ފަނޑިޔާރުން ގުރުބާންކުރިޔަސް ސްޕްރީމްކޯޓަށް އޯކޭ

އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ވާހަކަ ދެއްކުމެއް ނެތެވެ. ނެތް މައްސަލަ ތަކެއް އުފައްދައިގެން ސިޔާސީ ބޭނުމުގައި ސްޕްރީމް ކޯޓްގެ 3 ފަނޑިޔާރުން ސަސްޕެންޑް ކުރިޔަސް ސްޕްރީމް ކޯޓަށް އެކަމަކީ މައްސަލައަކަށް ނުވެއެވެ. ސްޕްރީމް ކޯޓުގެ ފުލް ބެންޗުން ނިންމި މައްސަލައަކާ ގުޅިގެން ރައީސް މުއިއްޒުގެ ނުފޫޒުން ސްޕްރީމް ކޯޓް ވާގި ނައްތާލުމުންވެސް ސްޕްރީމްކޯޓްގެ އަނެއް 4 ފަނޑިޔާރުން އެތިބީ ހިނި އައިސްފައެވެ.
7 ފަނޑިޔާރުންގެ ބެންޗް 5 ފަނޑިޔާރުންނަށް ބަދަލުކުރިޔަސް އެ ހަތަރު ފަނޑިޔާރުންނަށް ބެންޗްގައި ތިބެވޭނެ ކަމަށް ހީވަނީތާއެވެ. ގަޔަށް އަތްލާ ގުނަންތައް ވަކިކޮށް ނޮޅާލާއިރުވެސް އަމިއްލަ ދިފާއުގައި ޗުއްޕުވެސް ބުނެނުލާ ތިބޭނީ ކިހާވަރަކަށް ދަށުވެފައި ތިބީމާހެއްޔެވެ. ތިމާމެންގެ އަމިއްލަ ނިންމުން ދިފާއުކުރަން ސްޕްރީމް ކޯޓުން ނޫޅެ ހަނު ތިބުމުން އެނގިގެން ދަނީ ރާއްޖޭގައި މިހާރު ސްޕްރީމް ކޯޓެއްވެސް ނެތްކަމެވެ.
މިފަހަރުވެސް ސްޕްރީމް ކޯޓުން އެ ހަދަނީ ރައީސް ޔާމީނު ވެރިކަމުގައިވެސް ހެދިއެއްޗެވެ. އެ ފަހަރުވެސް ފުލް ބެންޗުން ނެރުނު އަމުރާ ގުޅިގެން ގުރުބާން ކުރީ އަބްދުއްލާ ސައީދާއި އަލީ ހަމީދުއެވެ. 2 ފަނޑިޔާރުން ގުރުބާން ކޮށްފައި ފުލް ބެންޗުން ނެރުނު އަމުރު ޔާމީނު ބޭނުންވި ގޮތަށް އޮޅާލަދީގެން ބާކީ ތިބި މީހުން ބެންޗް ކަށަވަރުކުރީއެވެ.
މިފަހަރުވެސް ކަންވީ ހަމަ އެހެންނެވެ. ރައްޔިތުން މަޖިލީހުގެ މެންބަރުން ވަކިކުރުމުގެބާރު ގާނޫނު އަސާސީން ސިޔާސީ ޕާޓީއަށް ދިން މައްސަލަ ސްޕްރީމް ކޯޓުން ބެލޭނެކަމަށް ނިންމީ ހުސްނުއްސުއުދާއި އަޒްމިރަލްޑާއާއި މަހާޒާ 3 މީހުން އެކަންޏެއްނޫނެވެ. ސްޕްރީމް ކޯޓްގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ މައްސަލަ ސްޕްރީމް ކޯޓުން ބަލަން ނިންމުމަކީ ބޮޑުފާފައަކަށް ވެގެން މުއިއްޒާއި އުޝާމާއި ގުރައިދޫ ކުޑަ ރިޒާ ބޭނުން ވިގޮތަށް މައްސަލަ އުފައްދައިގެން 3 ފަނޑިޔާރުން ސަސްޕެންޑްކޮށް އެއޮތީ މައްސަލަ ހިނގުން ހުއްޓުވާފައެވެ. މިފަހަރު ގުރުބާން މިކުރެވެނީ ހުސްނުއްސުއުދާއި އަޒްމިރަލްޑާއާއި މަހާޒެވެ. ސަސްޕެންޑް ކުރި އެ ތިން ފަނޑިޔާރުންނަށް ސްޕްރީމް ކޯޓުގެ ބެންޗުން ދެނެއް ނުފެންނާނެއެވެ. އެހެނެއްކަމަަކު އެނިންމުން ނިންމުމުގައި ބައިވެރި އެހެން ފަނޑިޔާރުން އެތިބީ ބެންޗްގައި ދަނޑިމަތި އަނބުރާށެވެ.
ސްޕްރީމް ކޯޓުގެ ބާރު ކަނޑުވާލުމުންވެސް ސްޕްރީމްކޯޓަށް ކުރެވުނު ކަމެއްނެތެވެ. މުއައްސަސާގެ ދިފާއުގައި ޗުއްޕުވެސް ބުނެނުލެވުނެވެ. 7 ފަނޑިޔާރުން ތިބެންޖެހޭ ތަނެއްގައި 4 ފަނޑިޔާރުން ތިބެގެން ޝަރީއަތްތައްކޮށް އަންބާކިޔާފައި އެތިބަ އުޅެނީއެވެ. އެހެން ތިއްބާ ބަލި ބުޅާގަނޑެއްހެން ކަންފަތުގައި ހިފާ ބޭރުކޮށްލީމާ މުއިއްޒު ނުބައިވެގެން އުޅެގަންނާނެއެވެ. އާރާ ބާރުގައި ތިބޭއިރު މުއިއްޒުގެ ނުފޫޒުން މުޅި ޖުޑިޝަރީ ފުޑާލާއިރުވެސް ތިބެނީ ދެނެހުރި ކަމަށް ނުހަދާ ބޮޑު މުސާރައާއި ހައިބަތާއި ކާރަށްޓަކައި ލޯމަރައިގެންނެވެ.