ގާނޫނުއަސާސީ އުވާލުމުގެ ބާރު މަޖިލީހަށް ދީފައެއްނުވޭ: މާރިޔާ ދީދީ

މިހާރު ރާއްޖޭގެ ސްޕްރީމް ކޯޓުގައި މައްސަލައަކީ ގާނޫނީ ގޮތުން ގާނޫނީ މާހިރުން ވާހަކަ ނުދައްކަވާ ދޫކޮށްލެވޭ ވަރަށްވުރެ ހައްސާސް މައްސަލައެކެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިގެއްލުމާގުޅޭ ގޮތުން ގާނޫނު އަސާސީއަށް ގެނައި ބަދަލު ގާނޫނުއަސާސީގެ އޮނިގަނޑާ ހިލާފްވެގެން ގާނޫނީ ފަރުވާއެއް ހޯދުމަށް މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސައިން ސްޕްރީމް ކޯޓަށް ވަޑައިގަތުމުން ސްޕްޜިމް ކޯޓުގެ ފުލްބެންޗުން މިއަދު ބަލަމުން އެދަނި އެ މައްސަލައެވެ.
މައްސަލަ ހުށަހަޅާ ފާރާތުގެ ވަކީލެއްގެ ގޮތުގައި ޝަރީއަތުގެ މަޖިލީހުގައި ވަކާލާތު ކުރައްވަނީ ގާނޫނީ ވަކީލް މަހުފޫޒު ސައީދެވެ. ސްޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލައާއި ގުޅިގެން ކޯޓުން ބޭރުގައިވެސް ގާނޫނީ ބަހުސްތައް މިއަދު އެބަ ކުރެވެއެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ އަންހެން ބެރިސްޓާރ އަދި އައު ގާނޫނުއަސާސީ ފާސްކުރި ހާއްސަ މަޖިލީހުގައިވެސް ހިމެނިވަޑައިގެންނެވި މަޝްހޫރު ގާނޫނީ ވަކީލް އަލްއުސްތާޒާ މަރިޔާ ދީދީއަށް ވެސް ގަބޫލުކުރެއްވެނީ ގާނޫނީ ވަކީލު މަހުފޫޒު ސައީދުގެ ވިސްނުމާ އެއްގޮތަށްކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.
"އަޅުގަނޑުމެންގެ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ގާނޫނުއަސާސީ އުވާލުމުގެ ބާރެއް ދީފައެއް ނުވެއެވެ." މާރިޔާ ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހަށް ހަމައެކަނި ކުރެވޭނީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން އިސްލާހު ގެނައުން ކަމަށްވެސް އެކަމަނާ ފާހަގަކުރައްވައެވެ.
މާރީޔާ ދީދީ ވިދާޅުވި ގޮތުގައި ޕީ.އެން.ސީން ގެނައި އިސްލާހަކީ ވެރިކަން ހިންގުމުގެ ނިޒާމުގެ އަސާސަށާއި، ރައްޔިތުންގެ ޢާންމު ވޯޓަކުން ނިންމާފައިވާ ބާރުތައް ވަކިކުރުމުގެ އަސާސީ އުސޫލަށް އަސަރުކުރާ އިސްލާހެކެވެ. ގާނޫނުއަސާސީގައި ސާފުކޮށް ބަޔާންކޮށްފައިވަނީ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުކުރާނަމަ ރައްޔިތުންގެ އާންމު ވޯޓެއް ނަގަންޖެހޭނެ ކަމަށެވެ.
ގާނޫނުއަސާސީއަށް އިސްލާހެއް ގެނައުމަށްފަހު އިޖުރާއީ ގޮތުން އެ މައްސަލަ ބެލުމުގެ ބާރު ކޯޓަށް ނެތްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިނަމަ، ދެން އަންނަ އިސްލާހަކީ ފަހަރެއްގައި ގާނޫނުއަސާސީއަށް ގެނެވޭ އިސްލާހުތައް ބެލުމަށް އޮންނަ ތިންވަނަ ބާރު، ޝަރުޢީ ދާއިރާގެ ވުޖޫދާ ގުޅޭ މާއްދާ އުވާލުމުގެ އިސްލާހަކަށް ވެދާނެ ކަމަށާއި ކަމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް އުސްތާޒާ މާރިޔާ ދީދީ ވިދާޅުވެއެވެ.