ހަވާލު ވާންވާނީ ފިސާރި ގަޓުހުރެގެން

ޔާމީނެއް އިބޫއެއް ގޮތް ހުސްވެގެން އުޅުނު ތަނެއް ނުދެކެން

ހަވާލު ވާންވާނީ ފިސާރި ގަޓުހުރެގެން

ރައީސް ޔާމީނުގެ ވެރިކަމުގެ ފަސް އަހަރަކީ ދުނިޔޭގެ އިގްތިސާދު އިންތިހާއަށް ރަނގަޅު ދުވަސްވަރެކެވެ. އިގްތިސާދީ ހަރަކާތްތައް ފަތުއަޑު ކިޔާލާފައި މުޅި ދުނިޔޭގައި ހިނގަހިނގާ އޮތް ދުވަސް ވަރެކެވެ. ރައީސް ޔާމީނުގެ ވެރިކަން ނިންމާލީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބިލިއަން ބިލިއަނުން ދައުލަތުން ވައްކަން ކުރިކަމުގެ ތަހުމަތާއެކުގައެވެ. ލީސްކުރާނެ ރަށެއް ފަޅެއް ގިރިއެއް ހަލެއް ނެތޭ ބުނާ ވަރަށް ތަންތަން ވިއްކާ ހުސްކޮށްފައެވެ. އޭރު ހިންގި މެގަ ޕްރޮޖެކްޓް ތަކަކީ ވެސް މާސިންގާ ލޯން ތަކެވެ. ރިޝްވަތާ ކޮރަޕްޝަނުން ފަސާދަ ނުވާ މީހަކު މަތިފަޑީގައި ނެތޭ މީހުން ކިޔާ އުޅުނެވެ. ގިނަ ބަޔަކު ކިޔަމުން ދިޔައީ ދައުލަތުގެ ތިޖޫރި ހުރިތާ ވަޅުގަނޑުވެސް ނެތް ވާހަކައެވެ.

އެހެނެއް ކަމަކު ރައީސް ސޯލިހު ރާއްޖެއާ ހަވާލުވީ ހޯހޯ ގޮވަމަކުން ނޫނެވެ. ކަންކަން ނުހުންނާނެ ކަމަކަށް ވެސް ނޫނެވެ. ދައުލަތް ހިންގުމަށްޓަކާ ބޮޑެތި ގުރުބާނީ ތަކެއް ވާންޖެހޭނެކަން އެނގި ހުރެއެވެ. ފައިސާ ނެތިގެން ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު ދައްކަމަކުން ނޫނެވެ. އާމްދަނީއާ ނުބައްދަލު ހޭދަ ދައުލަތް ހިންގުމަށް ހިނގާނެކަން ނޭގިއެއްވެސް ނޫނެވެ. ފައިސާ ނެތިގެން ކަންކަން ކޮށްނުދެވޭނެ ވާހަކައެއްް ޔޯލަކޮށްލާފައިވެސް ބުނާ އަޑެއް ނީވެއެވެ.

ރައީސް ޔާމީނުގެ ވެރިކަން ނިމެމުން އައި ދުވަސްވަރު ބައެއް ހިދުމަތްތައް ހުއްޓާލަން ޖެހިދާނެ ކަމުގެ ސިގްނަލް ލިބިލިބި ހުއްޓެވެ. އެކަމަކު ރައީސް ޔާމީނު ވެސް ރައީސް ސޯލިހުވެސް ހަދާނެ ގޮތް ހުސްވެގެން ހާސްވެގެން އުޅުނު ތަނެއް ނުދެކެމެވެ. ދައުލަތް ހިންގުމުގެ ޒިންމާތައް އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އެ މީހުން އަދާ ކުރަމުން ދިޔައެވެ. ދައުލަތް ހިންގުމާ ހަވާލު ވަނީ އަރަންޏާ ދަރަންޏަށް ޒިންމާ ވެގެންކަން އެ މީހުނަށް އެނގެއެވެ. 

