ވަހީދަށް އެންވޯއިކަން ދިނީ އެމްބީއެސް ޖީބަށް ފުންމާލެވޭނެކަމަށް!

ވަހީދަށް އެންވޯއިކަން ދިނީ އެމްބީއެސް ޖީބަށް ފުންމާލެވޭނެކަމަށް!

ރިޔާސީ ކެންޕޭން ތެރޭގައި އަރަބިން ކައިގެން ތިބިއްޔާ ދިވެހިން ތިބޭނީ ކައިގެން ކަމަށް ޑރ. ޝަހީމް ބުންޏެވެ. ޝަހީމް އެހެން ބުނުމުން އަރަބި ގައުމުތަކުން ފައިސާގެ ފުނިވަރުތައް ޝަހީމް ގެނެސްދޭނެ ކަމަށް ޝަހީމަށް ވަޒީރުކަން ދީގެން މުއިއްޒަށް ވީކަމެއް ހަރާމުން ހަރާމެވެ. ވެރިކަމަށް ދެއަހަރުވާން ދާއިރު އެންމެ ސެންޓެއްގެ މިންވަރުވެސް ޝަހީމަކަށް ގެނަހެއް ނުދެވުނެވެ. 

އަނެއްކޮޅުން ހަރިޖީ ވަޒީރުކަން ތެޔޮ ޒަމީރަށް ދީގެން ވީވަރުވެސް އަބްދުއްލާ ހަލީލަށް ހާރިޖީ ވަޒީރުކަން ދީގެނެއް މުއިއްޒަކަށް ނުވިއެވެ. ދުނިޔޭގެ އާޖުފާޖު ނޭނގި ގޭޭ ބުޑުން ސަލާން ޖަހަން ހިނގާ ކުއްޖެއްހެން ހަލީލު އުޅެއުޅެ ވަރުބަލި ވެއްޖެއެވެ. މީހެކޭ ހީވެގެން ލޮލުގެ ކުޑަކޮޅުންވެސް ހަލީލާއި ސައީދާ ދިމާލަށް ބަލައިލާ ގައުމެއް ވެރިއެއް ޖަމާއަތެއް ދުނިޔެއަކުނެތެވެ.

ވެރިކަމަށް އެރިގޮތަށް އަރާ އިންޑިއާއަށް ފުރައްސާރަކޮށް މަވަރެއް ނެތިގެން ދުނިޔެ ރަންވެގެން މުއިއްޒު ސަރުކާރުން އުޅުނުކަން އިންޑިއާ ހަނދާނެއް ނުނެތޭނެއެވެ. މުއިއްޒާއި އޭނާގެ ސަރުކާރަކީ އިންޑިއާއަށް ކަހެރުވަކެކޭވެސް ހީނުވާނެއެވެ. ގޮތް ހުސްވެ އަމިއްލައަށް އިންޑިއާ ފައިބުޑަށް ވެއްޓި ރޮއިހޭރި އާދޭސް ކުރީމާ އޮތް ޒަމާންވީ ރަހުމަތްތެރިކަމާއި ގުޅުމަށްޓަކާ ރާއްޖެ ހާލުގައިޖެހެން އިންޑިއާއިން ދޫކޮށްނުލީ މުއިއްޒުގެ ހާރިޖީ ސިޔާސަތުގެ މޮޅުކަމަކުން ނޫނެވެ. އިންޑިއާއިން މުއިއްޒަށް އިތުބާރު ކުރާތީއެއްވެސް ނޫނެވެ. 

ރާއްޖޭން އިންޑިއާއަށް ދައްކަންޖެހޭ ދަރަނިތައް ފަސްކޮށްދީ އެހީތެރިކަން މިހާރު ހިސާބަކަށް ދިނަސް ކުރިއަށް ދުވަސްތަކުގައި ރާއްޖެ ބޯހިކޭކަށް ނެތެވެ. ބޭރު ގައުމަކުން، ބޭންކަކުން، ޖަމާއަތަކުން އެހީތެރިކަމެއް ހޯދަން އުޅެއުޅެ މުއިއްޒާއި އަބްދުއްލާ ހަލީލާއި ޒަމީރާއި ސައީދު ހަމަރަނގަޅަށް ފެއިލް ވެއްޖެއެވެ. އެހެން ކަމުން ނޭފަތުކުރިއަށް ފެންއެރީމާ ސަލާމަތްވާން ހެދުނު އެއްޗެއް ހަދާނެއެވެ. 

ޑރ. ވަހީދަށް ސްޕެޝަލް އެންވޯއިކަން ދިނީ ގޮތްހުސްވެ ހަތަރު އުދަރެސް ފެނު ޖެހިގެންނެވެ. މުއިއްޒު ސަރުކާރުގައި ދުނިޔޭން ބަލައިގަންނަ ހަމައެކަުވެސް ނެތިގެންނެވެ. ސައުދީ ވަލީ އަހުދު ޕްރިންސް މުހައްމަދުގެ ރެޑްސީ ގްރޫޕްގެ އެޑްވައިޒަރީ ބޯޑު މެންބަރަކަށް ޑރ. ވަހީދު ވާތީ ސައޫދީ ވަލީއަހުދު މުހައްމަދު ބުން ސަލްމާން (އެމްބީއެސް)އާއި މުއިއްޒާ ދެމެދުއަޅާ ފާލަމަކަށް ޑރ. ވަހީދު ހެދީއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދާކަށް ދުވަހު ސައުދީއަށް ކުރެއްވި ދަތުރުގައި 6000 ބިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓް ސައުދީން ހޯދުމުން ޑރ. ވަހީދު މެދުވެރިކޮށް ސައޫދީން ފައިސާގަޑެއް ލިބޭނެ ކަމުގެ ހުވަފެން މުއިއްޒަށް ފެނުނީއެވެ.