އިންސާފު ހޯދަންނޫޅެ އަބަދަކު ހިމޭނަކުން ނުތިބޭނެ!

ދައުލަތް ލޫޓުވާއިރު އެކަންކަން ހަލާލުކޮށްދޭން ޕީޖީއާއި އޭސީސީއާއި ފުލުހުން އެތިބީ ފޫގަޅާފަ

އިންސާފު ހޯދަންނޫޅެ އަބަދަކު ހިމޭނަކުން ނުތިބޭނެ!

ރައީސް މުއިއްޒު ސަރުކާރުގެ މަސްލަހަތު ހިމެނޭ ކޮންމެ ކަމެއް ތަހުގީގުކުރާ ކޮންމެ ފަހަރަކު ދައުލަތުގެ ތަހުގީގީ އިދާރާތަކުން މިހަދަނީ ކިހިނެއް ހެއްޔެވެ. ސަރުކާރުން ރާވައިގެން ހިންގާ ބޮޑެތި ޖަރީމާތަކުގެ ހަގީގަތް އޮޅުވާލާ ކަންކަމުގެ މަތިއަޅާ ދިނުމަކީ އާއްމުކަމަކަށް ހަދައިފިއެވެ. 

ރާއްޖޭގައި ތަހުގީގުތައް ހިންގަނީ މައްސަލައިގެ ހަގީގަތް ހޯދާ އަދުލުވެރިކަން ކަށަވަރުކުރުމަށް ކަމަށް ބުނެވޭކަށް ނޯވެއެވެ. އެއިރަކު ސަރުކާރުން ބޭނުންވާ ގޮތަކަށް ތަހުގީގުތައް ބައްޓަންކޮށް ސަރުކާރުން ބޭނުންވާ ނަތީޖާއެއް ނެރުމަށް ނޫނީ އެއްވެސް ތަހުގީގެއް ހިނގާތީއެއް ނުފެނެއެވެ. އާހިރުގައި މުޖުތަމައު ފާލުންނެއްޓި ކޮންމެ މީހަކީ އަމިއްލަ އަމީރަކަށްވެ މުޖުތަމައުމައުގެ ހަމަޖެހުން ގެއްލި އިންސާފު ގާއިމުކުރުމަކީ ކޮންމެ މީހަކު އަމިއްލަ އަމިއްލައަށް ކުރާކަމަކަށް ވެފައި އޮންނަނީ މަދެއްކޮށް ނޫނެވެ.

ބޮޑެތިކުށްވެރިން ކުށުން ބަރީއަވެ ނުހައްގުން އަދަބުލިބޭ މީހުން އިތުރުވެ ދައުލަތުގެ ތަހުގީގީ އިދާރާތަކާއި ޝަރުއީ ނިޒާމަށް އިތުބާރުކެނޑި މަގުމަތީ ކޯޓްތަކާއި ގޭންގްތަކުގެ ޝިކާރައަކަށް މީހުން ވެގެން ދިޔުމަކީ ދުރުކަމެއް ނޫނެވެ. ވެރިންކުރާ ވައްކަންތައް ފޮރުވައިދީ ވެރިންގެ މަސްލަހަތު އޮތް ޖަރީމާތައް އެހެން މީހުންގެ ބޮލުގައި އަޅުވާ ގައުމު ނުރައްކަލުގެ ތެރެއަށް ވައްޓާލަން ދައުވަތު ނުދޭށެވެ. ވަކި މީހަކަށްވުރެ ގައުމު މާބޮޑެވެ. 

އެއްވެރިއަކު ނެތިއްޔާ އަނެއް ވެރިއަކު ހުންނާނެއެވެ. ވެރިކަމުގެ އާރާބާރުގައި މީހަކު ހުރުމަކީ އެމީހަކަށްޓަކާ ދައުލަތް ހުސްވާން ޖެހޭ ސަބަބެއް ނޫނެވެ. ވެރިކަމުގައި ހުންނަ ކޮންމެ މީހަކީ ކުށެއް ބުށެއް ނުކުރާނެ މައުސޫމު މީހެއް ނޫނެވެ. ވެރިކަމުގެ އާރާބާރުގެ ބޭނުންކޮށްގެން ވެރިން ޖަރީމާ ހިންގުމަކީ ރާއްޖެއަށްވެސް އައުކަމެއް ނޫނެވެ. ނާސިރެއް މައުމޫނެއް ނަޝީދެއް ވަހީދެއް ޔާމީނެއް ސޯލިހެއް މުއިއްޒެއް އެކަމުން ހުސްދުރުވެގެން ނުވެއެވެ. 

