މުއިއްޒުގެ އޮފްޝޯ ބަންކަރިން: ވެނުމަސް ވެނަށް!

2026 ފަށާނީ ބޮޑު ތެޔޮ ބިލަކާއި ލޯނު އަނބުރާ ދެއްކުމުން

މުއިއްޒުގެ އޮފްޝޯ ބަންކަރިން: ވެނުމަސް ވެނަށް!

ވަރަށް ބޮޑު ތެދެކެވެ. މުއިއްޒުގެ އޮފްޝޯ ބަންކަރިންގ ޕްލޭން ކާމިޔާބެއް ނުވާނެއެވެ. އިހަވަންދިއްޕޮޅުގައި ގާއިމުކުރާ ބަންކަރިންގ ހިދުމަތަކީ އެކަން ކުރަން އުޅޭ ގޮތުން ބޮޑު ފްލޮޕަކަށް ނޫނީ ނުވާނެކަމަށް ތަޖުރިބާ ކާރުން ބުނެއެވެ.

ބަންކަރ ކުރުމަކީ ތެޔޮއެޅުމެވެ. މާދުރުނޫން ހިސާބަކުން އަގުހެޔޮކޮށް ތެޔޮލިބެން އޮއްވާ ދާމަގުމަތިންވިޔަސް އަގުބޮޑުކޮށް ތެލެއް ނާޅާނެއެވެ. އަނެއްކޮޅުން އިހަވަންދިއްޕޮޅު ހުރަސް މަގަކީ ސްޓްރޭޓް އޮފް މަލަކާ އާއި ސުއޭޒް ކެނެލް ފަދަ ކާރޫބާރޫ ބޮޑު މަގެއްނޫނެވެ. މެލޭ ޕެނިންސިއުލާއިން އިރުއުތުރަށް، ސްމަޓްރާއިން ހުޅަނގު ދެކުނަށް، އަންޑަމަން ކަނޑާއި ޗައިނާ ކަނޑު ގުޅުވާދޭ ސްޓްރޭޓް އޮފް މަލަކާ އާއި ސުއޭޒް ކެނެލްގައި އޮންނަފަދަ ޑިމާންޑެއް އިހަވަންދިއްޕޮޅުގައި އޮންނަ ނަމަ ވާދަވެރި އަގެއްގައި ނަފާވެރި ބަންކަރިންގ ހިދުމަތެއް ދެވުނީހެވެ. އަމްދުން ތެލަކީ ރާއްޖެއާއި ހަމަޔަށް އަންނައިރުވެސް އިންތިހާ ދަރަޖައަށް އަގުބޮޑު އެއްޗެކެވެ. 

ރާއްޖޭގައި ފަށަންއުޅޭ ބަންކަރިންގ ހިދުމަތް އިފްތިތާހު ކުރުމުގެ ޝޯގައި ބައިވެރިވުމަށް ސަރުކާރުން އެދުނު ކޮޅުބުގެ ބޯޓުވެސް އެ ޝޯގައި ބައިވެރިވުމަށް ވަނީ ދެކޮޅު ހަދާފައެވެ. އެހެންކަމުން މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް)ގެ އެމްވީ ބެރިއާ ކޮލަމްބޯއަށް ދާ މަގުމަތީގައި ކުޑަގޮތެއް ހަދާލައިގެން މި ޑްރާމާ ކުޅެލާނެއެވެ. ޝޯގައި އެމްއެސްއެސް އެމްވީ ބެރިއާ ކަނޑުމަތީގައި ތެޔޮ ބަރުކުރާތަން ދައްކާނެއެވެ. މުއިއްޒު ކުޅެން އުޅޭ ބަންކަރިންގ ޑްރާމާގައި އޮންނާނީ ސުރުހީ ހެދުމާ ފޮޓޯ ނެގުމެވެ. ހަގީގަތުގައި އެއީ ގޮތްގޮތަށް ފޮޓޯނަގަން ބާއްވާ ރަސްމިއްޔާތެކެވެ.

