ރައީސުލްޖުމްހޫރިއްޔާ ފެންވަރުގައި އިތުރު ރައީސެއް!!

115 ވަނަ މާއްދާއިން ރައީސަށް ލިބިދޭ ބާރުން ބާރު ލިބިގެން ދައުލަތް ރޭޕް ކޮށްލަނީ

ރައީސުލްޖުމްހޫރިއްޔާ ފެންވަރުގައި އިތުރު ރައީސެއް!!

ވަޒީރުންގެ މައްޗަށާއި ތިރިއަށާއި އަރިއަރި މައްޗަށް ވަޒީރުން ލައިގެން އެތެރޭގައި އެއްޗެއްނެތް ހޮޅި ސަރުކާރެއް މުއިއްޒު އުފައްދައިފިއެވެ. މަތި ހޮޅީކަމެއް މަތި ބަރީކަމެއް މަތި ލުއީކަމެއް ނޭނގެއެވެ. ހޮޅި ސަރުކާރު ވެއްޓިދާނެތީ ވަށައިގެން މުޑި ވިއްދަނީ ތިޔަ ހެންނަކުން ނޫނެވެ.

މުއިއްޒު ސަރުކާރާ ގުޅުމެއް އޮތް ގެއެއްގެ ތެރެއަށް ވަދެލެވުނަސް ސަހަރޯ ހީވެއެވެ. އެކަކީ ވަޒީރެކެވެ. ވަޒީރުގެ ބައްޕައާއި ބޭބެއަކީ ވަޒީރުން ފެންވަރުގެ ބޭފުޅުންނެވެ. އަނބި މީހާއަކީ ސްޓޭޓް މިނިސްޓަރެކެވެ. މަންމައާއި ދައްތައަކީ ސްޓޭޓް މިނިސްޓަރ ފެންވަރުގެ ސެކެރެޓެރީންނެވެ. ކޮއްކޮއިންނަކީ ޑެޕިއުޓީ މިނިސްޓަރުންނެވެ. ޅިޔަން ފަހަރިންނަކީ ކުންފުނީތަކުގެ އެމްޑީން، ޑީ އެމްޑީންނެވެ. ދުރުތާ ތިމާގެ މީހުންނަކީ ބޯޑްތަކުގެ މެންބަރުންނެވެ. ބޭރުގައި ކިޔަވަން ތިބި ދަރިންނާއި އެދަރިންގެ ރައްޓެހިން ތިބީ އެންބަސީތަކުގެ އެކިވަރުގެ ވެރިންގެ ގޮތުގައެވެ.

ސަމާސާއެއް ގޮތުގައި މިގޮތަށް އެއް ގެއެއްގެ ތެރެ ސިފަކޮށްދިން ކަމަށް ވިޔަސް މިއްޔަކީ ސަމާސާ ވާހަކައެއް ނޫނެވެ. މިއަދު ގައުމުގެ ހާލަތަކީ އެއީނޫން ހެއްޔެވެ. ޑރ. މުއިއްޒު ސަރުކާރުގެ ހާލަތަކީ އެއީއޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ބަޔަކަށް ކުރިއެރުން ތަކެއް ލިބިގެނެއް ކަންބޮޑެއް ނުވެއެވެ. ކަންބޮޑުވުމަކީ ދިވެހި ދައުލަތަކީ ބަޔަކަށް ލިބުނު ގަނީމާ މުދާގަނޑެއް ކަމަށް ވެގެން އުޅޭތީއެވެ. އެޔެއް މިޔެއް ނުބަލާ ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ރައީސަށް ލިބިދޭ ބާރުން ބާރު ލިބިގެން ދައުލަތް ރޭޕް ކޮށްލާތީއެވެ.

ސަރުކާރުގެ ވުޒާރާތަކާއި، އެތަންތާނގެ އޮނިގަނޑާއި، ލެވޭނެ ސިޔާސީ ވެރިންގެ އަދަދާއި، އެ މީހުންގެ ރޭންކް ގާނޫނަކުން ކަނޑައަލާފައި ބާއްވަން ޖެހޭ ހިސާބަށް ކަންކަން މިހާރު ހިނގައްޖެއެވެ. ގާނޫނު އަސާސީ އިސްލާހުކޮށްގެން ވެސް ސިޔާސީ މަގާމު ދީގެން ދައުލަތް ރޭޕްކުރުމުގެ މަގު އެބަ ބަންދު ކުރަން ޖެހެއެވެ. 

ރައީސުލް ޖުމްހޫރިއްޔާއާއި ވަޒީރުންގެ މަޖިލީހާ ދެމެދަށް ކެބިނެޓް މިނިސްޓަރުންނަށް ވުރެ ބާރުގަދަ ސީނިއަރ މިނިސްޓަރަކު ޑރ. މުއިއްޒު އެވަނީ އައްޔަނުކޮށްފައެވެ. ކަނޑައެޅިގެން ގާނޫނު އަސާސީއާއި ހިލާފަށެވެ. މިހާ ވަރުން ދަންޏާ ރައީސުލްޖުމްހޫރިއްޔާ ފެންވަރުގައި އިތުރު ރައީސަކު މުއިއްޒު އައްޔަނު ނުކުރާނެ ކަމެއްވެސް ނޭނގެއެވެ.