އާޒިމާއަށް: ދުނިޔެއަށް ގޮންޖެއްސަސް އިހުމާލުން ނުރެކެވޭނެ
ސިޔާސީ ބޭނުމުގައި ހޭރުނަކަސް ދެން ވާނެކަމެއް ނެތް
އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް ވުރެވެސް އާޒިމާ ޝަކޫރުގެ ހުކުން މާމައްޗެވެ. އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގައި ތިބީ މޮޔައިންކަމަށް އާޒިމާ ބުނީމާ ގަބޫލު ކުރާނީ ރާއްޖޭގެ ވެރިކަން ވައްޓާލަން ބަގާވާތްކުރާ ބަގާވާތުގެ އަހުލުވެރިން އެކަންޏެވެ.
ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް އިސީޖޭން ނިންމި ނަމަވެސް އެއީ މޮރިޝަސްއަށް އެތަން ލިބުން ނޫން ކަމަށް ބުނެ ކަރުން ނާރު ނަގާ އާޒިމާ ހަޅެލިޔަސް އެނޫން ގޮތެއް ނިކަން ހަދާލަބަލާށެވެ. ތިޔަފާޑަށް މޭދިއްކޮށްގެން ކުރިންވެސް ކަމެއްގައި އުޅުނެވެ. ޖީއެމްއާރު އެއްބަސްވުން އުފެދުމުގައިވެސް ބާތިލޭ ކިޔައިގެން ތެޅި ބޭލި ބޭލުމުން ރާއްޖެއަށް ޖެހުނީ މިލިޔަން މިލިޔަނުން ޑޮލަރު ދައްކާށެވެ.
ޗާގޯސް ކަނޑު އިކުއިޑިސްޓެންސްގެ މަގުން ބަހަން އިޓްލޮސް ނިންމީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފަޔާއި އދ ގެ އާއްމު މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން ޗާގޯސްގެ ސިޔަދަތީ ބާރު މޮރިޝަސްއަށް އޮތް ކަމަށް ނިންމުމުންނެވެ. އިޓްލޮސްގެ ފަނޑިޔާރުންގެ ބޮޑު އިއްތިފާގުންނެވެ. އިޓްލޮސްއިން ކުރި ހުކުމަކީ ބައިނަލް އަގުވަމީ ގާނޫނުތަކަ ހިލާފު ހުކުމެއް ކަމަށް ބުނަން އާޒިމާ މީކާކުހެއްޔެވެ.
ވަރަށް ސާފުބަހުން ދައުލަތާ ދެކޮޅަށް އާޒިމާ ނުކުމެ ހުރިކަމަށް ރޭގައި ބުނެފިއެވެ. އާޒިމާ ނިކުމެ ހުރީ ހަމަ އެކަނި ދިވެހި ދައުލަތާ ދެކޮޅަށް އެކަންޏެއް ނޫނެވެ. އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއާއި އދއާއި އިޓްލޮސްއާ ވެސް ދެކޮޅަށެވެ. އާޒިމާ ހައިރާން ވާނެ ކަމެއް ނެތެވެ. އަޖައިބުވެސް ވާނެ ކަމެއްނެތެވެ.
ޗާގޯހަކީ އެއްއިރެއްގައި ވެސް ރާއްޖޭގެ ތަނަކަށް ނުވާއިރު އެތަން ރާއްޖޭގެ ސަރުކާރުން އެތަން އެހެން ބަޔަކަށް ދެވޭނެ ގޮތެއް ނުއޮންނާނެއެވެ. މަށަށް ދެވޭނީ މަގޭ އެއްޗެކެވެ. ވެރިއަކު ނެތަސް އަމިއްލަ އެއްޗެއް ނޫނީ ނުދެވޭނެއެވެ. އަނގަފުރާފާ އާޒިމާ ރާއްޖޭން ޗާގޯސް މޮރިޝަސްއަށް ދިނީ އޭ ބުންޏަސް ދިވެހިންނަކަށް އެކަމެއް ނޯޅެއެވެ.
