އެމްޑީޕީ މަގަށް ނިކުންނާނީ ވެރިކަން ނިންމަން
އެމްޑީޕީ އޮތީ އާރާ ބާރުގައި ރައްޔިތުންގެ ނިންމުން ބަލަން
މޮޔަ ނުގޮވާށެވެ. އެމްޑީޕީއަކީ ބަޔަކު ހީކުރާ ކަހަލަ ޕާޓީ އެއް ނޫނެވެ. އެ އޮޑިއެއް ނުފެތޭނެއެވެ. ފައްތައެއްވެސް ނުލެވޭނެއެވެ.
އެމްޑީޕީއަކީ ފިނޑިވެ ފަހަށްޖެހި ގޮތް ހުސްވާ ޕާޓީއެއް ނޫނެވެ. އެވަގުތަކު އެމްޑީޕީ ކުރަންޖެހޭ ކަމެއް އެމްޑީޕީން ކުރާނެއެވެ. ދުނިޔެ ރަންވެގެން ހަދާނެ ނުހަދާނެ އެއްޗެއް ނޭނގިގެން އެމްޑީޕީ ނޫޅެއެވެ.
މަގަށް ނިކުންނަން ޖެހުނިމާ މަގަށް ވެސް ނިކުތުމުގެ ހަކަތަ އެމްޑީޕީގައި އެބަހުއްޓެވެ. ވެރިކަން ނެތުމަކުން ފަޔަށް ހިނިއަރައިގެން އެމްޑީޕީއަކުން ނޫޅޭނެއެވެ. ރައްޔިތުންގެ ނިންމުމަށް އެމްޑީޕީން އަބަދުވެސް އިހުތިރާމް ކުރާނެއެވެ.
ރައްޔިތުންގެ ހެވާލާބައަށް އެވަގުތަކަށް ކުރަންޖެހޭ ކަމެއް ކުރުމުގެ ހިތްވަރު އެމްޑީޕީގައި ހުރެއެވެ. ވެރިކަން ގެއްލޭ އިރަށް ހެދުނު އެއްޗެއް ހަދައިގެން ވެރިކަން ޖަހައިގަންނާކަށް އެމްޑީޕީއަކުން ނޫޅޭނެއެވެ.
މަޖިލިސް މެންބަރުންނާއި އާއްމު މެންބަރުންގެ އެމްޑީޕީ ދޫކޮށް އެހެން ޕާޓީތަކަށް ބަދަލުވުމަކީ އެމްޑީޕީއަށް އައުކަމެއް ނޫނެވެ. އެމްޑީޕީގެ ހަޔާތުގައި އިސްސަފުގައި އުޅުނު އެތައް ބަޔަކު އެމްޑީޕީ ދޫކޮށް ގޮސްފައިވެއެވެ. ބައެއް މީހުން ގޮސް ގޮސްފައި އައުދެއެވެ. އެހެނެކޭ ކިޔާ އެމްޑީޕީ ވަޅުޖެހި މަރެއް ނުވެއެވެ.
ރަނގަޅު ވަގުތުގައި ރަނގަޅު ފިޔަވަޅު އެޅުމުގައި އެމްޑީޕީ ފޭލިވެފައެއް ނެތެވެ. ބަޔަކަށް އެމްޑީޕީ ފުޑުފުޑުވެއްޖެ ކަމަށް ހީވާ ކޮންމެ ފަހަރަކު ތަރުތީބު ވެގެން ނިކުމެ އެނބުރި ގެއަށް ވަންނަނީ ކުރަން ނިކުންނަ ކަމެއް ކޮށްގެންނެވެ.
ރައީސް ޔާމީން އިންތިހާބު ވުމުން އެމްޑީޕީ އޮތީ ފުރަތަމަ ވަރަށް ހިމޭނުންނެވެ. ވެރިކަން ވައްޓާލުމަށް ތެޅިފޮޅެއެއް ނުގަނެއެވެ. ރައީސް ޔާމީނާ ދެކޮޅަށް އެމްޑީޕީ ނިކުތީ އަނިޔާވެރިކަން އާއްމުވެ އެހެން ގޮތެއް ނެތުމުންނެވެ.
ރައީސް މުއިއްޒާ ދެކޮޅަށް އެމްޑީޕީ މަގުމަށްޗަށް ނިކުތުމަށްވުރެ ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރެވުމުގެ ހަކަތަ އެމްޑީޕީގައި އެބަހުއްޓެވެ. ގާނޫނީ އިމުގެތެރެއިން ސަރުކާރު ޖަވާބުދާރީ ކުރެވެން އެމްޑީޕީއަށް އެބައޮތެވެ. މަޖިލީހުގެ ތެރެއިން އެކަން އެބަކުރެވެއެވެ.
މަޖިލީހުގެ ތެރެއިން ޖަވާބު ދާރީ ނުކުރެވޭ ވަރަށް ސަރުކާރުގެ ނުބައި ނުލަފާ ކަން ބޮޑުވެއްޖެ ނަމަ މަގުމަތިން ވެސް ޖަވާބުދާރީ ކުރުވާނީ އެމްޑީޕީންނެވެ. ހެޔޮ ވެރިކަމެއް ކުރަން ފުރުސަތު ދީގެން އެމްޑީޕީ އޮތީ ފިނޑިކަމަކުން ނޫނެވެ.