ފައިސާ ހޯދުމުގެ އުކުޅުތަކަށް މުއިއްޒު މޮޅު
އެހެން މީހުންނަށް ނުފެނުނު ކިތަންމެ މަގެއް ރައީސް މުޢިއްޒަށް ފެނިވަޑައިގަންނަވާ
މާލޭގައި ހިރިނުލެވޭ ވަރަށް ވެހިކަލް ގިނަވެގެން ދިޔަޔަސް ޕާކް ކުރަން އޮތީ ހަމަ މާލޭގެ މަގުތަކެވެ. އޭގެ އެންމެ އުޅަނދެއްވެސް ޖައްވު ތެރޭގައި ޕާކެއް ނުކުރެއެވެ. އޮތިއްޔާ އޮތީ ހަމަ މަގުތަކުގެ އަރިމައްޗެވެ. ސަރުކާރުތައް އައިސް ގޮސް މޭޔަރުން ބަދަލުވެ ދިޔައިރުވެސް މިކަމުން ފަސޭހައެއް ނުވާތަނުގައި ދެން ނެގެން އޮތް އެޑްވާންޓޭޖް ނަގަން އެނގުނު މޭޔަރަކީ މުއިއްޒެވެ.
ދެމެން އޮތް ތަނެއްގައި ރޮނގެެއްދަމާ ނަމްބަރެއް ޖެހުމަށް ފަހު ޕާކް ކުރާ މީހުން ސިޓީ ކައުންސިލަށް ފައިސާ ދައްކަންޖެހޭ ގޮތަށް ގަވާޢިދު ބަދަލުކޮށްލީ ޑރ. މުޢިއްޒެވެ. ކުރިން އެންމެ ރުފިޔާ އެއްވެސް ނުލިބޭ މާލޭގެ މަގު ތަކުން ކޮންމެ މަހަކު އެތައް މިލިއަން ރުފިޔާއެއް ސިޓީ ކައުންސިލަށް ލިބޭ ގޮތް ހެދިއެވެ. ފާޑު ކިޔާ މީހުން އަންނަ ރުޅީގައި މުއިއްޒު މާލޭގެ މަގުތައް ވިއްކާލީއޭ ކިޔައެވެ.
އެރޮނގު ނުދަމާ އެފައިސާ ނުނަގާ ކުރިންވެސް އޮތްގޮތަށް މަގުތައް ބޭއްވިޔަކަސް ވާފަސޭހައެއް ލިބޭ ލުޔެއް ނޯވެއެވެ. ދުއްވަ ދުއްވާ ފައިވެސް ގޮސް އެމީހަކަށް ލިބުނު ޖާގައެއްގައި އެމީހަކު ހިތަށް އެރިތާކު ޕާކް ކުރަނީ ހަމަ މާލޭ މަގުތަކުގައެވެ. ދަމާލި ރޮނގަކުން އެތައް މިލިއަނަކުން ފައިސާ ނެގޭނެ ވިސްނުން ހުރި މޭޔަރަކަށްވީ މުޢިއްޒެވެ.
ޚާއްޞަކޮށް މާލެ ޞަރަހައްދުގެ ބިމަކީ ރަނެވެ. ތިލަފަޅަށް ވެލިއަޅާ ހިއްކާ ލުމުން އެއީ ދައުލަތަށް ފައިސާ ހޯދޭނެ އެންމެ ކުރުމަގެވެ. ހިއްކާ ބިމުން ދިގުމުއްދަތަށް ޖާގަ ދޭން ސަރުކާރުން އެއްބަސް ވީމާ ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރުގެ އޯނަރުވެސް އުފަލުން ހޭނެތިގެން ހުރެ ބިން ހިއްކައިދޭން އެއްބަސްވާނެ ދުނިޔޭގެ އެއްތަނަކީ މާލެ ސަރަހައްދެވެ. މުޅިބިން ހިއްކައިދިނުމުގެ އަގަށް އެބިމުން ބައެއް ޑްރެޖަރުގެ އޯނަރަށް ދިގު މުއްދަތަށް ދިނީމާ ފައިސާ އޮހޭނެކަން އޭނާއަށް އެނގޭނެއެވެ.
ބަލަން ތިބޭށެވެ. އަތުން ބޮޑުލާރިއެއް ނުދީ އެބޮޑު ފުށިދިއްގަރުފަޅު މުއިއްޒު ހިއްކާނީ މިބުނި މޮޑެލް އަށެވެ. އެއީ ދައުލަތަށް ގާތްގަނޑަކަށް ހިލޭ ލިބޭ ފިސާރި ބޮޑު ބިމަކަށް ވާނެއެވެ. އެތަނުގެ ބީޗް ފްރަންޓް ހުރިހާ ބިމެއް ބޮޑުއަގުގައި ވިއްކަން ފެށީމާ ސަރުކާރަށް ފައިސާ އޮހެން ފަށާނެއެވެ. ވިއްކާބިން ނުލާވެސް ރައްޔިތުންނަށް ގޯތި ދޭނެ ބިން ރަށުތެރޭގައި ކިތަންމެ ވަރަކަށް ވެސް އޮންނާނެއެވެ.
ވެލާނާ އެއަރޕޯރޓްގެ އާޓަރމިނަލްގައި މިހާރު ނުނިމިހުރި މަސައްކަތް ވީހާ އަވަހަށް ނިންމަން މުއިއްޒު އަމާޒު އެހިފަނީ ރަނގަޅަށް ހިސާބު ޖަހައިގެންނެވެ. އެޓަރމިނަލް ނިންމާ ފުށިދިއްގަރުފަޅު ހިއްކީމާ ހާސްކަމެއް ނެތް އާމްދަނީ ދައުލަތަށް ލިބެން މާގިނަ ދުވަހެއް ނުނަގާނެއެވެ.
ވެރިކަމަށް އަންނާނެ މަގުވެސް މުއިއްޒަށް ފެނުނީ އެހެންމީހުންނަށް ނުފެންނަ ކިތަންމެ އެންގަލް އަކުންނެވެ. ހަމަ އެގޮތަށް ފައިސާ ހޯދަން ވެސް، އެހެން މީހުންނަށް ނުފެނުނު ކިތަންމެ މަގެއް ރައީސް ޑރ. މުހަންމަދު މުޢިއްޒަށް ފެނިވަޑައިގަންނަވައެވެ. ނިންމާލަމުން ބަހުރުވަ މާތްކޮށްލީ ހަމަ ގަސްތުގައެވެ.