އޮފްޝޯ ބަންކަރިންގެ އެއްވެސް ރަނގަޅު ދިރާސާއެއް ހެދިނަމަ އޮފްޝޯ ބަންކަރިން ކާމިޔާބުކޮށް ބޮޑު ފައިދާއެއް ލިބޭ ގޮތަށް ހެދީހެވެ. އެހެން ހެދޭނީ އަގުތައް ވާދަވެރިވެގެންނެވެ. މިހާރު އޮތް ގޮތުން ބަންކަރިން ހިދުމަތަށް ތެޔޮ ގެންނަ ބޭރުގެ ކުންފުނި ކަމުގައިވާ ވިޓޯލް އިން ކޮންމެވެސް ވަރަކަށް މާރޖިން އިތުރުކޮށްގެން ހިދުމަތުން ކުޑަ ލާރިކޮޅެއް ނުލިބޭނެ ވާހަކައެއް ނޫނެވެ. އޭގެންވެސް ރާއްޖެއަށް ލިބޭނީ ހައްޕުޑެވެ.

އަސްލުގައި މުޅި ޑީލަކީވެސް ރާއްޖޭގެ ބޭނުންކޮށްގެން ކްރެޑިޓްގައި ވިޓޯލް އިން އެސްޓީއޯ އަށް ތެޔޮ ވިއްކުމުގެ ޑީލެކެވެ. އެހެން ހަދަން އެސްޓީއޯއަށް ޖެހުނީ އެސްޓީއޯއިން ފައިސާ ދެއްކުން ލަސްވާތީ އެސްޓީއޯއަށް ތެޔޮ ދޫކުރި އެހެން ކުންފުނިތަކުން އެސްޓީއޯއަށް ތެޔޮ ވިއްކުން ހުއްޓާލަން އުޅޭތީއެވެ.

ވިޓޯލަކީ އެދުވަހެއްގެ ވިޔަފާރީގެ ފައިދާ އެދުވަހަކު ހޯދާ ބައެކެވެ. ސަރުކާރާއި ވިޓޯލާ ދެމެދު މައްސަލަތައް ފެށޭނީ ފައިސާ ދެއްކުން ލަސްވުމާއި އެހެނިހެން ހިޔާލު ތަފާތުވުން ތަކުންނެވެ. ބަންކަރުކޮށްގެން ހިސާބަކަށް ވިޓޯލަށް ފައިސާ ލިބުނަސް ރާއްޖޭން ވިޓޯލަށް ދައްކަންޖެހޭ ފައިސާ ނުލިބި ލަސްވުމަކީ ވިޓޯލުން ގަބޫލު ކުރާނެ ކަމެއްނޫނެވެ. ވިޔަފާރީގައި ވިޓޯލަށް ހުރިހާ އެއްޗަކީވެސް ބޮޑުފައިދާއެވެ. ރާއްޖޭން ލިބެން ޖެހޭ ފައިސާ ނުލިބި ދިގުލާން ފެށުމުން ކުރެވޭ ވިޔަފަރިއަކީ މާނައެއް ނެތް ކަމަށް ބަލާ އަގުދު ރޫޅާނުލާ ހީގަނެގެން ވިޓޯލަކުން ނުތިބޭނެއެވެ.   

އޮފްޝޯ ބަންކަރިންގެ ހަގީގަތް ކޮންމެ ގޮތަކަށް އޮތަސް ފުރަތަމަކޮޅު މިލިއަން ރުފިޔާ ލިބޭ ކަމަށް ބުނެ އަދަދުތަކެއް ވެސް ޝާއިއު ކުރާނެއެވެ. އެވާހަކަ ދެއްކުން އެއްކޮށް ހުއްޓާލާނީ ދެތިން މަސް ފަހުންނެވެ. އެހިސާބުން އަދަދުތައް ޝާއިއުކުރުން ވެސް ހުއްޓާލާނެއެވެ. މިހާރުން ފެށިގެން އަންނަ އަހަރުގެ ނިޔަލަށް ބަންކަރުގެ ހިދުމަތް ހުއްޓާނުލައިފިއްޔާ ލޮނުލައިގެން ބަތެއް ނުކާނަމެވެ. ރާއްޖޭން 2026 ފަށާނީ ބޮޑު ފިއުލް ބިލަކާއި ލޯނު އަނބުރާ ދެއްކުމުންނެވެ.

މި ޓްވީޓް ސޭވް ކޮށްލައްވާށެވެ.