ނަޝީދެއް ކަމަކު ވައިނޮޅީގައި ދަތް އެޅުމުން ޖެހޭނީ ފޮޅާލަން
މަޖިލިސްގެ ރައީސްކަމުން ނަޝީދު ވަކިނުކުރަންޖެހޭ ސަބަބެއްނެތް
ރައީސް ނަޝީދަށް މަޖިލީހުގެ ރައީސް ކަން ދިނީ އެމްޑީޕީގެ ރައީސަށް ވިތީއެވެ. އެމްޑީޕީގެ 65 މެންބަރުން މަޖިލީހުގައި ތިބީތީއެވެ. އެމްޑީޕީއަކީ ސަރުކާރު ހިންގާ މައިޕައިޓީ ކަމުގައި ވީތީއެވެ.
މިހާރު އެ ހާލަތު ބަދަލު ވެއްޖެއެވެ. ރައީސް ނަޝީދު އެމްޑީޕީ ދޫކޮށް ލައިފިއެވެ. ރައީސް ނަޝީދަކީ މިހާރު އެމްޑީޕީ މެންބަރެއް ނޫނެވެ. އޭނާ އެމްޑީޕީ ދޫކޮށް ދިޔައީ އެމްޑީޕީ އާއްމު މެންބަރުންގެ ގައިގާ ކޮޅުފައިން ޖަހާފައެވެ. ދޫކޮށް ދިޔައިރު ދިޔައީ އެމްޑީޕީގައި މެންބަރުންގެ ގޮތުގައި ހޮވާފައިތިބި 13 މެންބަރުން ވެސް ގޮވައިގެނެވެ. މަޖިލީހުގައި އެމްޑީޕީ ތަމްސީލުކުރާ މެންބަރުންގެ އަދަދު 65 އިން 52 އަށް ތިރިކޮށްލާފައެވެ.
ނިމި ދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ އެންމެ ބޮޑު އަދާވާތްތެރިއަކީ ނަޝީދެވެ. އެމްޑީޕީ ރޫޅާލަން އުޅުނު އިރު އެމްޑީޕީގެ އެތައްހާސް އާއްމު މެންބަރުންނާއި އެމްޑީޕީގެ އެތައް ހާސް ސަޕޯޓަރުންނަށް ކުޑަކޮށް ވެސް ނަޝީދު އިހުތިރާމެއް ނުކުރިއެވެ. އޭނާއަށްޓަކާ އެމްޑީޕީ ވީ ގުރުބާނީއަކީ ނަޝީދުގެ ކުރިމަތީގައި ފަތަފޮޅި ދަށުލީ ފަތްގަނޑަށް ވެސް ނުވިއެވެ.
އެމްޑީޕީގެ މެންބަރުންގެ މެޖޯރިޓީން ކަނޑައެޅި ރިޔާސީ ކެންޑިޑޭޓް ނޫން ގޮތެއް ނަޝީދަށް ބޭނުންވީ ހިސާބުން އެމްޑީޕީ މެންބރުން ވެސް ނަޝީދު ނޫން ގޮތެއް ހޯދައިފިއެވެ. އެމްޑީޕީއަކަށް މިހާރަކު ނަޝީދެއް ބޭނުމެއް ނޫނެވެ. ނަޝީދާ ނުލާ އެމްޑީޕީ އުޅެން ދަސްކޮށްފިއެވެ. ނަޝީދު ނޫން މީހަކު ނެތިގެން އުޅުނު އުޅުން އެއީ މާޒީއެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީ ބަލިވިޔަސް ދިވެހި ރައްޔިތުންގެ ތާއީދު އެމްޑީޕީއަކަށް ނުގެއްލެއެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ރައްޔިތުން ބޭނުންވާ ގޮތް ވަރަށް ސާފުކޮށް ފެނެއެވެ. ޕީޕީއެމް-ޕީއެންސީއާއި އެމްޑީޕީ ނޫން ބަޔަކީ ރައްޔިތުން ގަބޫލުކުރާ ބައެއް ނޫންކަމަށް ވަނީ ބުނެފައެވެ. ތިންވަނައަށް ދިޔަ ދަ ޑިމޮކްރެޓްސް (ނަޝީދު)އަށް ލިބުނު ވޯޓުގެ ފަސްގުނައަށް ވުރެ ގިނަ ވޯޓު އެމްޑީޕީއަށް ފުރަތަމަ ބުރުގައި ލިބުނެވެ. ނަޝީދަކަށް އެމްޑީޕީ ރޫޅައެއް ނުލެވުނެވެ.
ނަޝީދަށްޓަކާ 7 އަހަރު މަގުމަތީގައި އެމްޑީޕީ އޮތުމަށްފަހު 2018 ގައި އެމްޑީޕީއަށް ވެރިކަން ލިބުނަސް ވެރިކަމުގައި ނަޝީދު ނޫން މީހަކު ހުރުމުން އެތެރޭގައިހުރެ އެމްޑީޕީގެ ވެރިކަން ހަރާބު ކުރަމުން ދިޔަކަން ނޭގޭ އެކަކުވެސް ނެތެވެ. ކެތްތެރިކަމާއެކު މަޑުމަޑުން ތިބީ ކުރާ އިހުތިރާމަކުންނެވެ. އާހިރުގައި ފުންމައިގެން އަރާ ވައިނޮޅީގައި ދަތް އެޅުމުން ޖެހޭނީ ފޮޅާލާށެވެ.
އެމްޑީޕީގެ ކުރިމަގަށްޓަކާ ނަޝީދުގެ ކިބައިން އެމްޑީޕީ ސަލާމަތްވުމުގެ ވަގުތު މިއޮތީ ޖެހިފައެވެ. ޒިންމާދާރު އިދިކޮޅު ޕަޓީގެ ގޮތުގައި އެމްޑީޕީ އޮތުމަށްޓަކާ ރައްޔިތުން މަޖިލީހަކީ ނަޝީދުގެ ކިބައިން ސަލާމަތް ކުރެވިފައިވާ ތަނަކަށް ހެދުން މުހިންމެވެ. ޕީޕީއެމް- ޕީއެންސީގެ ވެރިކަން ހަމަ މަގުގައި ހިންގުމަށްޓަކާވެސް މަޖިލީހުގެ ރިޔާސަތުން ނަޝީދާ އޭނާގެ އައުވާނުން އެއްފަރާތް ކުރަންޖެހެއެވެ. ނަށީދާ ބައިވެރިވެގެން އުޅެން ވެއްޖެނަމަ ސަރުކާރު ކޮށިއެރުން ނޫން ކަމެއް ނުވާނެއެވެ. މައިނޯރިޓީ ލީޑަރުކަން ފޭރިގަތް ގޮތަށް މަޖިލީހުގެ ރިޔާސަތުގައި އިނދެ ރައީސުލްޖުމްހޫރިއްޔާގެ އަތް ބަންނާނެ ކަމީ ޝައްކެއް ނެތް ކަމެކެވެ.
ގައުމުގެ ހަމަޖެހުމާ މަޖިލީހުގެ ކަރާމާތަށްޓަކައި އެމްޑީޕީއާއި ޕީޕީއެމް-ޕީއެންސީ ގުޅިގެން ނަޝީދުގެ ކިބައިން މަޖިލިސް ސަލާމަތް ކުރަންޖެހެއެވެ. އެކަމުގެ ވަގުތު މިހާރު ޖެހިއްޖެއެވެ. ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނެއެއްޗެއް ނޫނެވެ.