ރައީސް ސޯލިހުގެ ވެރިކަން ފެށުނު ތަނާ ނަސީބު ދިމާކުރި ގޮތުން ކޮވިޑްގެ އާލަމީ ވަބާއާއި ގުޅިގެން މުޅި ދުނިޔެ ހުއްޓުނެވެ. އެމީހަކު ހުރި ތަނެއްގައި އެ މީހަކު ބަންދު ވިއެވެ. އެއް ގައުމުން އަނެއް ގައުމަށް މީހުން އައިސް ގޮސް އުޅުން މަނަލެވެ. އިގުތިސާދީ ބޮޑެތި ހަރަކާތްތައް ކީއްކުރަން ހެއްޔެވެ. ކާންބޯން މަސައްކަތެއް ވެސް މީހުނަށް ކުރެވޭނެ ފުރުސަތެއް ނެތެވެ. ދުނިޔޭގެ އެހެން ގައުމު ތަކެކޭ އެއްގޮތަށް ރާއްޖެ ވެސް އޮތީ އެހާލަތުގައި މަރުތަޅު އެޅިފައެވެ. އެއް ދުވަހެއް ދެ ދުވަހެއް ނޫނެވެ. ދެ އަހަރެއްހާ ދުވަހުއެވެ.

މަރު ތަޅު އެޅިފައި އޮތް ރާއްޖޭގެ ރައްޔިތުން ހައިހޫނު ކަމުގައި ބަޑަށް ނުޖެހޭނެހެން އެންމެނަށް ބަރާބަރަށް ކާބޯތަކެތި ލިބޭނެ ގޮތް ދަތިކަމެއް ނެތި ހަމަޖައްސާ ދިނެވެ. ދޭސީއެއް ބިދޭސީއެއް ތަފާތު ނުކޮށެވެ. އަނެއްކޮޅުން ކޮވިޑްގައި އުދުހިގެންދާ ފުރާނަ ވީހާވެސް މަދު ކުރަން އެންމެ ކުރިއަރާފައިވާ ގައުމުތަކަށް ވުރެވެސް ރަނގަޅަށް ރާއްޖޭގައި ވަސީލަތާއި ހިދުމަތް ގާއިމުކުރިއެވެ. އެކަހެރިވެލައިގެން އުޅުން ނޫނީ ކޮވިޑްގެ ހަގީގީ ވޭނާ އިހުސާސް މަދު ދިވެއްސަކަށް ނޫނީ ކުރާކަށް ނުޖެހެއެވެ. މުޅި ދުނިޔޭން އެންމެ ރަނގަޅަށް ކޮވިޑް މެނޭޖުކުރި ފަސް ގައުމުން އެއް ގައުމުގެ ގޮތުގައި ރާއްޖެ ހިމެނުނީ ވެރިއެއްގެ ގާބިލު ކަމުންނެވެ.

ކޮވިޑްގައި ސިއްހީ ހިދުމަތާއި އެނޫންވެސް ހިދުމަތް ދިނުމުގައި އުޅުނު ސަރުކާރު މުއައްޒަފުންނަށް އެކި ނަންނަމުގައި މުސާރައިގެ އިތުރަށް ބޮޑެތި އެލަވަންސްތައް ދިނެވެ. ސަރުކާރުން އެންމެ މުއައްޒަފަކު ވެސް ކަނޑާނުލައެވެ. މުސާރައިން ލޯލާރިއެއްވެސް އުނިނުކޮށް ގޭގައި ބައިތިއްބައިގެން އެންމެންނަށް ހަމަ މުސާރަ ދިނެވެ. ކޮވިޑް ތެރެއެއް ކަމަކު އަސާސީ ހިދުމަތް ދިނުމަކަށް ހުއްޓުމެއް ނާރުވައެވެ. ކޮވިޑް ފެތުރިފައިނެތް ހިސާބު ހިސާބުގައި ތަރައްގީގެ މަޝްރޫއުތައް ވެސް ވީވަރަކުން ހިންގަމުން ގެންދިޔައެވެ. ފައިސާ ނެތިގެން ހޮސްޕިޓަލެއް އޮފީހެއް ބަންދު ކުރަން ޖެހިދާނެ ވާހަކައެއް ސަރުކާރަކުން ނުދައްކައެވެ. ތަރައްގީގެ މަޝްރޫއެއް ހުއްޓައެއް ނުލައެވެ. ހުއްޓާލަން ޖެހިދާނެ ކަމަކަށް ވެސް ނުބުނެއެވެ. ވެވެން އޮތްގޮތެއް ހޯދައިގެން އެކަމެއް ކުރިއެވެ.

ދަރާ ބޯހިކެންނެތް ގައުމެކޭ ބުނަމުން ދައުލަތަކާ ހަވާލު ވާންވާނީ ފިސާރި ގަޓުހުރެގެންނެވެ. އުންމީދާ ޔަގީންކަމާ ކެރުންނެތީ ވިއްޔާ ރަގަޅުވާނީ ކަންކަމާ ކައިރި ނުވިއްޔާއެވެ.