ޝަހީމަށް: މުއިއްޒު އަޒުލު ނުކުރާނެ ގޮތަކީ ނެތްގޮތެއް!
ގައިރު ގާނޫނީ ވަޒީރުކަމުން ޝަހީމު ވެސް ޖެހޭނީ އެއްފަރާތްވާން!
ގައިރު ގާނޫނީ ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ކަރުގެ ހިމަނާރު ބުރިވާނީ ލާހަޅޭކުން އަމިއްލައަށެވެ. ގައިރު ގާނޫނީ ވަޒީރު ކަމެއްގައި ހުރެވޭނީ ކަރުން ނާރުނަގާ ލައްކަ ބާރަށް ހަޅޭ ލައިގެންނެވެ. ލަދު ހަޔާތުގެ ކަންފުޅެއްވެސް ހުރިނަމަ މަޖިލީހުގެ ރުހުން ނުލިބުނަސް ވަޒީރު ހެދިގެނެއް މީހަކު ނޫޅޭނެއެވެ.
ރައީސަކު މަގާމުން އަޒުލް ކުރަން ރައީސް ކަމުގައި ވަކި ދުވަހެއް ވާކަށް ނުޖެހެއެވެ. ގަމާރަސް ގަމާރުވާން ވާނީ ވަކި ވަރަކަށެވެ. އަޒުލް ނުކުރާކަށް މުއިއްޒު ސަރުކާރުގައި ތިބިއްޔަކީ ކުށުން ހުސްތޯހިރުވެގެން ތިބި ބަޔަކު ނޫނެވެ. އެއްޔަކީ ވެރިކަމަށްޓަކާ މަތިން ބާވާލެއްވި ބައިގަނޑެއް ނޫނެވެ.
ރަންކޮޅާ ޝަހީމޫއެވެ. މުއިއްޒު ވެރިކަމަށް އިސްވެހުރީ ރާއްޖޭގެ ގާނޫނު އަސާސީގެ ދަށުންނެވެ. އެ ގާނޫނު އަސާސީގައި ހުރި ހަމަތަކެއް އެޅިގެންނެވެ. ރައީސް ކަމުގައި ހުންނަ މީހަކު އަޒުލުކުރާ ވާހަކަވެސް އޮތީ އެގާނޫނު އަސާސީގައެވެ. ގާނޫނު އަސާސީގައި އެކަން ކުރެވޭ ގޮތް ލިޔެވިފައި އޮއްވާ ޝަހީމު ނުދެކެނީތާއެވެ.
ބަލަގަ ކަރުގެ ހިމަނާރު ތަކަކީ ވެރިކަމެއްގައި މީހަކު ދެމި ބެހެއްޓުމަށް ބާރެއް ދޭއެއްޗެއް ނޫނެވެ. ކެނޑޭ ނާރެއް ކެނޑެންވީއެވެ. ޑރ. މުއިއްޒަކީ ދިވެހި ސިންގާ ސަނާގައި 5 އަހަރު ވަންދެން އިންނަން އުޅޭ މީހެއް ނޫނެވެ. ވެރިކަމުގެ ދައުރެއް ފުރިހަމަ ކުރަން އުޅޭ މީހަކުނަމަ ރައްޔިތުންގެ އިތުބާރުނެތް ޝަހީމުމެން ކަހަލަ މީހުނަށް ގާނޫނާ ހިލާފަށް ވަޒީރުކަން ދީގެން ވެރިކަން ކުރާކަށް ނޫޅޭނެއެވެ. ރައްޔިތުންގެ މަޖިލީހަށް ޗެލެންޖު ކުރަން ޝަހީމާއި މުއިއްޒަކީ ކޮން ބައެއް ހެއްޔެވެ.
ސަރުކާރަށް 100 ދުވަސް ނުވަނީސް ވެރިކަން ފުރޮޅާލަން ބަޔަކު އުޅުނިއްޔާ އުޅޭނީ ވެރިކަން ފުރޮޅާލަން ޖެހޭވަރަށް ވެރިކަން ހަރާބު ވެގެންނެވެ. ރައްޔިތުންގެ ލައްކައަކަށް ވުރެ ގިނަ މީހުނަށް ބަކަރި ހުއިހައްޕާ މީހުނަށް ގޮވި ކަލޭގެއަށް ގާނޫނާ ހިލާފަށް ވަޒީރުކަން ދީގެން އުޅުންވެސް މުއިއްޒު އަޒުލު ކުރުމުގެ ސަބަބަކަށް ފުދެއެވެ.
