އަބަދު އެލްބޯޑުގައި ނޫޅެ ނުވިކަމަށް ގަބޫލުކޮށް ގެއަށްވަދޭ!

އަބަދު އެލްބޯޑުގައި ނޫޅެ ނުވިކަމަށް ގަބޫލުކޮށް ގެއަށްވަދޭ!

ބޭރު ޓީޗަރުންނާއި ނަރުހުން ރާއްޖެ ނާދެވޭ ގޮތަށް ފަރުމާކޮށްފައިވާ މަގުޗާޓުގެ ވާހަކަ އިވިފައި ސިހިއްޖެއެވެ. އެވަރުގެ ނިންމުމެއް ނިންމިއިރު އަޅުގަނޑުމެން ދިވެހީން މިއުޅެނީ ރާއްޖޭގައި ވަޒީފާ އަދާ ކުރާ ބޭރުގެ ޓެކްނިކަލް މީހުންގެ ކަންތައް ބޮޑުވެގެން ހެއްޔެވެ؟ ޒަމާނުންސުރެ މަދަރުސާތައް ނިންމާފައިވާ މުއިއްޒުމެން ފަދަ ބޭބޭފުޅުންވެސް ތަރުބިއްޔަތުކޮށް ތަމްރީނުދީ އުނގަންނައިދީފައިވާ ބޭރު ޓީޗަރުންނެވެ. އެތައް ބަޔަކު ދުނިޔެއަށް އުފަން ކުރުވުމުގައި އަތްގާތް ކޮށްދީ އަދި ފުރާނަ ސަލާމަތްކޮށް ދިނުމުގައި އަވަތިނެތި އުޅުނު ނަރުހުންނެވެ.  

ޓެކްނިކަލް ފީލްޑްގައި މަސައްކަތް ކުރަން ރާއްޖެ އައިސްފައިވާ މީހުން މަސައްކަތް ކުރުމުގައި ދުއްޕާނަކަށް ވެގެން ދިވެހިން އުޅުނު ދުވަހެއް ނުދެކެމެވެ. ޓެކްނިކަލް ފީލްޑްގައި މަސައްކަތް ކުރާނެ ދިވެހިން އިތުރުވެ ބޭރު މީހުން ތިބެގެން ވަޒީފާ ނުލިބިގެން ދިވެހީން އުޅޭތީއެއް އަދި ނުފެނެއެވެ. ކިޔަވައިގެން އަންނަތަނުން ބޭނުންހާ ވަޒީފާއެއް ފަހަރުގައި ނުލިބި އޮވެދާނެއެވެ. ބައެއް ދާއިރާތައް ނުވަތަ ފަންނުތަކުން ބިދޭސީން ބޭން ކުރުމަކީ ރަގަޅު ކަމެއް ކަމަށް ގަބޫލު ކުރެވިދާނެއެވެ. ނަމަވެސް ޓެކްނިކަލް ދާއިރާތަކުގެ ތެރެއިން އެކަމެއްގެ މުޑުވަށް ރާއްޖޭގައި ފުދޭވަރަށް ނެތް ފަންނުތައް ބޭން ކުރުމުން އެކަހެރި ކުރަން ޖެހެއެވެ.

ބޭބީ ސިޓާރސް އަކީ ސަރުކާރާއި ކޮންމެވެސް ގޮތަކުން ގާތް ގުޅުމެއް ގާއިމުވެފައިވާ ފަންނަކަށް ވުމަކީ މައްސަލައެއް ނޫނެވެ. ދަރިން ބަލަހައްޓަން ބައެއްފަހަރު ގެންނަ ބިދޭސީ މީހާދެކެ ބައެއް ސްޕޮންސަރުން ލޯބިވެވޭހާވެސް ގާތް ކަން ދިވެހިތާރީހު ހެކިވެއެވެ. އެމީހުން އަޅާލަނީ ތުއްތުކުއްޖާއާއި އެކު ބޮސްވެސް ހިމެނޭހެންނެވެ. ބައިވަން ގެޓް ވަން ފްރީ އުސޫލުންނެވެ. މިފަހަރުވެސް އެފަދަ ކަމެއް ދިމާވީ ކަމަށް ވެދާނެއެވެ. 24 ގަޑިއިރު ނުވަނީސް ބޭބީ ސިޓާރސް ކެޓަގަރީ އުނިވީކަމަށް ބައެއް ނޫސްތަކުން އެބަބުނެއެވެ. ހެޔޮފުޅުކަމުން ނަމަވެސް ޖޭސްމީން ގެންނަން ފުރުސަތު ލިބުމަކީ ނަސީބެކެވެ. 

