ ގުޅޭ އިމުން 200 މޭލު ހަމަ ނުވިޔަސް މުއިއްޒަށް ވަރިހަމައެވެ. އެ ގޮތް ހަމަ ރަނގަޅެވެ. އެކަމަކު ރާއްޖޭގެ ދެކުނުން ޗާގޯސް ކަނޑުން 200 މޭލު ރާއްޖެއަށް ހަމަ ނުވާކަމަށް އިޓްލޮސްއިން ކަނޑައެޅުމުން އެކަން މުއިއްޒު ސަރުކާރަށް ގަބޫލެއް ނުކުރެވުނެވެ.
އިޓްލޮސްގެ ނިންމުމަކީވެސް ބައިނަލްއަގުވާމީ ގާނޫނެވެ. އިޓްލޮސްގެ ނިންމުމަށް ރާއްޖޭން އިހުތިރާމް ނުކުރާނެކަމަށް ރަސްމީކޮށް އިއުލާނު ކުރުމަކީ ބައިނަލްއަގުވާމީ ގާނޫނަށް ރާއްޖޭން އަމަލު ނުކުރާނެކަމަށް ބުނުމެވެ. ހަމައަށް ވަށައިގެން އިގުތިސޯދީ ސަރަހައްދު ނުހޯދާ ނުވަންޏާ އަދި އެހާ ކެރެންޏާ ދެކުނުން 200 މޭލު ހަމަކުރަން އުޅޭހެން ރާއްޖޭގެ އުތުރުން 200 މޭލު ހަމަކޮށްލާނެ ހިއްވަރު މުއިއްޒު ސަރުކާރުގައި ހުންނާނެ ހެއްޔެވެ.
ކަޝްމީރު ބޯޑަރުގައި އިންޑިއާ އާއި ޕާކިސްތާނު ތަޅާފޮޅާހެން ޗާގޯސް ކަނޑުގެ މައްސަލައިގައި މޮރިޝަސް އާއި ރާއްޖޭން މިހާރު ހަނގުރާމަ އިއުލާނު ކުރީތާއެވެ. ޒަމާނުއްސުރެ ސުލްހަވެރި އަމާންރާއްޖޭގެ ތާރީހުގައި މުއިއްޒު ލެއްވި އެއީ ލައްގަޑެކެވެ. އިޓްލޮސްގެ ނިންމުމަށް ގޮންޖަހާ ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯނުލަބާ ގައުމަކަށް ރާއްޖެވުމަކީ ގަދަކަމެއް ނޫނެވެ. ބިރުހުރި ކަމެކެވެ.




