ރިސޯޓް މުއައްޒަފުނަށް ޗުއްޓީ ދެދުވަސް: ސިޔާމަށް ހަޖަމެއްނުވި

މަސައްކަތްތެރިންނަށް ހައްގު ހޯއްދަވާ ދެއްވުމުގާ ރައީސް ހުންނެވީ ދޫދެއްވާ ގޮތަކަށްނޫން

ރިސޯޓް މުއައްޒަފުނަށް ޗުއްޓީ ދެދުވަސް: ސިޔާމަށް ހަޖަމެއްނުވި

ރިސޯޓް ތަކުގައި ވަޒީފާ އަދާކުރާ މުއައްޒަފުންނަށް ހަފްތާއަކު ދެ ދުވަހުގެ ޗުއްޓީއެއް ދޭންޖެހޭ ގޮތަށް ރައީސް ސޯލިހު ހަމަޖެއްސެވުމަކީ ރިސޯޓް އޯނަރުންގެ ގިނަ ބަޔަކާއި މެނޭޖުމަންޓްތަކަށް ހަޖަމު ކުރެވުނު ކަމަކަށް ނުވިއެވެ. އެކަމާ އެންމެ ބޮޑު ހިތްހަމަ ނުޖެހުމެއް ފާޅުކުރެއްވި ރިސޯޓް އޯނަރަކީ ސަން ޝިޔާމް ކަމަށް މުއުތަބަރު ގޮތެއްގައި މައުލޫމާތު ލިބިފައިވެއެވެ. 

ރައީސް ސޯލިހު ދެވަނަ ދައުރަކަށް ރައީސް ކަމަށް ކުރިމަތިލެއްވުމަށް ނިންމެވުމުން ރައީސް ސޯލިހާ ކޯލިޝަން ހެއްދެވި އެމްޑީއޭގެ ލީޑަރ އަހުމަދު ސިޔާމް މުހައްމަދު ހެއްދެވި ކޯލިޝަނާ ވަކިވެވަޑައިގެން އެއް ސަބަބެއް ކަމުގައި ރިސޯޓް މުއައްޒަފުންނަށް ދެ ދުވަހުގެ ޗުއްޓީ ދެއްވުމަށް ރައީސް ނިންމެވި ނިންމެވުން ހިމެނެއެވެ. ކޯލިޝަނާ ވަކިވެ ވަޑައިގަތުން އިއުލާނު ކުރުމުގެ ކުރީން ސިޔާމް ރައީސް އޮފީހަށް ވަޑައިގެން އެކަމުގެ ހިތް ހަމަ ނުޖެހުން ފާޅުކުރައްވާ ކޯލިޝަނުން ވަކިވެ ވަޑައި ގަންނަވާނެ ކަމުގެ އިންޒާރު ރައީސް އޮފީހުގެ އިސްވެރިއަކަށް ދެއްވިއެވެ. 

ރިސޯޓް ތަކުގައި ވަޒީފާ އަދާކުރާ ކޮންމެ މުއައްޒަފަކަށް ހަފްތާއަކު ދެ ދުވަހު ޗުއްޓީ ދޭން ޖެހުމަކީ އިތުރު މުއައްޒަފުން ހޯދަން ޖެހޭނެ ކަމެއް ކަމަށާއި މުއައްޒަފުންނަށް ވަކިކަހަލަ ކަންތައް ތަކެއް ކޮށްދިނުން ލާޒިމުކުރާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ސިޔާމް ވިދާޅުވި ކަމަށްވެއެވެ. މިހާރުވެސް މިނިމަމް ވޭޖް ދޭންޖެހުމުން ބޮޑެތި މާލީ ތަކުލީފް ތަކެއް ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަނެއްކޮޅުން ސާރވިސްޗާޖް ފިކްސް ނުކޮށް ދޭންޖެހުމާއި ގަވައިދުން ޗުއްޓީއަށް ފޮނުވަން މަޖުބޫރުވެފާ ވުމަކީވެސް ބަލައިގަންނަ ކަންކަން ނޫންކަމަށް ވިދާޅުވެ ނުރުހުން ފާޅުކުރެއްވި ކަމަށްވެއެވެ. މުއައްޒަފުންގެ އެކަމަޑޭޝަނަށާއި ކެއުމަށާއި ރިކްރިއޭޝަނަށް ރިސޯޓްތަކުން ބޮޑު ހަރަދެއް ކުރަން ޖެހޭތީ އެކަމާވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް މައުލޫމާތު ދެއްވި ބޭފުޅާ ޔަގީން ކަމާއެކު ވިދާޅުވިއެވެ. އެކަންކަން އެހެން ހުއްޓާ އަނެއްކާ ކޮންމެ މީހަކަށް ހަފްތާއަކު ދެ ދުވަހުގެ ޗުއްޓީ ދޭން ޖެއްސި ޖެއްސުން ބަލައި ނުގަނެވޭ ކަމަށް ސިޔާމް ވިދާޅުވި ކަމަށްވެއެވެ. 

މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކޮށް މަސައްކަތްތެރިންނަށް ހައްގު މިންވަރު ހޯއްދަވާ ދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގައި ރައީސް ހުންނެވީ ދޫދެއްވާ ގޮތަކަށް ނޫނެވެ. ކޯލިޝަން ޕާޓްނަރެއް ނުވަތަ އެހެން މީހަކު ނުރުހުން ވިޔަސް ރިސޯޓް ތަކުގައި މަސައްކަތް ކުރާ މުއައްޒަފުންނާ އެހެނިހެން މަސައްކަތްތެރިންނަށް ލިބިދޭން ޖެހޭ ބެނެފިޓެއް ނުލިބޭނެ ގޮތަކަށް އެއްވެސް ކަމެއް ރައީސް ކޮމްޕްރަމައިޒް ނުކުރައްވާނެ ކަމަށްވެއެވެ. ނަތީޖާއެއްގެ ގޮތުން ޝިޔާމްމެން ފަދަ ކޯލީޝަން ޕާޓްނަރުންނާ ވިޔަފާރިވެރިންގެ ބައެއް މީހުންގެ ނުރުހުމާ ކުރިމަތިވެ ވަޑައިގަންނަވާނެކަމަށް ރައީސް ގަބޫލުފުޅު ކުރައްވައެވެ. 

ސަންސިޔާމާއި އެނޫންވެސް ބައެއް މަހުޖަނުން މުއިއްޒަށް ތާއީދު ކުރައްވަނީ މުއައްޒަފުންނަށް ބެނެފިޓްތަކާއި ލީވްތައް ދިނުން މަޖުބޫރު ނުކުރުވުން ޝަރުތުކޮށްފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.