ގަސްތުގައި މުދާ އަގުބޮޑުކުރުން ހުއްޓުވާނަން: ސަރުކާރު
އަގުބޮޑުކުރަނީ ސަރުކާރާ މެދު ނަފްރަތު އުފެއްދުމުގެ ބޭނުމުގައި
ޚާއްޞަކޮށް ރަށްފުށުގެ ބައެއް ގިނަ ކުދި ފިހާރަ ތަކުން ސަރުކާރަށް ޖެއްސުމަށް ގަސްތުގައި މުދާ އަގުބޮޑު ކުރާކުރުން ހުއްޓުވަން ސަރުކާރުން ނިންމި ކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.
ރަށްފުށުގައި ހުންނަ ބައެއް ފިހާރަތަކުން ގަސްދުގައި މުދާ އަގުބޮޑުކޮށް ވިއްކަމުން ދާކަމަށްވެއެވެ. ގަސްދުގައި މުދާ އަގުބޮޑުކޮށް ވިއްކަމުންދާ ގިނަ ފިހާރަ ތަކަކީ އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ތެރޭން އުފަންވި ފިހާރަ ތަކެއް ކަމަށްވެއެވެ. އެފަދަ ފިހާރަތަކުގެ ގިނަ ބޮޑު ސޭޓުންނަކީ މިހާރު އޮތް ސަރުކާރާ ދިމާ އިދިކީލި މީހުންނެވެ. އެފަދަ ސޭޓުން އެއްދޮނުގައި ދެބުޅި ޖަހަމުން އޭގެފައިދާ ނަގަމުން ދާތާ ކިތަންމެ ދުވަހެކެވެ.
2%ގެ ޖީއެސްޓީގެ ނަން ބޭނުން ކޮށްގެން ރަށްފުށުގައި މީހުން ބޭނުން ކުރާ ޢާންމު ޒަރޫރީ މުދަލުގެ އަގު އެ މީހުން އެތައް ގުނައެއް ބޮޑު ކުރުމަށްފަހު މުދާ ގަންނަން އަންނަ ނިކަމެތިން ގާތު ބުނަމުން ދަނީ މިއީ ސަރުކާރުން ޖީއެސްޓީ ބޮޑު ކުރީމާ ވާގޮތް ކަމަށެވެ. އަދި އޭގެ ފަހަތުން ވެސް އެ މީހުން ކައިރީ ރައީސުލްޖުމްހޫރިއްޔާ އާ އިކޮނޮމިކް މިނިސްޓަރ އާއި ސަރުކާރާ ގުޅޭ ގޮތުން އިންތިހާ ދަރަޖައިގެ ބުހުތާނު ދޮގުވާހަކަ ދައްކަމުންނެވެ.
"މިހާރު މިދަނީ އެފަދަ ފިހާރަތަށް ފާހަގަ ކުރަމުން. ބައެއް ސޭޓުން ދައްކާ އެފަދަ ވާހަކަ ތަކުގެ ވީޑިއޯ އަދި އޯޑިއޯ ރެކޯރޑިން ވެސް ލިބިފަ އެބަހުރި. މިކަން އަޅުގަނޑުމެން ހުއްޓުވާނަން. ކޮންމެހެން ކުރަން ޖެހިއްޖެ ހިނދެއްގައި އެ މީހުންގެ ހުއްދަ ވެސް ބާތިލް ކުރާނަން" މިނޫހާ ވާހަކަ ދެއްކި ސަރުކާރުގެ މަސްއޫލް ވެރިއެއް ވިދާޅުވިއެވެ.
ސަރުކާރާ މެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފެއްދުމުގެ ބޭނުމުގައި ހިތުހުރި އަގަކަށް މުދާ އަގުބޮޑު ކުރުމުގެ ތަކްލީފް ރައްޔިތުންނަށް އޮތް ކަމުގެ ޝަކުވާ އަތޮޅު ތަކުގެ ތެރޭގައި ބޮޑެވެ.