ފަހުގެ ތާރީހުގައި ވެރިކަމެއްގައި ރޭވިގެން އެންމެ ގިނަ ޖަރީމާ ހިންގިކަމަށް ބެލެވުނު އެއްވެރިކަމަކީ ރައީސް ޔާމީނުގެ ވެރިކަމެވެ. އެކަމަކު ރައީސް ޔާމީނުގެ ވެރިކަމުގައި ހިނގާދިޔަ ކަންކަމަކީ ނުހިނގާ ކަމަކަށްހަދާ އަނިޔާ ލިބުނީ އެވާހަކަ ދެއްކި މީހުންނަށެވެ. އޭރު ސަރުކާރުން ބޭނުންވީމާ ނައިބުރައީސް ވެސް ހައްޔަރު ކުރެވުނެވެ. ރައީސަށް ސަނާކީ އެންމެންނަށް ރައްކާތެރިކަން ލިބި އެނޫން މީހުނަށް ބޮޑެތި ބޮޑެތި އަދަބު ލިބުނެވެ. އޭރު ރައީސް ޔާމީނަށް ސަނާކިޔާ ރައީސް ޔާމީނަކީ ހުސްތޯހިރު މީހަކަށް ހަދައިގެން އުޅުނު މީހުން މިއަދު ވެރިކަމުގެ އާރާ ބާރުގައި ތިބުމަށް ރައީސް މުއިއްޒުގެ ރުހުން ހޯދުމަށް ރައީސް ޔާމީނަށް ނުގޮވާ އެއްޗެއްނެތެވެ. މިއަދު އެމީހުނަށް ރައީސް ޔާމީނު ވަރުގެ ބޮޑުވަގެއްވެސް ނެތެވެ. 

ރައީސް މުއިއްޒުގެ ތައްޕާހުން ދައުލަތް ދަވާލަން ބޭނުންވާތީ އެމީހުނަށް ރައީސް މުއިއްޒު ވަރެއް ނެތެވެ. ޖެހުނު ދިމާލަކުން ވައްކަން ކުރަމުން ދައުލަތް އެދަނީ ލޫޓުވަމުންނެވެ. އެކަން ކަން ހަލާލުކޮށްދޭން ޕީޖީއާއި އޭސީސީއާއި ފުލުހުން އެތިބީ ފޫގަޅާފައެވެ. އަމިއްލަ ދިފާއުގައި ތަހުގީގުގައި މީހަކު ބުނާހާ އެއްޗެއް ވެސް އެއީ ސަރުކާރަށް ކްރެޑިޓް ލިބޭ އެއްޗެއް ވިއްޔާ ތެދެއް ދޮގެއް ނުބަލާ ފުލުހުންވެސް އާއްމުކުރަނީއެވެ. ކަނޑައެޅިގެން ފޯޖުކޮށްގެން ރަސްމީ ލިޔުމެއް ކަމަށް ދައްކަން އަމިއްލައަށް ލިޔުމެއް ހުށަހަޅައިގެން ގޯއްޗެއް ހޯދި މީހަކު ދޭ މައުލޫމާތަކީ ރަނގަޅު މައުލޫމާތު ކަމަށް ފުލުހުން އެވަނީ ތެދު ދޮގު ނުބަލާ ބަލައިގެންފައެވެ.

ސަރުކާރުގެ ދިފާއުގައި ކުރާ ސިޔާސީ ނުފޫޒުން ފޯވެފައިވާ ތަހުގީގުތައް އަނެއް ކޮޅަށްޖެހި ކުރިން ބުނިއެތި ކެންސަލް ވެފައި ހުރީ މަދެއްކޮށް ނޫނެވެ. ފުލުހުންވެސް އޭސީސީން ވެސް އެމީހުންގެ އިތުބާރާ ކަރާމާތް ގެއްލި ދިޔަސް އަމިއްލައަށް ބަރަހަނާވިޔަސް ސަރުކާރު ދިފާއުކުރެވެނިކޮށް ނިމުނީއެވެ. ބައެއްގެ ތެރެއިން އަދުލުވެރިކަން ގެއްލި ފާލުން ނެއްޓުމުން އިންސާފު ހޯދަންނޫޅެ އެންމެންނަކު އަބަދަކު ހިމޭނަކުން ނުތިބޭނެއެވެ. ރައްޔިތުން އިންސާފާ އަރާ ހަމަ ކުރާނެއެވެ.