އަމާޒު ލާހޫރޭ ސަރުކާރު
ކާކަކީ ކާކުކަން ރައީސް ޔާމީނަށް އެނގޭ
ރައީސް މުއިއްޒަށް ކުރަން އުޅޭކަމެއް ކުރެވޭކަމެއް އެނގޭހެނެއް ހިޔެއްނުވެއެވެ. ޑރ. މުއިއްޒުގެ ފޮއިދުވަސް ނުވާ ސަރުކާރަށް ހެދޭ ނުހެދޭ އެނގޭހެނެއް ވެސް ހިއެއްނުވެއެވެ. ދެއްކި ވާހަކައާއި ކުރެވޭ ކަމަކާ ދިމައެއް ނުވެއެވެ.
ސަރުކާރު އެކުލަވާލުމުގައި މަގާމުތައް ދެވޭނުދެވޭ މީހުނެއް އެނގެނީއެއް ނޫނެވެ. އަމިއްލަ އާއިލާއާއި އަނބި މީހާގެ އާއިލާގެ އެތައް ބަޔަކަށް ވަޒީރުން ފެންވަރުގައި މަގާމުތައްދީ ދައުލަތުގެ ވަޒީފާތަކަކީ ވާރުތަ މުދާގަނޑަކަށް ހަދަތްޕެވެ. ފޮނަދޫ އަދުރޭގެ ދިލަކޮޅު މިލަކޮޅާއި ޅިޔަން ފަހަރިންނަށް މަގާމުތައް އޮހެނީ ބޯ ވިއްސާރަގަނޑެއްގައި ފައްސިޔަ ދިޔަދޮތްވަކުން ފެންފައިބާ ހެންނެވެ.
ގަނޑިޔަ! ފުކެއް ބޮޑެވެ. އެއް އާއިލާއަކުން އެތައް ބަޔަކަށް މިނިސްޓަރުކަމާއި ސްޓޭޓް މިނިސްޓރުކަމާ ދެން އޮތް ކަމެއްވެސް ދެނީއެވެ. ހިންނަވަރު ބޮޑުފެންޑާއެއް ނޫ މުއްޗެއް ތަފާތު ނުކޮށް އެކިވަރުގެ ވަޒީރުންނެވެ. ކުވާމާރި އެކޭ ކަސްޓަމެކޭ ކިޔާނެ ކަމެއް ނެތްތާއެވެ. ކޮތަން މަލެކޭވެސް ނުކިޔަމެވެ. ފުވައްމުލަކާއި ނިލަންދުއަށް ނިސްބަތްވުމަކީ ކުޑަ ނަސީބެއް ނޫނެވެ.
އެންމެ ރަނގަޅެވެ. އެއް އާއިލާއަކަށް އެއްރަށަކަށް ނިސްބަތްވިއްޔާ ވާނީ ކީއްހެއްޔެވެ. އެ އެންމެންނަކީ ވެސް ނިކަން ގާބިލު ބައެކޯލައެވެ. އެއްމުދާ ބެހޭ ބަޔަކަށް ދައުލަތް ބަހާލިޔަސް ވަރިހަމަތާއެވެ. އެމީހެއްގެ ރޮނޑަކުން ހަންދަމާނެ ކޮޅެއް އެމީހަކަށް އެނގޭނީ ހަންދަމާ ރޮނޑަކީ އަމިއްލަ ރޮނޑެއް ނަމަތާއެވެ.
ދޭ ބަޔަކަށް މަގާމު ދެމުން ކަނޑަމުން ދަނީ ވާނުވާގައި ހުންނާތީ ނޫންބާވައެވެ. ދެތިން ދުވަހު ވަޒީރުން ފެންވަރުގައި މީހަކު ގެންގުޅެލާފައި ކަނޑާ އެއްލާލަނީ ގިނަ މީހުނަށް ވަޒީރު ފެންވަރުގެ ރަހަ ދައްކާލަން ދޮތައެވެ. އޭރުން ފަސް އަހަރުގެ ދައުރެއް ނިމޭއިރު ވަޒީރުކަމެއްގެ ރަހަ ނުފެންނަ ވަކި މީހަކުވެސް ނުހުންނާނެތާއެވެ. އެއްޔަކީވެސް ދެރަގޮތެއް ނޫނެވެ.
ހަޔާތުގައި ޕަބްލިކް އޮފީހެއްގެ ކުޑަބޭރު އަރާލައިފައިނެތަސް ތޫލި އަޑަކުން މަހުރަޖައިން ދެތިން ޓީވީ ޕްރޮގްރާމް ހުށަހަޅާލާ ފިލިކޯޅި ހަމަކޮށް ފަރިއްސެއް ހަދާލަން އެގުނީމާ އެހުރީ ވަޒީރުކަމަށް ކުފޫހަމަވެފައެވެ. މައިކެއް ހިފައިގެން ދެތިން މުޒާހަރާއަށް ޖައްސާލާ މަގުމަތިން ވަކަރުގޭ ކުއްޖެއްގެ ބުޅިވަޅުން ކެއްސެއްލިބި ކުރަކި ގޮތަކަށް ރިޔާސީ ބަހުސެއް ހުށައަޅާލެވުނީމާ އެހުރީ ވަޒިރުކަމަށް ފައްކާވެފައެވެ. މިހުރިއްޔަކީ އެންމެންނަކު ބެހެންވާ ވަރުގެ ކަންކަމެއް ނޫންތާއެވެ.
ވުޒާރާތަކުގެ މަސައްކަތް ބަހާލުމުގައިވެސް ފެންނަނީ އެއްޒާތެއްގެ ކަންކަން އެތައް ވުޒާރާއަކުން ކުރާގޮތަށް އޮތް އޮނިގަނޑެވެ. ހިދުމަތް ހޯދަން ތިބި ރައްޔިތުންނަށް ވާނުވާއެއް ނޭނގި ވަންނަނީ ވަލެވެ.
ފަށައިގެން ކުރިއަށްދާ ހިޔާވަހިކަން ދިނުމުގެ މަސައްކަތް ކުރާކަށް ފައިސާއެއް ނެތެވެ. މުޅިން އަލަށް ފުށިދިއްގަރު ފަޅު ހިއްކަން ފައިސާ އެބަހުއްޓެވެ. އާއިލާ މީހުންނާ ރައްޓެހިންނަށް ވަޒީރު ފެންވަރުގެ ވަޒީފާދީގެން މުސާރައާއި އިނާޔަތާއި ކާރުކޮޅުތައް ދޭނެ ފައިސާ އެބަހުއްޓެވެ. ނެތީ ރަށްރަށުގައި ފަށާފައިހުރި އަސާސީ ހިދުމަތުގެ މަސައްކަތް ނިންމާނެ ފައިސާއެވެ.
މިނިސްޓަރުނާއި ސިޔާސީވެރިންގެ ފުރަތަމަ މަސައްކަތަކީ ރައީސް މުއިއްޒާއެކީ ތިބިކަމަށް ބުނެ އެކްސް ކުރުމެވެ. އެމީހުން ތިބީ މުއިއްޒާއެކީގައި ކަން ނޭގިގެން އުޅެނީ ކާކަށް ހެއްޔެވެ. ކިތަންމެ އެކްސެއް ކުރިޔަސް ކާކަކީ ކާކުކަން ރައީސް ޔާމީނަށް އެނގޭނެއެވެ.