އިންޑިއާއިން ރާއްޖެ އަޅުވެތި ކުރަނިއްޔެކޭ ނުކިޔޭނެ!
އިންޑިއާ ވެސް އެއޮތީ މުއިއްޒުގެ ސިޔާދަތީ ރަތްރޮނގު ތެރޭގަ!
ސިޔާދަތު ކޮމްޕްރަމައިޒް ނުކުރުމަށް ހަތް ހުވާ ކޮށްގެން ވެރިކަމަށް އައި މީހުން ރަނގަޅަށް ބޭނި ހުސް ވެއްޖެއެވެ. ރަނގަޅަށް ގުދުކޮށް ކުޑަކަކޫ ޖައްސުވައިފިއެވެ. އިންޑިއާ ނޫން ގޮތެއް ހޯދަން ތެޅިބޭލި ބޭލީނުން ހުޅުނބުފައިބާ އެންމެ ފަހުން އިންޑިއާއިން ކޮޅު ގޮހޮރަށް ކާލަންދީ ނިމުނީއެވެ. މުއިއްޒު ބުނެފައިވާ ގޮތުން ރައީސް ސޯލިހު ދުވަސްވަރު އެ ސަރުކާރުގެ ވެރިންނަށް ޖެހުނީ އިންގޮޑިން ތެދުވަން ހުއްދަ ނަގަންތާއެވެ. އެކަމަކު މިހާރު މިވީގޮތުން ރައީސް މުއިއްޒަށް ފައި އެއްލަންވެސް އިންޑިއާއިން ހުއްދަ ނުނަގައެއް ނުވާނެއެވެ.
އޭރު އިންޑިއާގެ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓެއް ރާއްޖޭގެ އެތެރޭގައި އިންޑިއާ އިން ދުއްވާތީ އެކަންވެފައި އޮތީ ބޮޑު ގޯހަކަށެވެ. އުތުރުތިލަފަޅުގައި އަސްކަރީ ޑޮކްޔާޑެއް އިންޑިއާއިން އަޅާދިނުމަކީ ވެސް ނުރައްކާތެރި ކަމަކަށް ވެގެން އުޅުނެވެ. ގަމާއި ކައްދުއާއި ހަނިމާދޫއަކީ އިންޑިއާގެ ވައިގެ ބޭސްތަކެއް ކަމަށް ވެގެން ފަޔަށް ހިނި އަރައިގެން އުޅުނެވެ. ހިތަދޫ ޕޮލިސް އެކަޑަމީއަކީ އިންޑިއާގެ އަސްކަރީ މަރުކަޒަކަށް ވެގެން ފުމެފުމެފައިވެސް އުޅުނެވެ. ކަޑުއަޑީގެ ޗާޓް ކުރެހުމުގެ މަސައްކަތް އިންޑިއާ ހަވާލުކޮށްގެން ކުރުވާތީ ލޮލުފިޔަ ނުޖެހިގެން އުޅުނެވެ. މިކަހަލަ އެތައް ކަމެއް އިންޑިއާ ލައްވާ ރާއްޖޭން ކުރުވާތީ ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިވެހީންގެރާއްޖެ ވެރިކަމަށް އައީ ސިޔާދަތުގެ ރަތް ރޮނގު ނިކަން ފަލަކޮށް ބޮޑުކޮށް ދަމާށެވެ.
ވެރިކަން ހޯދަން އުޅުނުއިރު އޮވެގެން ގޯސްވީ ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓެކެވެ. އޭރު އެކަން ގޯސްވީ ހުރިލެއް މަދުވެގެންނެވެ. އެހެން ވީމާ އިތުރަށް ހެލްކޮޕްޓަރާއި ބޯޓުފަހަރު ނުގެނަސް ކަމަކު ނުދާނެތާއެވެ. ކުރިން ހުރި ރާޑަރތައް ވެސް މާމަދީއެވެ. ކައިވަތަކުން ކައިވަތަކުން އިންޑިއާގެ ރާޑަރ ރާއްޖޭގައި ނުބެހެއްޓިއެއް ކަމަކު ނުދާނެއެވެ. އުތުރު ތިލަފަޅުގައި އަޅާ އަސްކަރީ ޑޮކްޔާޑް ނިންމާ ރަސްމީ އިންޑިއަން ނޭވީ މަރުކަޒަކަށް ހަދައިގެން ނޫނީ އެކަމެއްވެސް ކަމަކު ނުދާނެއެވެ. ކުރިން ކަންބޮޑުވީ މަދު އިންޑިއާ ސިފައިން ކޮޅެއް ތިބެެންނެވެ. ހާހުން ދެހާހުން ނެތިގެންނެވެ. އައްޑުއާއި ކައްދުއާއި ހަނިމާދޫގައި އިންޑިއާސިފައިންގެ ހެޔޮވަރުގެ ފައުޖުތަކެއް ނުބައިތިއްބައެއްވެސް ކަމަކު ނުދާނެއެވެ.
ރައީސް ސޯލިހުމެން އުޅުނީ މާ ކުޑަ ގޮތަކަށް ކޮށްލައިގެން ފުއްދާލާށެވެ. އެގޮތެއް ކަމަކު ނުދާނެއެވެ. ކަމެއް ކުރަންޏާ ކުރަން ވާނީ ނިކަން ރަނގަޅަށެވެ. ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރަނގަޅަށް ބެލެހެއްޓޭނީ އޭރުންނެވެ. ރައީސް ސޯލިހު ސަރުކާރެއް ކަމަކު އެމްއެންޑީއެފްގެ ގާބިލުކަން އިންޑިއާ އަސްކަރިއްޔާ ލައްވާ އެހާ ކުޑަކޮށް އިތުރު ކޮށްގެން ރައްކާތެރި ކުރެވޭނެ މިނިވަން ކަމެއް ސިޔާދަތެއް ނުއޮންނާނެ ނޫންހެއްޔެވެ. މިފަހަރު މުއިއްޒު އެއުޅެނީ ނިކަން ރަނގަޅަށް އެމްއެންޑީއެފްގެ ގާބިލުކަން އިތުރުކޮށްލާށެވެ. އޭރަކުން ކުޅިކުޅިވަރެއް ނުކުރެވޭނެއެވެ.
މީގެ ކުރިން އިންޑިއާއިން އުޅުނީ ރާއްޖޭ އިންޑިއާގެ ސިޔާދަތީ ރަތް ރޮނގުތެރެއަށް ވައްދާށެވެ. މިފަހަރު މުއިއްޒު އެވައްދާލަނީ ރާއްޖޭގެ ސިޔާދަތީ ރޮނގުގެ ތެރެއަށް އިންޑިއާއެވެ. ދެނެއް އިންޑިއާއިން ރާއްޖެ އަޅުވެތި ކުރަނިއްޔެކޭ ނުކިޔޭނެއެވެ.