މުއިއްޒަށް އިންޑިއާ ސިފައިން ބޭލޭކަށްނެތް

މުއިއްޒު ހުރީ ދެހަރާ ސައިވެފަ

މުއިއްޒަށް އިންޑިއާ ސިފައިން ބޭލޭކަށްނެތް

ކުރިން އޮތް ސަރުކާރުން ދެއްކި އެއްވެސް ވާހަކައެއް ގަބޫލުނުކޮށް ގައުމީ ސަލާމަތަށް ނުރައްކާ އޮތްކަމުގެ ބިރު ޕީޕީއެމް-ޕީއެންސީން މުޅި ރާއްޖޭގައި ފެތުރިއެވެ. އިންޑިއާ އައުޓް ގޮވަމުން ސިކުނޑިތައް ދޮންނަމުން ދިޔައިރު ވެރިކަމަށް އާދެވިއްޖެ ނަމަ އަވައްޓެރި އިންޑިއާ އާއި އެކު ގާތްގުޅުމެއް ނުބާއްވާ އުޅުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމެއް އޭރަކު ވިސްނާ ނުލައެވެ. އޭރު ބޭނުންވީ ހެދުނު އެއްޗެއް ހަދައިގެން ވެރިކަން ހޯދުމަށެވެ. 

ހެއްދެވިހާ ދޮގެއް ހަދައިގެން ހީވާހާ ގޮތަކަށް ވާހަކަ ދައްކައިގެން ޑރ. މުއިއްޒަށް ވެރިކަމަށް އާދެވިއްޖެއެވެ. ވެރިކަން ލިބި ހަމަޔަށް ދެލޯ ހުޅުވާ ބަލައިލިއިރު ކަމަކު ދާކަށް ނެތެވެ. ކުރީ ސަރުކާރުން އެބުނީ ތެދެކެވެ. ރާއްޖޭގައި ތިބީ އެންމެ 77 އިންޑިއާ ސިފައިންނެވެ. އެ މީހުން ރާއްޖޭގައި ތިބެގެން ކުރާހާވެސް ކަމަކީ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި ދިވެހި ސިފައިންނަށް އެހީތެރިވުމެވެ. ވެރިކަމަށް އަރާ ބާލާނެ ކަމަށް ވައުދު ވެވުނީ ދިވެހި އަޝްކަރިއްޔާއަށް އެބައެއްގެ އެހީތެރިކަން ކޮންމެ ދުވަހަކުހެން ބޭނުންވާ ބައެކެވެ. 

ވެރިކަމުގެ ދަހިވެތި ކަމުގައި ހޭވުނު ހަޑިން އިންޑިއާ އާއި ދިމާލަށް ބަލައިލާ އިސް އުފުލާލަން މުއިއްޒު ބިރުގެންފިއެވެ. ދަރަނި މެނޭޖުކުރަން އިންޑިއާ ފައިބުޑަށް ނުގޮހެއްވެސް ވާކަށްނެތެވެ. ސިޔާދަތުގެ ރަތް ރޮނގޭ ކިޔައިގެން ފުއްޕާފައި ނިކުމެ،  ރާއްޖޭގައި ތިބި މަދު އިންޑިއާ ސިފައިންކޮޅު ނެރެ ހޫރާ ލެވޭކަށް ނެތެވެ. ރައްޔިތުންގެ ކުރިމަތީގައި ފޮނި ކެނޑުނު ވަރުން އެމީހުން ބޭރުނުކޮށް ވާކަށްވެސް މުއިއްޒަކަށް ނެތެވެ. 

ކޮޕް28ގެ ހަވާސާއިން ބައްދަލުކޮށް އިންޑިއާ ބޮޑުވަޒީރު އަރިހުގައި ސިފައިން ބޭލުމާބެހޭ ގޮތުން ޗުއްޕުވެސް ބުނާކަށް މުއިއްޒަކަށް ނުކެރުނެވެ. ވާހަކަ ދެކެވުނީ ހަމަޖައްސަންޖެހޭ ދަރަނީގެ ކަންތައްތަކެއް ހުރުމުން ދެސަރުކާރުގެ މަތީފެންވަރުގެ މަޝްވަރާ ތަކެއް ފަށާށެވެ. އެވަހަކަ ދައްކަކަށް މުއިއްޒަކަށް ނުކެރޭނެ ތާއެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ކޮޅަކީ ރާއްޖެއިން ބޭނުންވެގެން ފޮނުވާފައި ތިބި ބައެކެވެ. އިންޑިއާއިން ގެނެސްފައި ތިބި ސިފައިން ކޮޅަކީ ސަރޗް އެންޑް ރެސްކިއު ވައިގެމަގުން ހިންގޭވަރުގެ އަޝްކަރީ ގާބިލުކަމާއި އެކަމަށް ހިނގާ ހަރަދު ކުރެވޭ ވަރުގެ މާލީ ތަނަވަސް ކަން ރާއްޖޭގައި ނެތުމުން ގެނެސްފައި ތިބި ބައެކެވެ. ސަރޗް އެންޑް ރެސްކިއު ވައިގެމަގުން ހިންގުމަށް ރާއްޖޭން އިންޑިއާގެ އެހީތެރިކަން ހޯދަން ފެށީ 2010 ވަނަ އަހަރުއްސުރެއެވެ. 

މުޅި މަންޒަރު މުއިއްޒަށް ސާފުވީއިރު މުއިއްޒުމެންގެ އަމަލުތައް ބެހެއްޓިގޮތުން ރާއްޖެއާއި އިންޑިއާގެ ގުޅުން އޮތީ މުއިއްޒުގެ ވެރިކަމުގައި އަނބުރާ އިޔާދަ ނުކުރެވޭ ވަރަށް ގޯސްވެފައެވެ. އިންޑިއާ އާއި ގުޅުން ރަނގަޅުކޮށް ދަރަނިތައް ރިސްޓްރަކްޗަރ ކުރުމަށްޓަކައި ވެސް ތިބި ސިފައިންކޮޅު ވައުދުވީ ގޮތަށް ބޭރުކުރެވޭކަށް ނެތެވެ. އަނެއްކޮޅުން އެމީހުން ދޭ އެހީތެރިކަމުގެ ބާވަތުން ދެ ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓުގެ އޮޕަރޭޝަންތައް ހިންގުން ދިވެހި އަޝްކަރިއްޔާއަށް އެހާ މުހިންމެވެ. ކަން ކޮންމެހެނެއް އޮތަސް ބޭރު ސިފައިންގެ މީހެއްގެ ބޫޓް ޖޯޑެއްވެސް ރާއްޖޭގައި ބެހެއްޓުމަކަށް ރައްޔިތުން މިހާރަކު ބޭނުމެއް ނޫނެވެ. 

އިންޑިއާ ސިފައިންގެ މައްސަލައިގައި ރައީސް މުއިއްޒު އެހުރީ ރަނގަޅަށް ދެހަރާ ސައިވެފައެވެ. އިންޑިއާ ސިފައިން ބޭލޭކަށް ނެތެވެ. ނުބާލާ ވާކަށް ވެސް ނެތެވެ. އެކިތަނުން ލިބޭ މައުލޫމާތު ދިމައެއް ނުވެއޭ ތިބި އިންޑިއާ ސިފައިންގެ އަދަދު ކަށަވަރެއް ނުވެއޭ ކިޔައިގެން ދިގު ދަންމަނީ ތިބި އިންޑިއާ ސިފައިން ނުބާލާ ވާން އޮތްގޮތެއް ފެނޭތޯއެވެ.