މައްސަލަތައް ވައްދާ ކޮށިއަރުވާލީމާ ނުބަލާ ފަރަކު ނުޖެއްސޭނެ!

މައްސަލަތައް ވައްދާ ކޮށިއަރުވާލީމާ ނުބަލާ ފަރަކު ނުޖެއްސޭނެ!

ރައްޔިތުންގެ މަޖިލިސް ގަނެލާ ޝަރުޢީ ނިޒާމު އަތުލައިގަނެ، ސުޕްރީމް ކޯޓުގެ ބެންޗް ބަދަލުކޮށް ކޯޓުތަކުން ސިޔާސީ ހުކުމްތައް އިއްވަން ފަށާފައި ދަނޑިވަޅުގައި މުއިއްޒު ސަރުކާރުން ހިންގާ ޖަރީމާތަކާ ދެކޮޅަށް ބިރުނުގަނެ މައްސަލަތައް ވައްދާ ހުރިހާ މުއައްސަސާއެއް ފުރާލާށެވެ. އޭސީސީން ހޭލާ ވަރަށް ޝަކުވާތައް އުފުލާށެވެ. ފުލުހުންގެ އިދާރާތަކުގައި ކިޔުތައް ހަދާލާށެވެ. ޕީޖީއަށް ފުލުފުލުގައި ޝަކުވާ ހުށަހަޅާށެވެ. ކޯޓުތަކުގެ ދޮރުތަކުގައި އެއް ވާނަކަށް ޓަކި ޖަހަން ފަށާށެވެ.

މަގާމުގެ ބޭނުން ކޮށްގެން އަމިއްލައަށް ހޯދާ ނާޖާއިޒު މަންފާއާއި އެހެން މީހުނަށް ހޯދައިދޭ މަންފާތަކުގެ ޝަކުވާތަކުން މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތައް ފުރާލުން ނޫން ގޮތެއް މިހާރަކު ނެތެވެ. ޕޮލިސް ކޮމިޝަނަރާއި ޕީޖީއާއި އޮޑިޓަރ ޖެނެރަލަށް މައްސަލަތަކާއި ޝަކުވާއާއި ހުރެ އެހެން ކަމެއް ނުކުރެވޭ ވަރުކޮށްލާން ފަސްޖެހިގެން ހަމަނޭވާ ލެވޭކަށް ނެތެވެ. 

ވަކި ޕީޓީއަކުން ކުރަން ދެން ބަލަން ނުތިބޭށެވެ. ވަކި ބަޔަކު ބުނަންދެން ކުރަން ނުތިބޭށެވެ. ފަހަށް ނުޖެހި ދެން ކީއްކުރާނީގައި ނުތިބެ ކޮންމެ މީހަކު އެ މީހެއްގެ ފަރުދީ ކަމެއް ކަމުގައި ބަލައިގެން ދައުލަތް ހަމަ މަގަށް އަޅުވަން ތެދުވާށެވެ. ވެރިކަމުގެ އަރާ ބާރުގައި ތިބެ ދައުލަތް ނޮޅާކާން އަބަދު ދޫކޮށްލައިގެން ނުތިބޭށެވެ. 

އެތައް ބިލިޔަނުގެ ކޮރަޕްޝަން މުއިއްޒުވެރި ކަމުގެ މިހިނގާ ދެ އަހަރު ތެރޭގައި ހިންގައިފިއެވެ. އެތައް ބައިވަރު ބިމެއް ކޮރަޕްޝަނުގެ ތެރެއިން ބާރުގައި ތިބެ މުއިއްޒުގެ އައުވާނުން އަމިއްލަ ކޮށްފިއެވެ. ބިޑްކުރުމަކާ ނުލާ އެތައް މިލިޔަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފިއެވެ. އެތައް މިލޔަނުން ދައުލަތަށް ގެއްލުންވާ ގޮތަށް ކޮންޓްރެކްޓްތައް ހަދާ އެތައް ކޮންޓްރެކްޓެއް ބާތިލުކޮށް ދައުލަތުގެ އެތައް މިލްކިއްޔާތެއް ގެއްލުވާ ލައިފިއެވެ. އެތައް ބަޔަކަށް ދައުލަތުން ދޭންޖެހޭ އެތައް މިލިޔަން ރުފިޔާ ނުދީ އެބައޮތެވެ. ހަދާ ހުންގާ އުސޫލުތަކުން އެތައް ބަޔަކަށް މާލީ ބޮޑެތި ގެއްލުންތައް ދީފިއެވެ. މަގާމުގެ ނާޖާއިޒު ބާރު ބޭނުންކޮށްގެން ދައުލަތަށް ނުތަކާ ވަރަށް ސިޔާސީ މަގާމު ދީގެން ހައްގުނޫން ފައިދާ އެތައް ބަޔަކަށް ދަނީ ހޯދާ ދެމުންނެވެ. 

އަނެއް ކޮޅުން މުއިއްޒު މިނިސްޓަރ ކަމުގައި ހިންގިހާ ޖަރީމާތަކާއި މޭޔަރ މުއިއްޒުގެ ޖަރީމާތައް ބަލުވަން ވަކިވަކިން މައްސަލަތައް ވައްދާ އޭސީސީ އާއި ފުލުސް އޮފީސް ކޮށިއަރުވާލީމާ މައްސަލަތައް ނުބަލާ ފަރަކު ނުޖެއްސޭނެއެވެ. މުއިއްޒު ހިނގިހާ ޖަރީމާއާއި ހިންގަމުންދާހާ ޖަރީމާތަކަށް ދައުވާ ނުކޮށް ޝަރީއަތް ނުކޮށް ނުތިބެވޭ ވަރުކޮށްލައިގެން ނޫނީ ސަލާމަތްވާކަށް ނެތެވެ.