މާލޭގައި ދިރިއުޅޭ ރަށްރަށު މީހުންނާ ރައީސް ބައްދަލެއް ނުކުރާނެ؟

މާލޭގައި ދިރިއުޅޭ ރަށްރަށު މީހުންނާ ރައީސް ބައްދަލެއް ނުކުރާނެ؟

މާލެ މާލެއަކަށްވީ އަތޮޅުތެރެއިން މީހުން މާލެ އައިސްގެން ކުރި މަަަސައްކަތުންނެވެ. މާލޭގައި ހއ އިން އައްޑޫއަށް ނިސްބަތްވާ މީހުން ގިނައެވެ. ހއ ތުރާކުނުން މުއިއްޒުގެ ރަށް ވަށަފަރު ހިމެނޭހެން އައްޑުއަތޮޅު ގަމާއި ހަމައިން މުޅި ރާއްޖެއިން އެކި ބޭނުންތަކުގައި މީހުން އައިސް އުޅެ ކުރިހާ ކަންކަމުންނެވެ.

އެކި ރަށުން މާލެއަށް މީހުން އައީވެސް ކަންތައްތަކަކާ ހުރެއެވެ. އެކިއެކި ޒަރޫރަތްތައް ފުއްދުމަށެވެ. ބައެއް މީހުން ވިޔަފާރި ފަށައިގެންނެވެ. ދަރިންނަށް ތައުލީމު އުނގަންނައިދޭށެވެ. އަނެއްބަޔަކު ވަޒީފާއެއްގެ ބޭނުމުގައެވެ. ބޭސް ފަރުވާ ކުރެވެން އޮތް ހަމައެކަނި ތަނަކީ މާލެ ކަމުގައި ވުމުންނެވެ.

މާލެއަކީ ރާއްޖޭގެ ކެޕިޓަލް ސިޓީއެވެ. ރާއްޖޭގެ އެހެން ރަށްރަށުގައި ނެތް އެތައް ފުރުސަތު ތަކެއް މާލޭގައި އޮވެއެވެ. އަތޮޅުތެރެއިން މާލޭގައި އުޅޭ ހިތުން އަންނަ މީހަކު މަދުވާނެއެވެ. މާލޭގައި ދިރިއުޅޭ ވަށަފަރު މީހާގެ ވެސް ބޭނުންތަކެއް ވާނެއެވެ. އެ މީހުން ހޯދަން ޖެހެނީ ހަމައެކަނި ވޯޓު ކަރުދާހުގައި ކުޑަ ކާފެއް ކުރަހާކަށް ނޫނެވެ.

ތުރާކުނު މީހާއިން ފެށިގެން އައްޑުއަތޮޅަށް ނިސްބަތްވާ އެތައް ހާސް ބަޔަކު ދަތި ހާލުގައި ވެސް ދިރި އުޅެނީ މި ފުރަ މާލޭގައެވެ. މާލޭގައި ހާލުގައި ދިރިއުޅޭ އަތޮޅުތެރޭގެ އެތައްހާސް ބަޔަކު އުޅެއެވެ. މުއިއްޒު ރެކޯޑް ހަދަން މާލޭގެ ރައްޔިތުންނާއި ބައްދަލު ކުރާ ފަދައިން، މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ މީހުންނާއި ބައްދަލު ކުރަންޖެހޭ ކަމަށް ދެކެމެވެ. އެ މީހުންގެ އުދާސްތައްވެސް ބައިބަޔަށް ބަހައިގެން އަޑު އަހާލަން ވާނެއެވެ. ވަރަށް ވާހަކަ އޮންނާނެއެވެ. ފަހަރުގައި ވިއްކާލާނެ ރަށެއްވެސް ހުސްވެދާނެއެވެ.

މާލޭ އަވަށްތަކާއި ވިޔަފާރި ވެރިންނާއި ބައްދަލު ކުރި ފަދައިން ރިސޯޓު ކުދިންނާއި ފަތުރުވެރި ދާއިރާގައި މަސައްކަތްކުރާ ކުދިންގެ އުދާސްތައް ވެސް އަހާ ނުލައެއް ނުވާނެއެވެ. ތިޔަކުރާ ބައްދަލު ކުރުންތަކުގެ ކޮންމެވެސް ހިސާބެއްގައި ކުރީގެ ރައީސުންނާ އެކުގައިވެސް ހުޅުވާލެވިފައިވާ ބައްދަލުވުމެއް ބާއްވާ ލައްޗެވެ. ކޮށިއަރުވާލާނެތީ ނުކެރޭނެދޯއެވެ. 

މިހާތަނަށް ބޭއްވި ބައްދަލުވުންތަކުން އެނގުނީ ވިހި ބާވީސް މިނިސްޓްރީ ހަދައިގެން ކޮށްދެވުނު ކަމެއް ނެތްކަމެވެ. ވަޒީރުންގެ ނާގާބިލު ކަމެވެ. ތިބި ވަޒީރުން ވަކިކޮށް ހިންގުން އޯވަރހޯލް ކުރަން ޖެހިއްޖެކަމެވެ. އެސްއޯއީތަކަކީ ބޭކާރު ތަންތަން ކަމެވެ. މުއިއްޒާއި މުއިއްޒުގެ މުޅި ސަރުކާރު ފޭލިވެފައިވާ ކަމެވެ.