ސަރުކާރުތަކުގެ ނިޒާމުތައް ފެއިލްވެ ބިދޭސީންގެ އަދަދުތައް މަގުތައް ފުރިގެން އުޅެނީ ޓެކްނިކަލް ހިދުމަތްތެރިން ގިނަވެގެން ބާވައޭ ހިތައް އަރައެވެ. ކަމުގައި ރަގަޅު ދިރާސާ ތަކެއް ހެދިފައިނެތްކަން އެކަސަރުކާރުގެ އަމަލުން ފެނި ސާބިތުވެއެވެ. މާލޭގެ މަގުތަކާއި އަތޮޅުތެރޭގެ އޮޅުއަލަ ފާތަކުގައި އުޅެނީ ޓީޗަރުންނާއި ނަރުހުންނެއް ނޫނެވެ.

މަގުތަކުގައި ގިނަވެގެން އުޅެނީ ރާއްޖޭގެ ނިޒާމުތަކުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ހިފާ ސަރުކާރުގެ ބޭއިންސާފުގެ އަޖަލުގައި ޖެހިގެން ބެހިގެން ގޮސްފައިވާ ނިކަމެތި މަސައްކަތު މީހުންތަކެކެވެ. އިމިގްރޭޝަންގެ ނިޒާމުގެ ތެރެއިން ފެންނަ ކުޑަ ލޯވަޅަކުން ފައިސާގެ ދަހިވެތިކަމުގައި އެތެރެ ވެފައިތިބި ލޭބަރު މަސައްކަތް ކުރާ އަން ސްކިލްޑް މަސައްކަތް ކުރާ މީހުންނެވެ. ނިޒާމުތަކުގެ ނުހަމަ ފައިދާތައް ދާހިލީ ވަޒީރުގެ ބެލުމުގެ ދަށުގައިވާ އިދާރާއިން ފޭދިގެން ދިޔުމުގެ ކައްފާރާ ދައްކަން މިޖެހެނީ ޓީޗަރުންނާއި ނަރުހުންކަމަށް ވުމަކީ އިއްތިފާގެއް ނޫނެވެ. ގަސްތުގައި ވެވޭ އިހުމާލެކެވެ. 

ދިވެހިންނަށް ބޭނުންވާ މިންވަރަށް ދިވެހި ޓީޗަރުންނާއި ފަންނުވެރި ނަރުހުން އެބަތިބިތޯ މި ދަނޑިވަޅުގައި ސުވާލު ކޮށްލުން ރަގަޅެވެ. ދިވެހީންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށް ދިނުމަކީ މަގުސަދު ކަމަށް ވުމަކީ މުޅީން އެހެން ކަމެކެވެ. ތަޖުރިބާ ހުރި ޓީޗަރުންނާއި ގާބިލު ނަރުހުން އެ ފަންނުވެރިކަން ހޯދަނީ މަސައްކަތުން ވަގުތު ނަގައިގެންނެވެ. ނަރުހުން ކިޔަވާ ނިމި އަދި ދުވަސްތަކެއް އަތުގައި އިންނަ ނާރު ފަސޭހަ ކަމާއި އެކު ހޯދަން ވަގުތު ބޭނުންވާނެއެވެ. އެއީ އަހަރަކުން ދެއަހަރުން ހަ އަހަރުން ވާނެ ކަންތައް ތަކެއް ނޫނެވެ. އެ އީ ތަޖުރިބާއެވެ.

ދިވެހިރާއްޖެ އަކީ ތަހުލީލު ލެބޯޓަރީއަކަށް ހަދައިގެން ނުވާނެއެވެ. ތަޖުރީބާ ހުރި ބަޔަކު އުފަން ކުރުވަން މަސައްކަތް ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ގަބޫލު ކުރާހާލު އަތެއް ހަ ތަނުން ތޮރުފާ ފަހުން އަސްލު ނާރު ހޯދުމަކީ މި ވަގުތައް ހައްލަކަށް ނުވެދާނެއެވެ. ޓީޗަރުންވެސް ކޮލިފައި ވަނީ ތަޖުރިބާއިންނެވެ. ތަޖުރިބާ ހުރި ދިވެހި ޓީޗަރުން މަދެވެ. ރަނަގަޅު ބިންގާ ނެތި ދަރިވަރުންގެ މުސްތަގުބަލު ސީދާ ކުރުމަކީ ދަތިކަމަކަށް ވުން ގާތެވެ.

ކަމެއް ނިންމުގެ ކުރީން ވިސްނާލުން ބުއްދިވެރިއެވެ. ކުރާކަމެއް ދެކޮޅު ޖެއްސޭތޯ މަސައްކަތް ކޮށްލާށެވެ. އަބަދު ބަދަލުކުރާ ނިންމުން ތަކަކަށް ދައުލަތުގެ ނިންމުންތައް ހެދުމަކީ ލަދުވެތި ކަމެކެވެ. އެލްބޯޑުގައިވެސް ދުއްވަންވާނީވެސް ވަކި މުއްދަތަކަށެވެ. ދަސްކޮށް އަޖުމަ ބެލުމުގައި ވަގުތު ގެއްލުވާނުލާ ނުވިކަމަށް ނިންމާ ގެއަށް ވަނުން އަބަދު އެލްބޯޑުގައި އުޅުމަށްވުރެ ރަނގަޅުވާނެއެވެ.