ޔޫއެންގެ ޗާޓްގައި ޗާގޯސް ގައުމެއް ގޮތުގައި ނެތުމުން މޮރިޝަސްއިން ޗާގޯސްގެ މިލްކުވެރިކަމަށް ދައުވާ ކޮށްގެން އެކަން އެވަނީ ކާމިޔާބު ކޮށްފައެވެ. މޮރިޝަސްއިން އެ ދައުވާ ކޮށްގެން އދ މަޖިލީހުގައި ބަހުސް ކުރެވި ޝަރީއަތް ކުރެވުނު އިރު ބާރުގައި ތިބީ އާޒިމާ މެންނެވެ. ތިބީ އަޅާ ނުލާ ނިދާފައެވެ. ރާއްޖޭގެ ތަނެއް ކަމުގައި ޗާގޯސްވާނަމަ އެތަން ހޯދަން މޮރިޝަސް މީހުން ބައިނަލް އަގުވަމީ ކޯޓުތަކާއި އދ މަޖިލީހުގައި މަސައްކަތްކުރިއިރު ރާއްޖޭ އެކަމާ ނޫޅެތިބީ އާޒިމާ މެންނެވެ. އާރާ ބާރުގައި ތިބެއެވެ. ވާނެ ހައެއްޗެއްވެ އަތްނުފޯރާ ހިސާބަށް ދިޔައިމާ ސިޔާސީ ބޭނުމުގައި ހޭރުނަކަސް ދެން ވާނެ ކަމެއް ނުއޮންނާނެއެވެ.
އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ)ގެ ރޫލިންގ އަކުން ޑީކޮލޮނައިޒޭޝަންއެއް ނުނިމެޔޭ ބުނާއިރު ހުރިހާ ގާނޫނީ ހުކޫމާތެއް އޮތީ މޮރިޝަސްއަށް ފަހިކޮށް ނިމިފައެވެ. މާ މޮޅުވާހަކައަކަށް ވެގެން މިއަދާ ހަމައަށް ވެސް މޮރިޝަސްއަށް ޗާގޯސް ހަވާލުކޮށްފައއި ނޯންނާނެ ކަމަށް އެބަ ބުނެއެވެ. މޮރިޝަސްއިން ޗާގޯސް ބޭނުންވެގެން ޔޫއެންއަށް ހުށަހަަޅާފައި ނެތްކަމަށް ވެސް އާޒިމާ އެބަ ބުނެއެވެ.
ރަންކޮޅާ ހަދަހާވާ ގަމާރެވެ. މޮރިޝަސް ބޭނުންވީ ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަން އޮތީ މޮރިޝަސްއަށް ކަން ކަނޑައަޅާށެވެ. އެކަން މޮރިޝަސްއިން ކޮށްފިއެވެ. ޗާގޯސްއަކީ އެމީހުންގެ ތަނެއްކަމަށް އެމީހުން އެއޮތީ ޔަގީން ކޮށްފައެވެ. ޗާގޯސްއާއި ހަވާލުވުމާ ނުވުން އެއީ މޮރިޝަސްގެ އަމިއްލަ ކަމެކެވެ. މޮރިޝަސްއިން ބައިނަލް އަގުވާމީ ކޯޓަކަށް ނުވަތަ އދ މަޖިލީހަށް ހުށަހަޅައިގެން ހަވަލުވާން އުޅޭނީ ހަވާލުވާން އުޅެ އެކަން އެމިހުނަށް ނުވެގެން އުޅޭ ދުވަހަކުންނެވެ. އިގުތިސާދީ ސަރަހައްދުގެ ފުށުއެރުން އޮތުމުން އިޓްލޮސް މެދުވެރިކޮށް އެމައްސަލަ ހައްލު ކުރިހެން ހަވާލުވަން ބޭނުންވީމާ އެކަންވެސް ކުރާނެކަން އާޒިމާއަށް ނޭގުމަކީ ރާއްޖެއަށް ޗާގޯސް ލިބުމަށް އޮތް ހުއްޖަތެއް ނޫނެވެ.