ރައްޔިތުން ވެރިކަމަށް މީހަކު އިންތިހާބު ކުރަނީ 5 އަހަރު ދުވަހު އެމީހަކު ކުރާނެ ކަމެއް ކުރާނެ ގޮތަކަށް ކުރާކަށް ނޫނެވެ. އެކަން އޮތީ އެހެން ކަމަށް ވާނަމަ އަޒުލުގެ ވާހަކައެއް ގާނޫނު އަސާސީއަކު ނުއޮންނާނެއެވެ. ދޮގާ ވަގާ މަކަރާ ހަދައިގެން މުއިއްޒު ވެރިކަން ހޯދި ހޯދުމަކީ ފަސް އަހަރު ވަންދެން ވެރިކަމުގައި ބަހައްޓަން އޮތް ހުއްޖަތެއް ނޫނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިތުބާރު ނެތް ވަޒީރަކަށްވެސް ރައިސަކަށް ވެސް މަގާމުގައި ދެމިއެއް ނުހުރެވޭނެއެވެ. އަމްދުން މުއިއްޒަކީ ރައްޔިތުންގެ އިތުބާރު ގެއްލިފަިވާ މީހެކެވެ. މުއިއްޒާ މެދު ރައްޔިތުންގެ އިތުބާރު އޮތްތޯ ނެތްތޯ ބެލުމަށް މިއަދު ވޯޓެއް ނެގިޔަސް މުއިއްޒަށް ރައްޔިތުންގެ އިތުބާރު ނެތްކަން ސާފުވާނެއެވެ.
މިހާރުން މިހާރަށްވެސް ރިޝްވަތުގެކުށް މުއިއްޒަށް ސާބިތުވާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތް ބަޔަކު ގާނޫނު އަސާސީއާއި ހިލާފަށް ވަޒީރުންގެ މަޖިލީހުގައި ގެންގުޅުމުގެ ސަބަބުން ހުވައާއި ހިލާފު ވުމުގެކުށް ސާބިތުވާނެއެވެ. ފަސްޓްލޭޑީގެ އިނާޔަތް އަނބިމީހާއަށް ހޯދާދެމުން ގާނޫނާ ހިލާފަށް ސިވިލް ސާރވިސްއިން އަނބިމީހާއަށް ނޯޕޭލީވް ދީގެން ކޮންޓްރެކްޓް އުސޫލުން ސިވިލް ސާރވިސްއިން އިނާޔަތް ހޯދާދޭތީ މަގާމުގެ ނާޖާއިޒު ފައިދާ ވަކިމީހަކަށް ހޯދާ ދިނުމުގެ ކުށް މުއިއްޒުގެ މައްޗަށް ސާބިތުވާނެއެވެ. ވަކިވަކިން މިޒާތުގެ ކަންކަން ލިސްޓްކޮށްލައިފިއްޔާ ކޮޅުން ނުލާހާ ގިނައެވެ. މިވަރުގެ މީހަކު ވެރިކަމުގައި ފަސް އަހަރު ވަންދެން ބަހައްޓައިފިއްޔާ ގައުމަށް އިޔާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުން ވާނެއެވެ.
ޝަހީމުމެންގެ ކަރުގެ ކުދިނާރުތައް ކިއްކުރަން ހެއްޔެވެ. ފަލަނާރުތައް ޅިޔައެޅި ބުރިބުރި ވިޔަސް މުއިއްޒު އަޒުލު ނުކުރާނެ ގޮތަކީ ހަމަ ނެތްގޮތެކެވެ. ސަލާމަތް ބޭނުމިއްޔާ ގައިރު ގާނޫނީ ވަޒީރުކަމުން ޝަހީމުވެސް ޖެހޭނީ އެއްފަރާތް ވާށެވެ.