އެދޭ މާލެ ހޯދާދެވޭނެ މޭޔަރަކީ އާދަމް އާޒިމް
މާލެ އަކީ ޒަމާންވީ ގިނަ މައްސަލަތަކެއް ހުރި ސިޓީއެކެވެ. ހައްލު ކުރަން ވަގުތު ބޭނުން ވާނެއެވެ. ތައައްސުބުން އެއްކިބާވެ ވިސްނާލި ކޮންމެ މީހަކަށް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެތަކެއް އުދަގޫ ތަކަކާއި އެކުވެސް މާލެއަށް އައިސްފައިވާ ހެޔޮ ބަދަލުތައް ފެންނާނެއެވެ. ގަބޫލު ކުރާނެއެވެ. ދިޔަވަރު ބޮޑުވެ ކުޑަވާހެން ހަގީގަތަކީ ބަދަލުވާ އެއްޗެއް ނޫނެވެ.
މާލެ ސިޓީގެ މޭޔަރކަމާ އާދަމް އާޒިމް ހަވާލު ވީއްސުރެ ފާހަގަ ކޮށްލެވޭ ހެޔޮ ބަދަލުތަކެއް މާލެ ސިޓީއަށް އަންނަނީ ގެންނަމުންނެވެ. މާލެ ސިޓީ ކައުންސިލަކީ ސިޔާސީ ގޮތުން މޭޔަރ އާޒިމާއި ފިކުރު ދިމާވާ ބައެއް ނޫނެވެ. އެހެން ނަމަވެސް މާލެ ބަދަލުކޮށްލުމުގައި މާލެ ސިޓީ ކައުންސިލުގެ މެންބަރުންނާ އަތުގުޅައިގެން ބޮޑެތި ކާމިޔާބީތައް އާޒިމް ދަނީ ހޯދަމުންނެވެ.
މާލެއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް އެކަށީގެންވާ ދާއިމީ ހައްލެއް ހޯދައިފިއެވެ. ގިނަ ދުވަސްތަކެއް ވަންދެން ވާނުވާގައި އޮތް އާސަހަރާ މިސްކިތް ނިންމާ ހުޅުވައިފިއެވެ. ބުޅާ ޝެލްޓަރ އަޅާ ނިންމާ ސަރުކާރާ ހަވާލުކޮށްފިއެވެ.
މާލޭގެ ހުރިހާ އަވަށެއްގައި ހިތްފަސޭހަ ފެހިތަނަވަސް މައިޒާންތައް ތަރައްްގީކޮށް ދަނީ ބަލަހައްޓަމުންނެވެ. މާލެ އަކީ ފެހި އަދި ބަގީޗާ ސިޓީއަކަށް ހެދުމުގެ ގޮތުން ދިވެހި ރުއް އިންދާ އެކި މައިޒާންތަކުގައި މާގަސްތަކާއި މޭވާ އަޅާ ގަސް ދަނީ އިންދާ ބަލަހައްޓަމުންނެވެ. ވިލިމާލޭގެ ހުސްބިންތައް ސާފުކޮށް ޒީނަތްތެރިކުރުމުގެ މަސައްކަތް އެބަކުރެވެއެވެ. ސަލްޓަންޕާކު އަދި ރަސްފަންނު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް އެހާ ބާރަށް އެބަކުރެއެވެ. މާލެ ސިޓީ ގައި ކާނިވަލެއް ހެދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
މާލޭގެ އަޑިގުޑަން ބޮޑު ގިނަ މަގުތައް ދަނީ މަރާމާތުކޮށް ބަލަހައްޓަމުންނެވެ. މާލޭގެ އަޅާނުލާ ހުރި ކުދި ގޯޅިތައް ގައު އަތުރާ މަރާމާތުކޮށް އަލިކުރުމުގެ މަސައްކަތް މެދުނުކެނޑި ދަނީ ކުރިއަށެވެ. ވިލިމާލޭގެ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ކުރެވެމުން އެބަދެއެވެ. ޕޭޝަންޓް ޓްރާންސްޕޯޓް ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ޕާކިން ޒޯން އިތުރު ކުރުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށެވެ. މާލެ ސިޓީ ގެ ވެހިކަލް ކެރީޔިންގ ކެޕޭސިޓީ އެސެސްމެންޓް ހަދާ ސަރުކާރާ ހިއްސާކޮށްފިއެވެ.
މާލޭގެ ތަފާތު ހިސާބުގައި 9 ތަނަކުން ހިދުމަތް ދެމުން އައި މާލެ ސިޓީގެ ހުރިހާ ހިދުމަތެއް އެއް އިމާރާތެއްގެ ދަށަށް ބަދަލުކޮށް ނިމެނީއެވެ. އެތައް ޒަމާނެއް ވަންދެން އޮޑިޓް ނުކޮށް އޮތް މާލެ ސިޓީ ކައުންސިލް އޮޑިޓްކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މާލެ ސިޓީގެ ލޭންޑް އިންފޮރމޭޝަން ސިސްޓަމް ލޯންޗް ކޮށްފިއެވެ. މާލެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ރިވައިސް ކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ފުރަތަމަ ފަހަރަށް މާލެ ސިޓީ ގެ ވޮލަންޓްރީ ލޯކަލް ރިވިއު ޕަބްލިޝް ކޮށްފިއެވެ.
މާލެ ސިޓީގެ ކައުންސިލުން ބަލަހައްޓަމުން ގެންދާ ހުޅުމާލެ އާއި މާލެ އަދި ވިލިމާލޭގެ ހުރިހާ މިސްކިތެއްގެ އާބާތުރަ ފިލުވާ މިސްކިތްތަކުގެ ފާހާނާ ލަގްޒަރީ ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް ދެއެވެ.
ބުނެވި އެދިޔައީ ކުޑަ މިންވަރެކެވެ. މާލެ ބަދަލުކޮށްލުމަށް އާޒިމް ފަދަ މޭޔަރަކަށް ފުރިހަމަ ފަސްއަހަރުގެ ދައުރެއް ދޭންޖެހެއެވެ. އެންމެ ދޮޅު އަހަރެއްހާ ދުވަހުންވެސް އާޒިމް ތަފާތު ދައްކައިފިއެވެ. ފުރިހަމަ 5 އަހަރުގެ ދައުރެއް ލިބިއްޖެނަމަ ކޮންމެ ފިކުރެއްގެ ބަޔަކާއެކުވެސް މާލެއަށް އާދަޔާ ހިލާފު ހެޔޮ ބަދަލެއް ގެނެސް ދެވޭވަރުގެ މޭޔަރަކީ އާދަމް އާޒިމް ކަން އެދަނީ އަމަލުން ސާބިތުކޮށް ދެމުންނެވެ.

