ކުރިން ދިން ވޯޓު ނުވި އާރުސީސީއެއް ފަހަކުން ވެސް ނުވާނެ!

ކުރިން ދިން ވޯޓު ނުވި އާރުސީސީއެއް ފަހަކުން ވެސް ނުވާނެ!

އެމްޑީޕީއަށް ވެރިކަން ގެއްލި ބަލިކަށިވީ އެންމެ ބަލިކަށިވީ ވަގުތު އެމްޑީޕީއަށް ވަދެ ނުފޫޒާ ބާރާދެކޮޅަށް މާލެ ސިޓީގެ މޭޔަރުކަން އެމްޑީޕީއަށް އާދަމް އާޒިމް ހޯދާދިނެވެ. އެމްޑީޕީގެ ޓިކެޓްގައި މާލެ ސިޓީގެ ކައުންސިލަރކަމަށް ހޮވުނު ކައުންސިލަރުންތައް މަގާމުގެ ހުވާ ކުރުމުގެ ކުރިން ވެރިކަން ކުރާ ޕީއެންސީއަށް ސޮއިކުރުމުންވެސް އާދަމް އާޒިމް ހުރީ އެމްޑީޕީގެ ދިފާއުގައި ކަމަރު ބަނދެގެން ޕާޓީ ބަދަލު ނުކޮށެވެ.

ފަސޭހަ މޮޅުގޮތް ބޭނުންވިނަމަ މާލެސިޓީ ކައުންސިލްގެ މެޖޯރިޓީއާއި އެއްގޮތަށް ޕާޓީ ބަދަލުކޮށްލައިގެން ހިހޫ ތަނުން ކާލައިގެން އާދަމް އާޒިމަށް ވެސް ހުރެވުނީހެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮތް މާލެ ސީޓީކައުންސިލްގައި ހުރި ބޮޑެތި ގޮންޖެހުންތައް ހައްލުކުރަން އާދަމް އާޒިމް މަސައްކަތް ކުރީ އެމްޑީޕީއަށް ވަފާތެރިވެ ހުރެއެވެ. އުދަނގޫ ނަމަވެސް އާދަމް އާޒިމް ހިޔާރުކުރީ އެމްޑީޕީގެ މަސްލަހަތެވެ. އެމްޑީޕީގެ ކުރިއެރުމެވެ. އާދަމް އާޒިމް އިސްކަން ދެނީ ތެދުވެރި ހިދުމަތަށެވެ. 

އެމްޑީޕީގެ ޓިކެޓްގައި ފުރިހަމަ ފަސް އަހަރު މާލެސީޓިއަށް ހިދުމަތްކުރަން އަލުން ނިކުތުމަށް އާދަމް އާޒިމް ނިންމުމާއެކު އާދަމް އާޒިމަށް ދޭ ވޯޓަކީ އެމްޑީޕީއަށް ދޭވޯޓެއް ނޫންކަމަށް ބުނެ އެމްޑީޕީގެ ތެރޭގައި ބަޔަކު އެބަ އަޑުފަތުރައެވެ. އާދަމް އާޒިމަށް ދޭ ވޯޓަކީ އާރުސީސިއަށް ދެވޭ ވޯޓެއް ކަމަށް ދައްކަން މަސައްކަތް އެބަކުރެއެވެ. އާދަމް އާޒިމް އެމްޑީޕީގެ ޓިކެޓްގައި މާލޭ މޭޔަރުކަމަށް އިންތިހާބު ކުރިއިރުވެސް އާރުސީސީ އޮތެވެ. ބޭބެ ކާނަލް ނާޒިމް ހުރީ މުއިއްޒަށް ބައިއަތު ހިފައިގެންނެވެ. އޭރަކު މާލޭ މޭޔަރުކަމަކީ އާރުސީސީއަށް ހޯދާ ދެވުނު އެއްޗަކަށް ނުވިއެވެ. އެކަމަކު އެމްޑީޕީ ރޫޅާލަން ނިކުތް މީހުން އެނބުރިއައިސް އޭގެން މީހަކު މޭޔަރުކަމާ ހިފަންވީމާ މިހާރު އެމްޑީޕީގެ ޓިކެޓްގައި އާދަމް އާޒިމް މާލޭ މޭޔަރަކަށް ހޮވުމަކީ އާރުސީއަށް ހޯދާދެވޭ ގޮނޑިއެއް ކަމަށް ވާންޖެހޭ ސަބަބެއް ނެތެވެ.  

އަނެއްކޮޅުން ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ރައީސް މުއިއްޒު އަތް ގަދަކޮށްފައި އޮތްވަރުން މާލެސިޓި މޭޔަރު ކަމުގައި ޑރ. މުއިއްޒު ހިންގާފައިވާ ޖަރީމާތައް މުއިއްޒުގެ މެޖޯރިޓީ ކޮންޓްރޯލް އޮތް ސިޓީ ކައުންސިލްގައި ނުބެލި އޮތުމަކީ އާދަމް އާޒިމްގެ މައްސަލައެއް ނޫނެވެ. މައްސަލަތައް ބަލަން މޭޔަރުގެ ހައިސިއްޔަތުން ހުށަހެޅޭ ގޮތަށް ހުރިކަންކަން ކަމާބެހޭ އިދާރާތަކަށް އާދަމް އާޒިމް ހުރީ ހުށަހެޅިފައެވެ. ކައުންސިލުން ފާސްކޮށްގެން ނޫނީ ނުބެލޭ ގޮތަށް ހުރި ކަންކަން ބެލޭނީ ކައުންސިލުން ފާސްކޮށްގެންނެވެ. ކަންކަން އޮޅުވާލަން ނޫޅޭށެވެ.

ޑރ. މުއިއްޒުގެ މޭޔަރކަމުގައި ހިންގާފައިވާ ޖަރީމާތައް ނުބެލޭކަމަށް ވާހަކަ ދައްކާއިރު އެގެންޖެހޭ އެއްކަމަކީ މުއިއްޒާ ގުޅުންހުރި އެއްވެސް މައްސަލައެއް ބެލޭ އެއްވެސް ތަނެއް ރާއްޖޭގައި ނެތްކަމެވެ. އޮޑިޓް އޮފީހެއް އޭސީސީއެއް ފުލުހެއް ކޯޓެއް ކިޔާނެކަމެއް ނެތްތާއެވެ. ކަންކަން އެހެން އޮތް އިރެއްގައި މައްސަލަތަކުގެ ތެރޭގައި ތާށިވެގެން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައްނުދީ ހަނު ހުރުމަކީ އާދަމް އާޒިމުގެ ތޮބީއަތެއް ނޫނެވެ. އެހެންކަމުން ރައްޔިތުންނާ ގުޅުން ހުރި ހިދުމަތްތައް ދިނުމަށް އާދަމް އާޒިމް ހާއްސަ އިސްކަމެއް ދިނެވެ. އެކަމުގެ ހެޔޮ ނަތީޖާ މާލެސިޓީން މިއަދު އެބަފެނެއެވެ. ހުސްވާހަކަ ދައްކާ މީހަކާއި އަމަލުން ނަތީޖާ ދައްކާ މީހަކާ އުޑާބިމާހާ ތަފާތުވާނެކަން އެމްޑީޕީ މެންބަރުންނަށް އެނގޭނެއެވެ.