ގޯތިތައް ރަސްމާލެއަށް-ފްލެޓްތައް މުއިއްޒުގެ އައުވާނުންނަށް
ގައިރު ގާނޫނީ ބަންޑާރަނައިބަށް ދައުލަތަށް ގާނޫނީ ލަފައެއް ނުދެވޭނެ!
ދިވެހީންގެ ރާއްޖެ ފެށުނީ މުއިއްޒާ ހަމައިންނެވެ. އޭގެކުރީން ދިވެހި ރާއްޖޭގައި ހިނގަފައިވާ އެއްވެސް ކަމަކީ ދިވެހިންގެ ރާއްޖެއަށް އެޕްލައިވާނެ ކަންކަމެއް ނޫނެވެ. ކުރިން ދިވެހި ސަރުކާރުން ހަދާފައިވާ އެއްވެސް އެއްބަސްވުމަކީ މުއިއްޒު ސަރުކާރުން އިހުތިރާމްކޮށް ދަމަހައްޓަން ޖެހޭ ކަމަކަށް ނުވެއެވެ. ކުރީގެ ސަރުކާރު ތަކުން ނިންމާފައިވާ ކަންކަމަކީ އެގޮތުގައި ދެމިގެންދާނެ ކަމެއް ކަމަކަށް މުއިއްޒު ސަރުކާރުން ގަބޫލެއް ނުކުރެއެވެ. ކުރީ ސަރުކާރުން ފަށައިގެން ކުރިއަށް ގެންގޮސްފައި އެއްވެސް ކަމަކީ މުއިއްޒު ސަރުކާރުން ކުރިއަށް ގެންގޮސް ނިންމަންޖެހޭ ކަމެއް ކަމަކަށް މުއިއްޒު ނުދެކެއެވެ.
ރާއްޖޭގެ ކަންކޮޅު ތަކުގައި ކުރީގެ ސަރުކާރުން ފަށާ ނުނިމިހުރި މަޝްރޫއު ތަކާއި ތަރައްގީގެ މަސައްކަތްތައް އޮތް ހިސާބެއްގައި އޮތީ ބާއްވާފައެވެ. ހުއްޓަލާފައެވެ. ފަޅެއްވިޔަސް ބަނދަރެއް ވިޔަސް ނަރުދާމައެއް ވިޔަސް އޮތީ ހުއްޓާލާފައެވެ. މަގުހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ކަންކަންވެސް ވަނީ މުޅިންހެން ހުއްޓާލާފައެވެ.
މާލޭ ސަރަހައްދުން ގޯތިދޭން ހިއްކާ ބިން ހިއްކުން ވެސް ވަނީ ހުއްޓިފައެވެ. ބޯހިޔާވަހި ކަމުގެ ޖުމްލަ ހައްލޭ ބުނެ ބަޖެޓްގައި ނެތަސް ފުށިދިއްގަރުފަޅު ހިއްކަނީއެވެ. ބަޖެޓްގައި ނެތަސް ގުރައިދޫގައި އެއަރޕޯޓް އަޅަން ވީއެވެ. މަގޫދޫގައި އެއަރޕޯޓެއް ނިމިނިމި އޮއްވާ ޖެހިގެން އޮތް ނިލަންދޫގައި އެއަރޕޯޓް އަޅަން ނިންމިީއެވެ.
މަލޭ ސަރަހައްދުގެ ބޯހިޔާވަހި ކަމަށް ހުޅުމާލެއިންނާއި ގުޅީފަޅުންނާއި ގިރާވަރުފަޅުން ގޯތިދޭން ނިންމާ ކުރީ ސަރުކާރުން ހިއްކަމުން ދިޔަ ބިންތައް ހިއްކުން ހުއްޓާލާ ގޯތިތައް ބަދަލުކުރަން ނިންމީ ފުށިދިއްގަރުފަޅަށެވެ. އެނިންމުން އަދިވެސް އޮތީ އެގޮތަށެވެ. ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުން ގޯތި ހަވާލުކުރާ ވާހަކައަކީ މަޖިލިސް އިންތިހާބަށް މާލޭ މީހުންގެ ލޮލުގާ އަޅުވާ އަނދުނެކެވެ.
މާލޭ މީހުން މިދާކަށް ދުވަހު ސަލްޓަންޕާކުގައި ބޭއްވި ގޯތި ސައްލާގައި މުއިއްޒުގެ މަންދޫބެއްގެ ގޮތުން އައި ފިރުޒުލްގެ ވާހަކައިން އެކަނިވެސް ހުޅުމާލެއިންނާއި ގުޅީފަޅުންނާއި ގިރާވަރުފަޅުން ގޯއްޗަކީ ލިބެން އޮތް އެއްޗެއް ނޫންކަން ސާފުވާނެއެވެ. ކުރީ ސަރުކާރުން އިންވަކިކޮށް ގޯތި ކަނޑާ ރަޖިސްޓްރީ ހަދާދީފައިވާ ފަރާތްތަކަށް ބިންތައް ހަވާލުނުކޮށް ދަންމަނީ ދިގެވެ.
