ކޯޓުގައި ނެތް މައްސަލައެއްގެ ވަކީލުންނެއް ނުތިބޭނެ
ނިސްބަތްވާ ޕާޓީން އެދުނަސް މައްސަލައެއްގެ ތަފްސީލީ ރިޕޯޓެއް ކޯޓަކުން ދުލެއް ނުކުރާނެ.
ޝަރީއަތުން ބަލާ މައްސަލައެއްގެ ހުކުމް އިއްވާ ހުލާސާ ބަޔާން ހަސްމުންނަށް ހަވާލު ކުރުމުން އެމައްސަލައެއް އެ ނިމުނީއެވެ. ތަފްސީލީ ބަޔާން ހޯދުމަކީ މައްސަލައިގައި ހިމެނޭ ހަސްމެއްގެ ކަމެކެވެ. އެ ހަސްމަކަށް ތަފްސީލީ ބަޔާން ހޯދަން ކޯޓަށް ހާޒިރުވެވެން ނެތް ހާލަތެއްގައި އެކަން ކުރުމަށް ބަދަލުގައި މީހަކު ހަމަޖައްސާ އެކަމާ ގުޅިގެން އޮންނަ އިޖުރާތާއި އެއްގޮތަށް އެ ހަސްމަކު އެދުމުން ތަފްސީލީ ބަޔާން ކޯޓުން ދޫކުރާނެއެވެ.
މައްސަލައެއް ކޯޓުގައި ހިނގަމުން ދިޔައިރު ދިފާއީ ވަކީލުން ގޮތުގައި ހަސްމަކު ހަމަޖައްސާފައި ތިބޭ ވަކީލުންގެ ދައުރު ހުކުމްކޮށް ހުލާސާ ބަޔާން ހަވާލުކުރާ ހިސާބުން ނިމޭނެއެވެ. ކޯޓުގައި ނެތް މައްސަލައެއްގެ ދިފާއީ ވަކީލުންނެއް ވެސް ނުތިބޭނެ ނޫން ހެއްޔެވެ. އެހެން ނޫނަސް މައްސަލަ ހިނގަމުން ދިޔައިރު ދީފާއީ ވަކީލުންގެ ގޮތުގައި ތިބި މީހުން އެ މައްސަލައާއި ގުޅުން ހުރިކަމެއްގައި އިތުރަށް ބޭނުން ކުރަން މައްސަލައިގެ ހަސްމު ބޭނުން ވާކަން ނުވަތަ ނުވާކަން ކޯޓަށް އެނގެނީ ކިހިނެއްހެއްޔެވެ. މައްސަލައިގެ ހަސްމު އެ ވަކީލުންނަށް ހުލާސާ ރިޕޯޓު ހިއްސާ ކުރަން ބޭނުން ނުވެވެސް ދާނެއެވެ. އެކަމަށް އަލުން އެދި ހަސްމު ނުބުނަނީސް އިރެއްގައި ދިފައީ ވަކީލަކަށް އުޅުނީތީ އެ މީހަކަށް ހަސްމެއްގެ ޒާތީ ލިޔުމެއް ދޫކޮށްގެން ކޮންމެ ފަދަ ނުބައެއް ވެސް އުފެދި ދާނެއެވެ. ހަސްމު އެކަމަށް ނޭދެނީސް ނިމިފައިއޮތް މައްސަލައެއްގެ ރިޕޯޓް ދޫކޮށްގެން އުފެދިދާނެ މައްސަލައެއްގެ ޒިންމާ ކޯޓުން ނަގާކަށް ނުޖެހެއެވެ.
ރައީސް ޔާމިނެއް ކަމަކު އެކަންވާނީ އެހެނެވެ. ރައީސް ޔާމީނުގެ މައްޗަށް އުފުލުނު މައްސަލަ ނިމުނު ގޮތުގެ ތަފްސީލީ ރިޕޯޓް ރައީސް ޔާމީނު އެކަމަށް އެދިވަޑައިނުގަންނަވަނީސް ކޯޓަކުން ބަޔާނެއް ދުލެއް ނުކުރާނެއެވެ. ކުރެވިގެންވެސް ނުވާނެއެވެ. ދަރިއަކަށް އަންބަކަށްވެސް އެފަދަ ލިޔުމެއް ކޯޓުން ދޫކުރާނީ އެކަމަށް އެދި އެލިޔުމެއްގެ ހައްގު އޮތްފަރާތުން އެހެން ފަރާތަކަށް އެލިޔުމެއް ދޫކޮށްދޭން އެދިގެންނެވެ.
މީހަކު ނިސްބަތްވާ ރަށަކުން އާއިލައަކުން ޕާޓީއަކުން އެދުނަސް މައްސަލައެއްގެ ތަފްސީލީ ރިޕޯޓެއް ކޯޓަކުން ދުލެއް ނުކުރާނެއެވެ. ދަށު ކޯޓުން ކުރި ހުކުމާ ހިތްޕުޅާ ނުވެގެން އިސްތިއުނާފް ކުރައްވަން ރައީސް ޔާމިނު އައްޔަނު ކުރައްވާނެ ވަކީލުންނަކީ ދަށު ކޯޓުގައި ދިފާއީ ވަކީލުކަން ކުރެއްވި ބޭފުޅުންނަށް ވެސް ނުވެދާނެ ނޫން ހެއްޔެވެ. އެނގޭ ކަމަކީ މައްސަލައެއްގެ ހުކުން އިއްވުމަށް ފަހު އެ މައްސަލައެއްގެ ވަކީލުން ނުތިބޭނެކަމެވެ. މަތިހަށި ނަގާފައި ބަޔަކު ކޯޓަށް ގޮސް ތިމަންނަމެންމީ ދިފާއީ ވަކީލުންނޭ ބުންޏަސް އެކަމެއް ކޯޓަކަށް ނޭގޭނެއެވެ.
ނިމިފައިވާ މައްސަލައެއްގެ ލިޔުމެއް ހޯދަން ބޭނުންވާ މީހާ އެކަން ވަކި މީހަކާ ހަވަލުކުރިކަން އަންގާ އިޖުރާއީ ހަމަތަކުން އެ ކަމަށް އެދިގެން ނޫނީ ޝަރުއީ ލިޔެ ކިޔުމަކީ މީހަކު ބޭނުން ވެގެން ދާއިރަށް ލިބޭ އެއްޗެއް ނޫނެވެ. މީހަކު ގޮސް ހަމަ ބުނެލާ އިރަށް ތިމާއާއި ގުޅުމެއް ނެތް މައްސަލަތަކާ ބެހޭ ލިޔުންތައް ލިބެންޏާ އަދުރޭގެ ޓިނު މައްސަލައިގެ ތަފްސީލް ބުނެލާ އިރަށް މިހާރު ވެސް މަށަށް ލިބޭނެތާއެވެ.