ގޯތި ލިބޭނެކަމަށް ގެޒެޓްކޯށް އިއުލާނު ކޮށްފައިވާ ފަރާތްތަކަށް ދޭން ހިއްކަމުން ދިޔަ ބިން ހިއްކުން ހުއްޓާލާ ނުހިކޭ ބިމުން ގޯތި ނުދިނުމުގެ ބަހަނާ އަކަށް ދައްކަނީ ގޯތީގެ ރަޖިސްޓްރީ ހަދާ ދިނުމަކީ ގާނޫނީ މައްސަލައެއް ކަމަށް ހަދައިގެންނެވެ. ކަނޑު ހުރަސްކޮށް ޓަނަލްއަޅަން ބުނާ މީހާއަށް ފަޅުން ގޯތި ކަނޑާ ދިނުން ގާނޫނީ މައްސަލައަކަށް ވެއްޖެއެވެ. މާލޭ މީހުން ބާޑިޖަހައިގެން ފަޅުމެދުން ގޯތި ހިއްކާ ފާލަން އަޅައިގެން ގޯއްޗަށް ދިޔަކަމެއް ވަށަފަރު މީހަކަށް ނޭނގިދާނެއެވެ. ހަމަގައިމުވެސް މިޒަމާނުގައި މޫދުގައި ގެއަޅައިގެން އުޅެވިދާނެކަން ނޭނގިއެއް ނުހުންނާނެއެވެ. އެކަމުގާ އޮތީ ކޮން ގަނޫނީ މައްއސަލައެއް ހެއްޔެވެ. އޮތިއްޔާ އޮތް މައްސަލައަކީ މަޖިލިސް އިންތިހާބު ކުރިމަތީގައި އޮތުމެވެ.
ގިނަ އަދަދެއްގެ މާލޭ ރައްޔިތުންނާ ގުޅިފައިވާ ކަމަކަށް ގޯތި ދިނުމުގެ މައްސަލަވާތީ އެކި ބަހަނާގައި ލަސްކޮށް ފަސްކުރަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމެންދެނެވެ. ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ފަހުން ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުން ގޯތި ނުދޭން ނިންމާ ރަސްމާލެއަށް ގޯތިތައް ބަދަލުކޮށްލާނެއެވެ.
ގެދޮރުވެރި ސްކީމްގެ ފްލެޓްތަކުގެ މައްސަލަ ވެސް ކޮޅެއްގައި ނުޖައްސާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ނިމެންދެން ދިގު ދައްމާލަނީއެވެ. ޕިއެންސީން މަޖިލީހަށް ވާދަކުރާ މުއިއްޒަށް ވަފާތެރި ކެންޑިޑޭޓުން ބޭނުންވާ ބަޔަކަށް ކެންޑިޑެޓުންގެ ސީނިއަރިޓީއަށް ބަލައިގެން ދޭނެ ފްލެޓްގެ އަދަދު އޮތީ ކަނޑައެޅިފައެވެ. ބޭނުމަކީ ފްލެޓް ދައްކައިގެން މަޖިލީހަށް މުއިއްޒުގެ ބަޔަކު އިންތިހާބު ކުރުމެވެ. އެހެންކަމުން ފްލެޓް ލިބޭނެ ކަމަށް ގެޒެޓްކޮށްފައިވާ ގިނަ ބަޔަކަށް ފްލެޓް ނުދީވާނެ ގޮތެއް އޭސީސީ މެދުވެރިކޮށް ހެދީއެވެ.
ކުރީގެ ސަރުކާރުން ގެޒެޓްކޮށް ފްލެޓް ލިބޭނެކަން ކަށަވަރުކޮށްދީފައިވާ ހަތަރުހާސް މީހުންގެތެރެއިން 60 އިންސައްތަ މީހުން ބާކީކޮށްލަނީ މުއިއްޒުގެ ކެންޑިޑެޓުންނަށް ވޯޓު ހޯދަން ފްލެޓް ބަހާށެވެ. ރައްޔިތުންގެ މަޖިލީހުން ރުހުންނުދީ ހުރި ގައިރު ގާނޫނީ ބަންޑާރަ ނައިބު އުޝާމް ދޭ ގާނޫނީ ލަފައަށް ގައިރު ގާނޫނީ ހައުސިން މިނިސްޓަރ ހައިދަރު ލައްވާ ފްލެޓް ކުޅި ކުޅުވަން މުއިއްޒު ފޫގަޅައިގެން އެހުރީ މަޖިލިސް އިންތިހާބު ނިމެންދެނެވެ. މަޖިލިސް އިންތިހާބަށް ފަހު މުއިއްޒުގެ ގޮށްމުށުގެ ބަލާ މުސީބާތް މުޅިގައުމަށް ޖެހެނޭއެވެ.